ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފިނަމަ ދެން ދަރިއަކު ނުލިބޭނެތަ؟
ޖަވާބުގައި ބުނަން އޮތީ ނޫނެކެވެ! ﷲ ދެއްވަވަން އިރާދަކުރެއްވެވުމުން ލިބޭނެއެވެ. ވީމާ ނާއުންމީދުވެ ދުޢާކުރުން ހުއްޓައިނުލާށެވެ! އުންމީދުވެސް ކަނޑައިނުލާށެވެ. ތިރީގައިވާ ޙާދިށާއިންވެސް އެކަން ޔަޤީންކުރެއްވޭނެއެވެ. އިން ޝާ ﷲ
ދަރިން ލިބުމާއި ނުލިބުމުގައި އެއްވެސް މީހެއްގެ އަމިއްލަ ބާރެއް ނުއޮވެއެވެ. ބޭސްފަރުވާ ކުރިޔަސް، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރިޔަސް ދަރިން ލިބެނީ ﷲ ތަޢާލާ ދަރިން ދެއްވެވުމުންނެވެ.
އެހެންކަމާއިއެކުވެސް ދަރިން ނުލިބުމަކީ ކައިވެނި ރޫޅެން ދިމާވާ އެއް ސަބަބެވެ. ތިރީގައި އެވަނީ މިފަދަ ޙާލަތެއް ކުރިމަތިވި އަންހެނެއްގެ ޙަޔާތް ބަދަލުވެގެންދިއަގޮތުގެ ވާހަކައެވެ. ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ އަންހެނަކަށް 7 ދަރިން ލިބުނު ކަމުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރައްވާށެވެ.
އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅުނީ އަޅުގަނޑަށް ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ބުނުމުންނެވެ. ދަރިން ނުލިބޭނެ އަންހެނަކާއިއެކު ދިރިއުޅެން ފިރިމީހާ ބޭނުން ނުވުމުންނެވެ. އެކަމުގައި ފިރިމީހާ ކުށްވެރިކުރާކަށްވެސް ނެތީމެވެ. ކެތްތެރިކަން އެކި މީހުންގެ ހުންނާނީ އެކިވަރަށެވެ. އެކި މީހުން ކަންކަން ބޭނުންވާނީވެސް އެކިވަރަށެވެ. އެއީ ޝަކުވާކުރަންޖެހޭނެ ކަމެއް ނޫންވީމައެވެ.
އެއިގެ ފަހުން ބައްދަލުވާ ކޮންމެ މީހަކުވެސް އަޅުގަނޑާއި ދުރުވަނީ އަޅުގަނޑަކީ ދަރިން ނުލިބޭނެ އަންހެނެއް ކަމަށް ޑޮކްޓަރު ބުނެފައިވާކަން އެނގުމުންނެވެ. އަޅުގަނޑު އެކަން ސިއްރެއް ނުކުރަމެވެ. އޮޅުވައިލުމަކީ ފަހުން ހިތާމަކުރަންޖެހޭނެ ކަމަކަސްވާތީއެވެ.
އެކަމާއިވެސް ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. މުދަލާއި ދަރިން ދެއްވަވާނީ އެކަލާނގެކަން ހިތުގެ އަޑިން ޤަބޫލުކުރަމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ފުރަތަމަ ކައިވެނި ރޫޅުމަށް 12 އަހަރުވީފަހުން އަވަށްޓެރިޔާގެ އަނބިމީހާ ނިޔާވިއެވެ. އެއިރު ދމަފިރިންގެ 3 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. އެދެމަފިރިންނަކީ އެކަނި ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އެހެންކަމުން އެކުދިންގެ މަންމަ ނިޔާވުމުން އެކުއްޖާއަށް ލިބޭނެ ހިތްދަތިކަމާއި އެކުއްޖާގެ ބައްޕައަށް ކުރިމަތިވާނެ ތަކްލީފްތައް ވިސްނުނެވެ. އެހެންވެ ދަރިފުޅު ބަލަން އަޅުގަނޑާއި ޙަވާލުކޮށްދިނުމަށް އެދުނީމެވެ. އޭނާ ބޭނުންވީ އޭނާގެ ގޭގައި ބަހައްޓައިގެން ދަރިފުޅު ބަލައިދިނުމަށެވެ. އެގޮތަށްވެސް އަޅުގަނޑު ރުހި ދަރިފުޅު ބަލަހައްޓައިދޭން ފެށީމެވެ.
އަހަރެއްހައި ދުވަސްފަހުން އެއް ރޭ ކުއްޖާ ނިންދަވަން އުޅެނިކޮށް ކުއްޖާ އަމިއްލައަށް ބައްޕައަށް ގޮވާލިއެވެ. ބައްޕަ އައުމުން ބުންޏެވެ. "ކޮންމެ ރެއަކު ކޮއްކޮ ނިންދަވާފަ މަންމަ ދަނީ ކޮންތާކަށްތަ؟ ކޮއްކޮއަށް ހޭލެވޭއިރު މަންމަ ކޮޓަރިއަކު ނުހުރޭ. މަންމަ ނުކުތަ ނުދީ ނިކަން ކޮޓަރީގަ ބަހައްޓަބަލަ! ހޭލެވޭއިރު މަންމަ ނުފެންނާތީ ކޮއްކޮ ވަރަށް ދެރަވޭ!"
ބައްޕަގެ ޖަވާބަކަށްވީ "މަންމަ ކޮޓަރިން ނުކުތަނުދީ ހިފަހައްޓަން ބައްޕަ މަސައްކަތްކުރާނެ"ކަމެވެ.
އެރޭ ދެމީހުން ކާމޭޒުދޮށުގައި ތިބެފައި އޭނާ ބުންޏެވެ. "ކޮއްކޮގެ މަންމަ ކޮޓަރިން ނުކުތަނުދީ ހިފަހައްޓަން މިއޮތީޖެހިފަ. އެކަން ކޮއްކޮގެ ބައްޕައަށް ކުރެވިދާނެތަ؟"
ޖަވާބުގައި ބުނީމެވެ. "ކުރަން ބޭނުންވެގެން ކުރާހިތުން ކޮށްފިނަމަ ކުރެވޭނެއެވެ!"
އެރޭ އޭނާ ނިދީ ސިޓިންގ ރޫމްގައެވެ. އަޅުގަނޑު ނިދީ ކޮޓަރީގައެވެ. ކޮއްކޮ ކައިރީގައެވެ. އެއިރަކީ ވަލީ ލިބޭނަމަ އެދުވަހުން އެދުވަހަށްވެސް ކައިވެނިކުރެވޭ ޒަމާނެވެ. އަނެއް ދުވަހު އަހަރެމެން ތިބީ ކައިވެނިކޮށްގެންނެވެ.
އަހަރެންވީ ޤުރްބާނީގެ އަގު ވަރަށް އަވަހަށް ލިބުނެވެ. ކައިވެންޏަށް އަހަރުފުރުނިއިރު ފިރިހެން ދަރިއަކު ވަނީ ލިބިފައެވެ. ވިއްސީވެސް އަޅުގަނޑަށް ދަރިން ނުލިބޭނެ ކަމަށް ބުނި ޑޮކްޓަރެވެ. އެކަމާ ޑޮކްޓަރު ކުށްވެރިކުރާކަށްވެސް ނެތީމެވެ. ޑޮކްޓަރު އެބުނީ އޭނާއަށް އެނގޭ މިންވަރުންނެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެ ވަގުތަކުވެސް ޙާލަތު ބަދަލުކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.
މިކިޔައިދިނީ މީގެ 30 އަހަރުކުރީގައި ކަންހިނގައިދިއަ ގޮތެވެ. މިހާރު ދެމީހުންގެ 7 ދަރިންނާއި އޭނާގެ ދަރިފުޅާއިއެކު 8 ދަރިން އެބަތިއްބެވެ. ކާފަ މާމަކިޔައި އިތުރުވެސްވެއްޖެއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ އިޚްލާޞްތެރިކަމާއިއެކު ކުޑަކުދިން ބަލާށެވެ! ބަދަލުގައި ދެއްވަވާނީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން ނުވެސް އެނގޭނެއެވެ.
ދެން ބުނެލަން ބޭނުމީ މާތް ﷲ އަށްޓަކައި ލޯބިވެއްޖެނަމަ ލޯބި އުފެދި އިތުރުވާގޮތް ނުވެސް އެނގޭނެކަމެވެ. އަހަރެމެން ދެމީހުން ކައިވެނިކުރިއިރުވެސް އެންމެ ކުޑަމިނުން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށްވެސް ބުނެވިފައެއް ނުވާނެއެވެ. ކައިވެނިކުރީ ކުޑަ ދަރިފުޅަށްޓަކައެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން އެދިގެންނެވެ. މާތް ﷲ އަށް ލޯބިންނެވެ.
ފިރިމީހާ އަޅުގަނޑަށްވުރެ 10 އަހަރު ހަގެވެ. ނަމަވެސް ފިރިމީހާ އަޅުގަނޑު ގެންގުޅެނީ އަޅުގަނޑަށްވުރެ 20 އަހަރު ދޮށީ ފިރިހެނަކުވެސް މަދުން ނޫނީ އަނބިމީހާ ނުގެންގުޅޭނެހައި ލޯބިންނެވެ. ވީމާ މާތް ﷲ އަށްޓަކައި ލޯބިވުމުގެ ފައިދާ މިދަނީ ތަޖުރިބާކުރެވެމުންނެވެ. އިން ޝާ ﷲ
- ބަޝީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް