ޢާއިޝަތު ރަފާޙް ޢަލީ
"އަޅުގަނޑަކީ ލަދުވެތިކަމުގެ ސަބަބުން އިޖްތިމާޢީ ގުޅުންތަކުގައި ފަސްޖެހުމުގެ މައްސަލައަކާ ކުރިމަތިލަމުންދާ ފަރުދެކެވެ. މި ޙާލަތު ވަނީ އެހާ ބޮޑަށް ފާޅުވެފައިވާތީ، އަޅުގަނޑުގެ މަންމަވެސް މިކަމާމެދު ކަންބޮޑުވެ، ފަރުވާއެއް ހޯދުމަށް އަޅުގަނޑަށް ބާރުއަޅުއްވާފައިވެއެވެ. އެހެންކަމުން، އަޅުގަނޑު ސުވާލުކޮށްލަން ބޭނ ބޭނުންވަނީ، މިފަދަ އިޖްތިމާޢީ ފަސްޖެހުމަކީ އަޅުގަނޑުގެ ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއްތޯއެވެ؟ އަދި މިކަމުން އަރައިގަތުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯއެވެ؟
ޖަވާބު: ލަދުވެތިކަމަކީ ވަރަށް ރީތި ސިފައެކެވެ. އެއީ ފިރިހެނަކަށް ވިޔަސް އަންހެނަކަށް ވިޔަސް މެއެވެ. ލަދުވެތިކަމުން އަންނަނީ ހަމައެކަނި ހެޔޮކަމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ފަދައިންނެވެ.
އަހަރެން ޤަބޫލުކުރާ ގޮތުގައި ތިބާގެ މަންމަ ހީކުރެއްވީ ތިބާގެ ކިބައިގައި ވާ ލަދުވެތިކަމަކީ ނުބައި ސިފައެއް ކަމަށެވެ. އެއީ މީހާއަށް ކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެސިފައަކީ އިންސާނާ އަބަދުވެސް ހެޔޮކަމަށް ގޮވާލާ އަދި ހުރިހާ ނުބައި ކަމަކުން ދުރުކޮށްދޭ އެއްޗެކެވެ. ލަދުވެތިކަމަކީ އިސްލާމީ އަޞްލު އަޚްލާޤެކެވެ.
ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
لكل دين خلق، وخلق هذا الدين الحياء.
މާނައީ: "ކޮންމެ ދީނަކަށްވެސް ޚާއްޞަ އަޚްލާޤެއް ވެއެވެ. އަދި މި (އިސްލާމް) ދީނުގެ އަޚްލާޤަކީ ލަދުވެތިކަމެވެ.
އެހެންކަމުން އަދަބުވެރިކަމާއި ޙަޔާތެރިކަމުގެ މި މާތް ސިފަ ތިބާގެ ކިބައިގައި އަބަދުމެ ދެމިއޮތުމަކީ އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއެވެ.
ޤުރްއާނުން އަހަރެންނަށް އުނގަންނައިދެއްވަނީ މި ރިވެތި އަޚްލާޤުގެ ސަބަބުން، އަހަރެންގެ އަޚްލާޤު އިތުރަށް ރިވެތިކުރުމަށް މަގުފަހިވެގެންދެއެވެ. މީގެ ތެރޭގައި ލަދުވެތިކަން ހިމެނެއެވެ. އަދި އަހަރެންނާ ގުޅުން ނެތް ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުން ދުރުހެލިވުމަށް އިރުޝާދު ދެއެވެ.
ﷲ ތަޢާލާ މާއިދާ ސޫރަތުގެ 101 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَسْأَلُوا عَنْ أَشْيَاءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُوا عَنْهَا حِينَ يُنَزَّلُ الْقُرْآنُ تُبْدَ لَكُمْ عَفَا اللَّهُ عَنْهَا ۗ وَاللَّهُ غَفُورٌ حَلِيمٌ ﴿١٠١﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން سؤال ނުކުރާށެވެ. އަދި قرآن ބާވައިލައްވާހިނދު އެކަންކަމާމެދު ތިޔަބައިމީހުން سؤال ކުރާނަމަ، އެކަންކަން ތިޔަބައިމީހުންނަށް ފާޅުކުރައްވައިފާނެތެވެ. (އިސްވެގޮސްފައިވާ) سؤال ކުރުމުގެ ކުށް، اللَّه عفو ކުރައްވައިފިއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ ރަސްކަލާނގެއެވެ. (101)"
ތިބާގެ ރައްޓެހިންނާއި އެކުވެރިންނަށް އަމިއްލަ ސުވާލުތަކުން އުނދަގޫ ނުކުރުމަށް އަބަދުވެސް ސަމާލުކަން ދެއްވާށެވެ. އެފަދަ ސުވާލުތަކަކީ ގިނަފަހަރު ތިބާއާ ސީދާ ގުޅުމެއް ނެތް، އަދި އެ މީހުންނަށް އުނދަގޫވެދާނެ ކަންތައްތަކެވެ.
މިސާލަކަށް: "ތިބާގެ މުސާރައަކީ ކޮބައިތޯ؟" "ކައިވެނި ކުރާނީ ކޮން އިރަކުން؟" "ކީއްވެގެންތޯ މިހާތަނަށް ﷲ ތިބާއަށް ދަރިން ދެއްވާފައި ނުވަނީ؟" ފަދަ ސުވާލުތައް ކުރުމުން ދުރުހެލިވާށެވެ. މިފަދަ ސުވާލުތަކަކީ އަމިއްލަ ޒާތީ ކަންތައްތަކެވެ.
ހަނދުމަފުޅު ބަހައްޓަވާށެވެ، ޤުރުއާނުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ އިންސާނާގެ ރީތިކަން ވަނީ އޭނާގެ ލަދުވެތިކަމުގައި ކަމަށެވެ.
ﷲ ތަޢާލާ މޫސާ ޢަލައިހިއްސަލާމްގެ ވާހަކަފުޅުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ޤަޞަޞް ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ
މާނައީ: ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ."
"މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންހެނާގެ ރީތިކަން ސިފަ ނުކުރައްވަވައެވެ. އެހެނެއްކަމަކު، އޭނާގެ އެންމެ ރީތި ސިފައިން ސިފަކުރައްވާފައިވަނީ އޭނާގެ ލަދުވެތިކަމެވެ.
އެއްދުވަހަކު ނަބިއްޔާ ﷺ ވަޑައިގަންނަވަނިކޮށް އެކަލޭގެފާނަށް އިވިވަޑައިގަތީ މީހަކު އޭނާގެ އަޚާއަށް ލަދުވެތިކަމާއި ބެހޭގޮތުން ނަސޭހަތްތެރިވަމުންދާ އަޑެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
الْحَياءُ شُعْبَةٌ مِنَ الإيمانِ.
މާނައީ: ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ.
އޭ އަޅަމެން ހެއްދެވި އަދި ބޮޑުކުރެއްވި ކީރިތިވަންތަ ރަސްކަލާކޯ! އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ލޯބި އަށަގަންނަވައި، އެކަން ޒީނަތްތެރި ކުރައްވާނދޭވެ!