ބުރަކޮށް މަސައްކަތްކުރަން ޖެހުމަކީ އަވަހަށް މަރުވަން ދިމާވާ ސަބަބެއް ނޫނެވެ. ނަމަވެސް ކަމެއް ދިމާވާއިރަށް ހާސްވެ ކަންބޮޑުވުމަކީ އަވަހަށް މަރުވަން ދިމާވާ ސަބަބެކެވެ. ވީމާ މިކަމަށް ވިސްނަން ޖެހޭނެއެވެ.
ކަމެއް ދިމާވާއިރަށް ހާސްވެ ކަންބޮޑުވާނަމަ ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެއެވެ. އެކަމުގެ ސަބަބުން ސްޓްރޯކްޖެހެއެވެ. ވެންތިލޭޓަރަށްލާންވެސް ޖެހެއެވެ.
ހަމައެފަދައިން ހިތުގެ ހިނގުމަށް ބަދަލުއައިސް ނާރުތަކުގައި ލޭދައުރުކުރުމަށް މައްސަލަތައް ކުރިމަތިވެއެވެ. އަދި ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި ހާސްވެ ކަންބޮޑުވުން ގިނަވެއްޖެނަމަ ގޭސް އުފެދެއެވެ. ބަނޑުހަރުވެ ފާޚާނާކުރުމަށް މައްސަލަތައް ކުރިމަތިވެއެވެ.
މިހިރަ ހުރިހާ ކަންކަމަކީވެސް ޞިއްޙީ ބޮޑެތި މައްސަލަތަކެވެ. ވިސްނައިގެން ދިރިއުޅެން މަސައްކަތްކޮށްފިނަމަ ސަލާމަތްވެވިދާނެ މައްސަލަތަކެވެ. ނަމަވެސް އެކަން ކުރެވޭނީ އަމިއްލަ ނަފްސްގެ މައްޗަށް ބާރު ހިންގަން މަސައްކަތްކޮށްފިނަމައެވެ.
ކުރަން އޮތް ކަމަކީ ތިމާ ޙައްޤުމަގުގައި ހުރުމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަން ކުރިމަތިވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުކޮށް ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭނެ މިންވަރަށް ނުވިސްނުމެވެ. ކަންބޮޑުނުވުމެވެ. ތިމާއަށް ނުއުފުއްލޭނެ ވަރުގެ ތަކްލީފެއް ނުޖައްސަވާނެ ކަމުގެ ޔަޤީންކަމުގައި ހުރުމެވެ.
އެއިރުން ތިބާގެ ބަދަލުގައި ތިބާ މާޔޫސްކުރުވައި ހިތްދަތިކުރުވައި ދިރިއުޅުންމަތިން ފޫހިކުރުވަން މަސައްކަތްކުރާ އެންމެންނަށްވެސް ލިބޭނީ މާޔޫސްކަމެވެ. ތިބާއަށް ލިބޭނީ ކާމިޔާބީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން