ޢާއިޝަތު ރަފާޙް ޢަލީ
· ތަރިތަކުގެ ދައުރު:
ﷲ ތަޢާލާ މުލްކު ސޫރަތުގެ 5 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ ﴿٥﴾
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. އަދި شيطان ންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطان ންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ. (5)"
މިއާޔަތުގައި މިވާ ބައްތިތައް އެބަހުގެ މުރާދަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އުޑު ޒީނަތްތެރި ކުރެއްވުމަށްޓަކައި ޕްލެނެޓްތަކާއި ތަރިތައް ލައްވާފައިވާކަމެވެ. މީގެ އިތުރުން ކީރިތި ޤުރްއާނުގެ އެހެން އާޔަތްތަކުން އެތަކެތި ލައްވާފައިވަނީ ހަމައެކަނި ޒީނަތްތެރި ކުރުމަށް ނޫންކަން ދޭހަވެެެއެވެ.
ޤަތާދާ ވިދާޅުވަނީ އެތަކެތި ލައްވާފައިވަނީ އުޑު ޒީނަތްތެރިކުރުމަށާއި، ޝައިތާނުންނާއި ދިމާއަށް އުކޭ ގިނިހިލަތަކެއް ކަމުގައާއި، އެއްގަމާއި ކަނޑުގައި ދަތުރުކޮށް އުޅޭ މީހުންނަށް ފާހަގައެއް ގޮތަށެވެ.
އަދި ޞާއްފާތު ސޫރަތުގެ 1 ވަނަ އާޔަތުން 10 ވަނަ އާޔަތައް މިކަމާ ގުޅެގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَالصَّافَّاتِ صَفًّا ﴿١﴾ فَالزَّاجِرَاتِ زَجْرًا ﴿٢﴾ فَالتَّالِيَاتِ ذِكْرًا ﴿٣﴾ إِنَّ إِلَٰهَكُمْ لَوَاحِدٌ ﴿٤﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ ﴿٥﴾ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾
މާނައީ: "ސަފުސަފަށް ތިއްބަވާ ملائكة ންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ ملائكة ންނާއި، قرآن ކިޔަވައިވިދާޅުވާ ملائكة ން ގަންދެއްވައި وحى ކުރައްވަމެވެ. (1–3) ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله އަކީ އެއްކައުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (4) (އެކަލާނގެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާ ތަނާއި، ތަރިރުހަނދުއަރާ އުދަރެސްތަކުގެ ވެރިރަސްކަލާނގެއެވެ. (5) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. (6) އަދި ނުކިޔަމަންތެރި ކޮންމެ شيطان އެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. (7) މަތިވެރިވެގެންވާ جماعة ން ދައްކަވާ ވާހަކަފުޅަށް (އެބަހީ: ملائكة ން ދައްކަވާ ވާހަކަފުޅަށް) އަޑުއެހުމަކަށް އެ شيطان ންނަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި ހުރިހާ ފަރާތަކުން އެ شيطان ންނާ ދިމާޔަށް ގިނިހިލަ އުއްކަވާނެތެވެ. (8) ބޭރުކޮށް ފައްސައިލުމުގެ ގޮތުންނެވެ. އަދި ކެނޑިގެންނުދާނެ عذاب އެއުރެންނަށް ހުށްޓެވެ. (9) ކުއްލިގޮތެއްގައި ސިއްރުން އެހުމެއް އަހައިފި شيطان އަކު މެނުވީއެވެ. ފަހެ، އެ شيطان އާގެ ފަހަތުން ތޮރުފައިލާފަދަ ގިނިހިލައެއް ފޮނުއްވާހުށްޓެވެ. (10)"