ޢުމުރުން ދުވަސްވީމާ ޞިއްޙީ މައްސަލަތައް ދިމާވެ ގިނަ ބައަކަށް އޮންނަނީ ގިނައިން އަޅުކަންކުރަން އުނދަގޫވެފަ! އޮތީ ކުރިއާލައި ތައްޔާރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢުމުރުން ދުވަސްވީމާ ޞިއްޙީ މައްސަލަތައް ދިމާވެ ގިނަ ބައަކަށް އޮންނަނީ ގިނައިން އަޅުކަންކުރަން އުނދަގޫވެފަ! އޮތީ ކުރިއާލައި ތައްޔާރުވުން!

ޢާންމު ގޮތަކަށް ބަލައިފިނަމަ ޢުމުރުން ދުވަސްވީމާ ސަލާމަތް ޞިއްހަތެއްގައި ހުރެވެނީ މަދުމީހަކަށެވެ. ގިން ބައަކަށް އޮންނަނީ ޞިއްޙީ މައްސަލަތައް ކުރިމަތިވެފައެވެ. އެކަމަކު ކޮންމެ މުސްލިމަކުވެސް އެންމެ ގިނައިން އަޅުކަންކުރަން ބޭނުންވާނީ ޢުމުރުން ދުވަސްވުމުންނެވެ.  

މިބުނަނީ ޢުމުރުން ދުވަސްވުމުން އަޅުކަންކުރަން ފަށަން މަޑުކޮށްގެން ތިބޭ މީހުންގެ ވާހަކައެއް ނޫނެވެ. ކުރިޢާލައި އަޅުކަންކުރަމުން އަންނަ މީހުންގެވެސް ވާހަކައެވެ. ޢުމުރުން ދުވަސްވާރަކަށް މަރު ގާތްވަމުން އަންނަކަން އިޙްޞާޞްކުރެވޭ މިންވަރު ބޮޑުވާތީއެވެ.  

މިކަމަށް އޮތީ ކުރިއާލައި ތައްޔާރުވުމެވެ. އެގޮތުން ކުރިންސުރެ ޤަވާއިދުން އަޅުކަންކުރަމުން އައުމަކީ އެންމެ މުހިންމު ކަންތަކެވެ. ސަބަބަކީ އެއިރުން ޞިއްހީ ސަބަބެއް ދިމާވެ ކުރިން ކުރަމުން އައި ހެޔޮ ޢަމަލުތައް ނުކުރެވުނަސް އެމީހަކަށްޓަކައި އެމީހެއްގެ ފަތުގައި ލިޔުއްވަވާނެތީއެވެ. އެކަންކަން ކުރިކަމަށެވެ. އިން ޝާ ﷲ  

މިބަސްކޮޅާއިއެކު މިގެނެސްދެނީ ޢުމުރުން ދުވަސްވާ ދުވަހަށް އިތުރަށް ވަރަށް ފުރިހަމައަށް ތައްޔާރުވި ތަޤްވާވެރި އަޅުވެރިއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!  

އޭނާއަކީ ލަފާކުރެވޭ ގޮތުން ޢުމުރުން 80 އަހަރުވެފައިވާ މީހެކެވެ. އަތްމަތި ތަނަވަސް މަޙުޖަނެއް ނޫނެވެ. އާދައިގެ ފެނަވަރެއްގައި ދިރިއުޅޭ މީހެކެވެ. ނަމަވެސް އޭނާ މަސައްކަތްކުރަނީ ބިލިއަނަރުންގެ ފެނަވަރުގައި އާޚިރަތަށްދާށެވެ. 

ކޮންމެ ދުވަހަކުހެން އޭނާ ވަރަށް އެކަށީގެންވާ ޢަދަދަކަށް ރުފިޔާ އެކިމީހުންނަށް ޞަދަޤާތްކުރެއެވެ. ގިނައިން ޞަދަޤާތްކުރަނީ މިސްކިތަށް ނަމާދަށް އަރައިއުޅޭ މީހުންނަށެވެ.  

މިފައިސާ އޭނާ ހޯދާގޮތަކާއިބެހޭގޮތުން އޭނާގެ ދަރިއަކާއި ސުވާލުކުރުމުން ބުނީ: "ބައްޕަވަނީ އާމްދަނީ ލިބޭނެ ބައެއް ކުދިކުދި ކަންކަންކޮށްފަ! އެކަންކަމުން ލިބޭ އެއްޗަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ ޕެންޝަނުގެ ފައިސާ ބައްޕައަށްވެސް ލިބޭތީ އެފައިސާއިން ބައްޕަ ޞަދަޤާތްކުރަނީ. އެއްވެސް ދަރިއަކާއި އެކަމަކާ ނުބައްސާނެ." ކަމަށެވެ.  

އަޅުގަނޑު ހިތަށް އެރިއެވެ. "އޭނާއަށް ލިބޭ ފައިސާ އެޖަމާކުރަނީ ހާދަ ފައިދާހުރި އެކައުންޓަކަށެވެ. އިތުރުކޮށްދެއްވަވާނެ ޢަދަދުވެސް ނުއެނގޭ އެކައުންޓަކަށެވެ. ދުނިޔޭގައި އެފައިސާއިން އޭނާގެ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުކުރި ނަމަވެސް މަރުވާ ވަޤުތުން ފެށިގެން ހާދަ ބޮޑު ފައިދާއެއް ކުރާނެތާއެވެ.    

އަބަދުވެސް ހެވިފައި ހުންނަ، އެންމެންނާއި އެކުވެރި، އެންމެންނާއި ސަމާސަކުރާ، ކޮންމެ ދުވަހަކުހެން މިސްކިތުން ބައްދަލުވާ އެބޭބެއަށް ﷲ ގެ ރުހިވޮޑިގަތުން މިންވަރުކުރައްވަވާށި! އެބޭބެކުރާ ހެޔޮ ޢަމަލުތައް ޤަބޫލުފުޅު ކުރައްވަވާށި! އާމީން  

މިވާހަކަ ހާމަމިކުރީ މިފަދަ ހެޔޮލަފާ މީހުންގެ ކިބައިން ޢިބްރަތް ޙާޞިލްކޮށް އޭނާފަދައިން އާޚިރަތް ލިބިގަންނަން މަސައްކަތްކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން