އަތް އުފުލައިގެން ދުޢާކުރުމާއިމެދު އެނގުން މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 14ސ
އަތް އުފުލައިގެން ދުޢާކުރުމާއިމެދު އެނގުން މުހިންމު ކަންކަން-

ދުޢާކުރާއިރު އަތް އުފުލައިލުމާއި، އެކަންކުރާނެ ވަގުތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ހަނދުމަކޮށްލައިމިދެނީ ދުޢާކުރުމުގައި އަތްއުފުލުމާއިބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝޤާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

ވިދާޅުވަމުން ގެންދަވާށެވެ!  

ދުޢާކުރުމުގައި ދެއަތް އުފުލާ ދުޢާކުރާނީ ކޮންއިރަކު ހެއްޔެވެ؟ އަދި ދުޢާކުރުމުގައި ދެއަތް ނޫފުލާ ދުޢާކުރަނީ ކޮން އިރަކު ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ.
ދުޢާކުރުމަކީ އަޅުކަމެކެވެ. ކޮންމެ އަޅުކަމަކަށްވެސް ޞައްޙަ ދަލީލެއް އޮންނަންޖެހެއެވެ. އަތްއުފުލުން ޝަރީޢަތުގައި އައިސްފައިވަނީ ދުޢާއާ ގުޅިގެންނެވެ. ނުވަތަ ދުޢާގެ މަޙައްލުގައެވެ. އެއީ ދުޢާ، އެހެން އަޅުކަމެއްގެ ތެރެއަށް ވަދެފައިވާ ޙާލަތުގަ މެނުވީއެވެ. 

އެފަދަ ޙާލަތެއްގައި ދުޢާކުރާއިރު އަތް އުފުލާނަމަ އެކުރެވެނީ އެ އަޅުކަން ކުރަން ވާރިދުވެފައިވާ ކައިފިއްޔަތާ ޚިލާފަށެވެ. އެއީ މިސާލަކަށް ނަމާދުގައި، ޚުޠުބާގެ ތެރޭގައި، ޠަވާފުކުރުމުގެ ތެރޭގައި، އަދި ސަޢްޔުކުރުމުގެ ތެރޭގައި ދެ އަތް އުފުލައިގެން ދުޢާކުރުމެވެ.
މިސާލަކަށް ނަމާދަށް ބަލާލާއިރު، ނަމާދުގައި އިސްތިފްތާޙުގެ ދުޢާ ކިޔާ އިރުގައްޔާއި، ރުކޫގައި ދުޢާކިޔާއިރު، އަދި ރުކޫން ތެދުވެ ދުޢާކިޔާއިރު، އަދި ދެސަޖިދަ ދެމެދު އިނދެ ދުޢާކުރާ އިރު، މި ހުރިހާ ވަޤުތުތަކުގައިވެސް މިކުރަނީ ދުޢާއެވެ. މި ޙާލަތްތަކުގައި ދުޢާކުރާ އިރު ދެއަތް އުފުލުން ވެގެންދާނީ ބިދުޢައިގެ ތެރެއިންނެވެ. އިމާމު މީހާ މިންބަރު މަތީގައި ދުޢާކުރާ އިރު އަތްއުފުލުންވެސް، ވާރޭ ވެއްސެވުމަށް އެދި ދުޢާކުރާއިރު މެނުވީ، ހިމެނިގެންދާނީ މިދެންނެވި ގޮތަށް ބިދުޢައިގެ ތެރެއިންނެވެ. ޠަވާފުކުރުމުގެ ތެރޭގައި އަދި ސަޢްޔު ކުރުމުގެ ތެރޭގައި ދުޢާކުރާއިރު އަތްއުފުލުންވެސް މިފަދައެވެ.

ދުޢާކުރާއިރު އަތް އުފުލުން ހުއްދަވެގެންވާކަމަށް ދަލީލުތަކުން ބާރުލިބޭ ޙާލަތްތަކުގައި ދުޢާކުރާއިރު އަތްއުފުލުމަކީ އެއްވެސް ޝައްކެތްނެތް ގޮތުގައި ހުއްދަކަމެކެވެ. ދެއަތް އުފުލުމުގެ މައްޗަށް ދަލީލެއް ނެތް ނަމަވެސް، އެ ދުޢާއަކީ އަޅުކަމެއްގެ ތެރޭގައި ކުރެވޭ ކަމެއް ނޫންނަމަ، އެ ހިމެނެނީ މުޠުލަޤު ދުޢާގެ ތެރޭގައެވެ. މިފަދަ ދުޢާތަކުގައި ދެއަތް އުފުލުމާމެދު އެއްވެސް މައްސަލައެއް ނެތެވެ. 

ދުޢާކުރުމުގައި ދެއަތް އުފުލުން މަޝްރޫޢުވެގެން ވާކަމުގެ ދަލީލުތައް: 

ސަލްމާނު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

( إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا ) ، رواه أبو داود ( 1488 ) وصححه الشيخ الألباني فيصحيح أبي داود” (1320) . 

"ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު، މާތް މަތިވެރި އިލާހީ، ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅާގެ ދެއަތް އެއިލާހުގެ ޙަޟްރަތަށް އުފުލައިފި ނަމަ ހުސްއަތާ އެދެއަތް ރައްދުކުރެއްވުމަށް އެއިލާހުގެ އަޅާގެ ކިބައިން އެއިލާހު ލަދުވެތިވެވޮޑިގަންނަވައެވެ." 

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.
އަބޫހުރައިރާ -ރަޟިޔަﷲ ޢަންހު- ގެ އަރިހުން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
((
إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ تعالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﴿يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا﴾، وَقَالَ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾
ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ، أَغْبَر،َ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟!)) [رَوَاهُ مُسْلِمٌ] 

މާނައީ: "ހަމަކަށަވަރުން ﷲ އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. 

ފަހެ، ﷲ تعالى ވަޙީކުރެއްވިއެވެ. "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ." އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ. 

"އޭ އިމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ."

ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. "އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ!" އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!”رواه مسلم
މި ޙަދީޘްތަކުން އެނގޭ ގޮތުގައި ދުޢާކުރާއިރު ދެއަތް އުފުލުމަކީ މަޝްރޫޢު ކަމެކެވެ.

ދުޢާކުރާއިރު ދެއަތް އުފުލުން ވާރިދުވެފައިވާ ބައެއް ޙާލަތްތައް

1- އިމާމު މީހާ ޚުޠުބާ ކިޔާއިރު ފެނަށް އެދި ދުޢާކުރާނަމަ ޚަޠީބު މީހާ ދެއަތް އުފުލައި ދުޢާކުރުން – މި ޙާލަތުގައި އަޑުއަހަން ތިބޭ މީހުން ދެއަތް އުފުލާކަށް ނުޖެހޭނެއެވެ.

2- ދަތުރެއްގެ މަތީގައި އުޅޭއިރު ދެއަތް އުފުލާ ދުޢާކުރުން

3- ޤުނޫތު ނާޒިލާގައި: ނަވާޒިލްތަކުގައި (ދިމާވާ ބޮޑެތި ކާރިސާތަކުގައި) ޤުނޫތު ކިޔާ ނަމަ، އެންމެ ފަހު ރަކުޢަތުގައި ރުކޫޢުން ތެދުވުމަށް ފަހު އޭނާގެ ދެ އަތް އުފުލުން އޭނާއަށް ޝަރުޢުކުރެވިގެންވެ އެވެ. އެކަމުގެ ދަލީލަކީ މުސްލިމުންގެ ތެރެއިންވީ ޤާރީވެރިންނާ ދެކޮޅަށް އަނިޔާވެރިވީ ޤަބީލާތަކުގެ މައްޗަށް ބަދު ދުޢާ ކުރެއްވި ހިނދު ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއަތްޕުޅު އުފުލެއްވުމެވެ. އަދި ހަމަ އެފަދައިން މައްކާ ފަތަޙަކުރެއްވުމުގެ ކުރިން ޤުރައިޝްގެ ކާފަރުންގެ މައްޗަށް ބަދު ދުޢާ ކުރެއްވި ހިނދު، އެންމެ ފަހު ރަކުޢަތުގައި ރުކޫޢުން ތެދުވެވަޑައިގަތުމަށް ދެއަތްޕުޅު އުފުއްލަވައި ދުޢާކުރެއްވިވެ.

4- ވިތުރީގެ ޤުނޫތުގައި.
5-
ޖަމުރާތަކަށް ހިލަ އުކާ ނިންމާފައި ދުޢާ ކުރާ އިރު
6-
ސަޢުޔުކުރާ އިރު ބުރު ހަމަކޮށްފައި، ޞަފާ އަދި މަރުވާ ފަރުބަދަ މަތީ ހުރެ ދުޢާކުރާ އިރު

ދުޢާކުރާއިރު ދެއަތް އުފުލުން ވާރިދުވެފައި ނުވާ ބައެއް ޙާލަތްތައް 

1- ފަރުޟު ފަސްނަމާދުގެ ތެރޭގައި އަދި ފަހުގައި ދުޢާކުރާ ނަމަ އެ ޙާލަތުގައި ދެއަތް އުފުލުން
2-
ބަންގިއަށް ފަހު ބަންގި ދުޢާ ކިޔާ ހިނދު ދެއަތް އުފުލުން
3-
ވުޟޫ ދުޢާ ކިޔާ ހިނދު ދެއަތް އުފުލުން
4-
ހެނދުނާ ހަވީރުގެ ދުޢާތައް ކިޔާއިރު ދެއަތް އުފުލުން

ފަރުޟު އަދި ސުންނަތް ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރުން 

ފަރުޟު ނަމާދުގެ ފަހުގައި ދުޢާކުރުން ދަންނައެވެ. ޢިލްމުވެރިންގެ ފަތުވާތަކަށް ބަލާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަލޭގެފާނު ފަރުޟު ނަމާދުތަކުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރެއްވިކަމަށް ޞައްޙަ ދަލީލެއް އައިސްފައި ނެތްކަމުން، އެކަން އެގޮތަށް ކުރުން ރަނގަޅު ނޫން ކަމަށް ފަތުވާދެއްވާފައިވެއެވެ. މިގޮތަށް ފަތުވާ ދެއްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚް ބިން ބާޒް ރަޙިމަހުﷲ އަދި ޝައިޚު ޢުޘައިމީން ރަޙިމަހުﷲ ހިމެނެއެވެ.
ސުންނަތް ނަމާދުގެ ފަހުގައި ދެއަތް އުފުލައި ދުޢާކުރުމުގައިވެސް ދާއިމީގޮތެއްގައި އަތް އުފުލުމަށް ވުރެ ބައެއް ފަހަރު އަތް އުފުލުން ރަނގަޅުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. مجموع فتاوى ومقالات للشيخ ابن باز 6 / 124

ޚުލާސާ: 

1- ދުޢާކުރުމުގައި ދެއަތް އުފުއްލެވިކަމަށް ޘާބިތުވާ މަޤާމުތަކުގައި ދެއަތް އުފުލުން-  

މިސާލަކަށް ޚުޠުބާ ކިޔާ މީހާ ފެނަށް އެދި ދަންނަވާއިރު ޚުޠުބާ ކިޔާ މީހާ ދެއަތް އުފުލުން، ވިތުރީގެ ޤުނޫތުގައި، ޤުނޫތު ނާޒިލާގައި ..

2- ދުޢާކުރުމުގައި ދެއަތް އުފުއްލެވިކަމަށް ޘާބިތުނުވާ މަޤާމުތަކުގައި އަތް ނުއުފުލުން، މިސާލަކަށް ފަރުޟު ނަމާދު ތަކުގެ ފަހުގައި ދުޢާކުރާއިރު، ބަންގިއަށް ފަހު ދުޢާކުރާއިރު، ވުޟޫ ދުޢާ ކިޔާ ހިނދު، ހެނދުނާ ހަވީރުގެ ދުޢާތައް ކިޔާ އިރު..
3-
އަޅުކަމެއްގެ ތެރޭގައި ނުހިމެނޭ، ޢާއްމު މުޠުލަޤު ދުޢާގައި ދެއަތް އުފުލައި ދުޢާކުރުން މިސާލަކަށް ހުކުރު ދުވަހު ޢަޞްރު ފަހުގައި ވާކަމަށް ބުނާ ދުޢާ އިޖާބަކުރެއްވުމުގެ ވަޤުތުގައި ނުވަތަ އެނޫންވެސް ދުޢާކުރަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަތް އުފުލައި ދުޢާކުރުން

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މަޞްދަރުތައް
https://islamqa.info/ar/11543
الوعاء في رفع اليدين من كل دعاء ، الطاهر زياني الجزائري

 

މިއަދު އޮންލައިން