ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 12: ޠޫފާނުގެ ބާރުގަދަކަމާ އެންމެ އުސް ފަރުބަދަތަކަށްވުރެ މާމައްޗަށް ފެންގަނޑު އުފުލުން

ކިޔުމަށް ހޭދަވާނީ 3މ 55ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 12: ޠޫފާނުގެ ބާރުގަދަކަމާ އެންމެ އުސް ފަރުބަދަތަކަށްވުރެ މާމައްޗަށް ފެންގަނޑު އުފުލުން

ޢަލީ އިޙްޞާން ފިރާޤް

 

މުފައްސިރުންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެފައިވާކަމަށް، އަލްބިދާޔަތު  ވައްނިހާޔަތުގައި، އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ތޫފާނުގައި ފެންގަނޑު ބޮޑުވެގެންގޮސް ދުނިޔޭގައިވާ އެންމެއުސް ފަރުބަދައަށްވުރެ 15 މުށް އުހަށް މުޅިބިމުގައި ފެންބޮޑުވިއެވެ.] ހަމަ މިގޮތަށް ފޮތުގެ އަހުލުވެރިންވެސް ބުނެ އުޅޭކަމަށް އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހު ވިދާޅުވެފައިވެއެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 263}

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. [ނޫޙުގެފާނުގެ ޒަމާނުގެ ތޫފާނުގެ ސަބަބުން 80 މުށަށް ފެންބޮޑުވިއެވެ. އުސްތަންތަނާއި އަޑިތަންނާއި ފަރުބަދަތަކާއި ވާދީތައް އާންމުވެދާގޮތަށް ތޫފާން އައެވެ. އޭރު ދުނިޔޭގެ ބިންމަތީގައި އުޅުނު އެއްވެސް ކަހަލަ ދިރޭއެއްޗެއް ބޮޑަސް އަދި ކުޑަޔަސް މި ތޫފާންގެ ސަބަބުން ނެތިފަނާވެގެން ނުދާ އެއްވެސް އެއްޗެއްނުވެއެވެ.]  {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 264} 

އިމާމު މާލިކު ރަޙިމަހު، ޒައިދު ބިން އަސްލަމުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. [ތޫފާން އައި ހިނދު މީސްތަކުން ފެންގަނޑުން ސަލާމަތްވުމަށްޓަކައި ފަރުބަދަތަކަށާއި އުސް ތަންތަނަށް އެރިއެވެ.] {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 264}

ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއް، އާއި އިމާމު އަބޫ ޖަޢުފަރުއް ރާޒީ އެބޭކަލުންގެ ތަފްސީރުގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަޢަންހާގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. "މާތް الله سبحانه وتعالى، نوح عليه السّلام ގެ ޤައުމުގެ މީހުންކުރެ އެކެއްގެ މައްޗަށް އޯގާވަންތަވެރިވެވޮޑިގެންނަމަ ޅަ ދަރީންގެ މައިންނަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގަތީހެވެ.] {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 266} މިއީ ޣަރީބު ޙަދީޘެކެވެ.

އަލްބިދާޔަތު ވައްނިހާޔަތުގައިވާ އިތުރު އެހެން ރިވާޔަތެއްގެ މާނައިގައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.  [نوح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ނުވަސަތޭކަ ފަންސާސް އަހަރުވަންދެން ހުންނެވިއެވެ. ނާކޮޅު ބެންނެވުމަށްޓަކައި 100 އަހަރު ގަސްހެއްދެއްވިއެވެ. އެގަސް ބޮޑުވެ އެކިފަރާތްފަރާތަށް ބޮޑެތި ގޮފިތައް ފެތުރުނެވެ. ދެން އެކަލޭގެފާނު އެގަސްކަނޑުއްވައި ނާކޮޅު ބެންނެވިއެވެ. އެކަލޭގެފާނު ޤައުމުގެ މީސްތަކުން އެކަލޭގެފާނު އަރިހަށް އައިސް ގޮސްވެއުޅެއެވެ. އެކަލޭގެފާނަށް މަލާމާތްކޮށް އެބައިމީހުން އުޅެއެވެ. އެމީހުން ބުނެއެވެ. މި ނާކޮޅު ދުއްވާނީ ކޮންތާކު ހެއްޔެވެ؟ އެއްގަމުގައި ބަންނަ ނަވެއްހެއްޔެވެ؟ نوح عليه السّلام އެބައިމީހުންނަށް ޖަވާބު ދެއްވައި ވިދާޅުވެއެވެ. ތިޔަބައިމީހުންނަށް ކަންހިނގާގޮތް އެނގިދާނެތާއެވެ! 

ފަހެ نوح عليه السّلام ނާކޮޅު ބަންނަވައި ނިމި ބިމާއި އުޑުގެ ފެން ގުޅި ހުރިހައި މަގުމަގާއި ގޯޅިތަކުގައި ފެންބޮޑުވެއްޖެއެވެ. ތުއްތުކުދިންގެ މައިން އެބައިމީހުންގެ ދަރިފުޅު ޣަރަޤުވެ މަރުވެދާނެ ކަމަށް ބިރުވެތިވެއްޖެއެވެ. ދެން އޭނާ ލޯބިވާ ދަރިފުޅު ގޮވައިގެން ފަރުބަދައަކަށް އަރަންފެށިއެވެ. އެނާ ފަރުބަދާގެ ތިންބައިކުޅަ އެއްބަޔަށް އެރިއެވެ. ދެން ފަރުބަދައިގެ އެހިސާބަށް ފެންގަނޑު އެރުމުން އޭނާގެ ދަރިފުޅު ގޮވައިގެން ފަރުބަދައިގެ އެންމެ އުހަށް އެރިއެވެ. 

އެތާއިނދެ ފެންގަނޑު ބޮޑުވެ އެކަނބުލޭގެ ކަރާހަމައަށް ފެންގަނޑު އެރުމުން އޭނާގެ ދެއަތްމައްޗަށް ދަރިފުޅު އުފުލައިލިއެވެ. އެންމެ ފަހުން ފެންބޮޑުވެ ދެމައިން އެކުގައި ޣަރަޤުވެ ދިޔައީއެވެ. ފަހެ މާތް الله سبحانه وتعالى އެބައިމީހުންކުރެ އެކެއްގެ މައްޗަށްވެސް އޯގާވަންތަވެވޮޑިގެންނަމަ އެތުއްތު ކުއްޖާގެ މައިމީހާގެ މައްޗަށް އޯގާވަންތަވެވޮޑިގެން އެދެމައިން ސަލާމަތް ކުރެއްވީހެވެ. {އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 266. އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު، ނަބީބޭކަލުންގެ ވާހަކަ1، ޞަފްޙާ 246}

މި ދެންނެވި ރިވާޔަތް ބަޔާން ކުރެއްވުމަށްފަހު އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މި ރިވާޔަތަކީ ޣަރީބު ރިވާޔަތެކެވެ.

 

މިއަދު އޮންލައިން