ނަމާދަށް ސަމާލުކަން ދޭ މީހާއަށާ އޭނާ ނަމާދުގައި ދަންނަވާ ވާހަކަތަކަށް ﷲ ތަޢާލާ ސަމާލުކަން ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނަމާދަށް ސަމާލުކަން ދޭ މީހާއަށާ އޭނާ ނަމާދުގައި ދަންނަވާ ވާހަކަތަކަށް ﷲ ތަޢާލާ ސަމާލުކަން ދެއްވަވާނެ!: މުފްތީ މެންކް

ނަމާދަކީ އެންމެ މަތިވެރި އަޅުކަމެވެ. ނަމާދަކީ ތިމާ އާއި ﷲ ތަޢާލާ އާއި ގުޅުވައިލަދޭ ވަސީލަތެވެ. ﷲ ތަޢާލާގެ ޙަޟްރަތާއި މުޢާމަލާތުކުރަން ލިބޭ އެންމެ އަގުހުރި ފުރުޞަތުވެސްމެއެވެ. ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވެނީ ނަމާދުގެތެރެއިން ކަމުގައިވާތީއެވެ.

ނަމާދުގެ އެންމެ ބޮޑު ބޭނުމަކީ ތިމާ އެދޭކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދެންނެވުމެވެ. ނަމާދުގައި ހުރެ ދެންނެވޭނީ ވަކި ވަގުތުތަކެއްގައެވެ. އެހެން ވަގުތުތަކުގައި ދަންނަވަން ޖެހޭނީ ނަމާދުގައި ހުރެގެން ދަންނަވަން ހުރި ވާހަކަތަކެވެ.  

ވީމާ ނަމާދު ނިމިގެންވެސް ވަގުތުކޮޅެއް އެބަ ބޭނުންވެއެވެ. އެއީ ނަމާދުގައި ހުރެގެން ނުދެންނެވުނު ކަންކަމުގެ ވާހަކަތައް ދެންނެވުމަށެވެ. އެކަންކަން ނުކުރެވިއްޖެ ނަމަ އެއީ ނަމާދު ކުރެވުނީ ކަމަށް ބަލައިގެން ނުފުދޭނެއެވެ! 

ސަޖިދައިގެ މުހިންމުކަން އެންމެންނަށްވެސް އެނގޭނެއެވެ! އެއީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ! ފުރުޞަތުގެ ބޭނުން ހިފާށެވެ! ބޭނުންވާހައި ކަމަކަށް އެދި ދަންނަވާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ  

ނަމާދަށް ސަމާލުކަން ދޭ މީހާއަށް ﷲ ތަޢާލާ ސަމާލުކަން ދެއްވަވާނެތެވެ. ނަމާދުގައި ދަންނަވާ ވާހަކަތަކަށް ވެސް ސަމާލުކަން ދެއްވަވާނެތެވެ. ވީމާ ނަމާދަކީ ﷲ ތަޢާލާއަށް ދަންނަވަން ހުރި ކަންކަމުގެ ވާހަކަ ދެންނެވުމުގެ ވަގުތު ކަމަށް ހަދާށެވެ! ޙަޔާތުގެ ކަންކަމުން ބޮޑެތި ބަދަލުތައް ދާނީ ފެންނަމުންނެވެ.  

ބައެއް އަންހެނުން ކައްކަން ބަދިގޭގައި އުޅެނިކޮށް ނަމާދަށް ގޮވުމުން އުނދުން ނިއްވާނުލައި އައިސް އެބަ ނަމާދުކުރެއެވެ. އެއިރު ނަމާދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ނަމާދު އަވަހަށް ނިންމައިލުމަށް ތެޅިފޮޅެވޭނެ މިންވަރު ހިތަށް ގެންނާށެވެ! ހަމަ އެފަދައިން ބައެއް ފިރިހެނުން އެމީހުންގެ އިންތިޒާރުގައި މީހަކު ބައިންދާފައި އެބަ ނަމާދަށް އަރައެވެ. އެ ޙާލަތުގައި ނަމާދު އަވަސްކޮށްލަން މަސައްކަތް ކުރެވޭނެ މިންވަރު ހިތަށް ގެނެސް ބަލާށެވެ!  

މީސްތަކުންނޭވެ! މިއީ ނަމާދުކުރަން އޮތް ގޮތެއް ނޫނެވެ. ނަމާދަކީ ތިމާ އާއި ﷲ ތަޢާލާ ޢާއި ދެމެދު މުޢާމަލާތުކުރަން ލިބޭ އެންމެ ފުރިހަމަ ފުރުޞަތެވެ. އެފުރުޞަތުގެ ބޭނުން އަބަދުވެސް ހިފަން ޖެހޭނީ އެފަދަ ދެވަނަ ފުރުޞަތެއް ނުލިބިދާނެ ކަމަށް ބަލައިގެންނެވެ. ވީމާ ނަމާދުކުރަން އަބަދުވެސް ޖެހޭނީ އެންމެ ފުރިހަމައަށެވެ. އެކަމަށް ހޭދަކުރަންޖެހޭ ވަގުތު ދީގެންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން