ފިރިހެނުންނަށް 4 އަނބިން ހުއްދަ ނަމަވެސް އެކަމަށް ނުރުހި ވަކިވާންއެދޭ އަނބިމީހާ ދޫކޮށްނުލައި ހިފެހެއްޓުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިރިހެނުންނަށް 4 އަނބިން ހުއްދަ ނަމަވެސް އެކަމަށް ނުރުހި ވަކިވާންއެދޭ އަނބިމީހާ ދޫކޮށްނުލައި ހިފެހެއްޓުމެއް ނެތް!

ފިރިހެނުންނަށް ގިނަ އަނބިން ހުއްދައެވެ. ޝަރުޠުހަމަވާނަމަ 4 އަނބިން ހަމަކުރުންވެސް ހުއްދައެވެ. ނަމަވެސް ގިނަ އަނބިން ހޯދަންވާނީ މަކަރުވެރި ގޮތުގައެއް ނޫނެވެ. އަނބިމިހާއަށް އެކަން އަންގައިގެންނެވެ. ސަބަބަކީ ކުއްލިއަކަށް އެފަދަ ކަމެއްގެ ޚަބަރު ލިބުމުން ލިބޭ މާޔޫސްކަމުގައި އަނބިންނަށް ބޮޑެތި ގެއްލުންތައް ލިބޭތީއެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބޭނެ އެއްވެސް ކަމެއް ކުރުމެއް ނެތެވެ. 

އަނބިމީހާ ނުރުހުނަސް ދެވަނަ ކައިވެނިކުރެވޭނެއެވެ. ނަމަވެސް އަނބިމީހާ އާއި ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭ މީހަކު ދެވަނަ އަންތބަކު ހޯދުމެއް ނެތެވެ. ސަބަބަކީ ކައިވެނިކުރަން އޮތީވެސް އަދި ގިނަ އަނބިން ހޯދަން އޮތީވެސް އެމީހަކުގެ ޝަރުޠުތައް ފުރިހަމަވާނަމައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ޝަރުޠަކީ އަޅައިލުމާއި ޚަރަދުކުރުމެވެ. ބެލެހެއްޓުމެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. 

ހަމައެއާއިއެކު ވިސްނަން ޖެހޭނެ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ދެވަނަ ކައިވެނިކުރުމަކީ މަދު އަންހެނަކު ނޫނީ ރުހޭނެ ކަމެއް ނޫނެވެ. އެއީ ހިތުގެ އަޑިން އެއްވެސް އަންހެނަކަށް ޤަބޫލުކުރެވޭނެ ކަމެއްނަމަ މިއުންމަތުގެ މައިކަނބަލުން، ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންގެ މެދުގައި މައްސަލައެއް ނުޖެހުނީހެވެ. މައްސލަތައް ޖެހުނުކަން ޙަދީޘްފުޅުން ޘާބިތެވެ. 

ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ އަނބިމީހާ ނުރުހޭނަމަ އެންމެ ރަނގަޅު ގޮތަކީ ދެވަނަ ކައިވެނިނުކުރުމެވެ. އަނބިމީހާގެ ނުރުހުމުގައި ދެވަނަ ކައިވެނިކުރާތީ ނުވަތަ ކުރީތީ އަނބިމީހާ ބޭނުންވަނީ ވަކިވާންނަމަ އޮތީ ވަކިވާންއެދޭ އަނބިމީހާ ދޫކޮށްލުމެވެ. އެކަނބުލޭގެ ގެ ނުރުހުމުގައި ގަދަކަމުން އެންމެ ހިނދުކޮޅަކުވެސް ގެންގުޅުމެއް ނެތެވެ. އެކަން ވާނީ ކުރެވޭ އަނިޔާއަކަށެވެ. ވިސްނައިދޭށެވެ! ވިސްނައިދިނުމުންވެސް ޤަބޫލުނުކުރާނަމަ އެކަނބުލޭގެގެ ނިންމުމަށް އިޙްތިރާމްކުރާށެވެ!  

މިވާހަކަތައް ވަރަށް ގިނައިން ކިޔައިދެވެއެވެ. ނަމަވެސް އަޑުއިވެނީ ވަރަށް މަދުބައަކަށެވެ. މިބުނަނީ ޢަމަލުކުރަނީ މަދު ބައަކު ކަމެވެ. ވީމާ ހޭލުންތެރިކުރުވުމުގެ ގޮތުން ތަކުރާރުކުރަން މިޖެހެނީ ކޮންމެ ދުވަހަކުވެސް މިފަދަ ކަންކަމުގެ ޝަކުވާތައް ލިބޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން