ހަނދުމަކޮށްދިނުމެއް!: ޢަބްދިﷲ ބުން ޢުމަރުގެ ދެކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވަވައި ރަސޫލް ޞޢވ ކުރެއްވެވި ވަޞިއްޔަތްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ހަނދުމަކޮށްދިނުމެއް!: ޢަބްދިﷲ ބުން ޢުމަރުގެ ދެކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވަވައި ރަސޫލް ޞޢވ ކުރެއްވެވި ވަޞިއްޔަތްފުޅު-

ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ބުނު ޢުމަރު ރިވާކުރައްވާފައިވެއެވެ. "އެއް ދުވަހަކު ރަސޫލް (( ތިމަން ކަލޭގެފާނުގެ ދެކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވާފައި ޙަދީޘްފުޅު ކުރެއްވެވިއެވެ. ދުނިޔޭގައި އުޅުއްވާއިރު އަބަދުވެސް މިއީ ވަގުތީ ތަނެއް ކަމުގައި ބައްލަވައިގެން، ޒިޔާރަތް ކުރައްވައިގެން އުޅުއްވާ ދަތުރުވެރިއެއް ފަދައިން ކަންކަން ކުރައްވަމުން ގެންދަވާށެވެ." 

ރސޫލް () މިފަދައިން ޢަމަލުފުޅު ކުރެއްވެވީ ޢަބްދުﷲ ބުނު ޢުމަރުގެ ވަރަށް ޒުވާން އުމުރުފުޅުގައެވެ. ނަމަވެސް ރަސޫލް () އެ ބެހެއްޓެވި ގާތްކަމުގެ ސަބަބުން މި ބަސްފުޅުތައް ޢަބްދުﷲ ބުނު ޢުމަރުގެ ކަންފަތްޕުޅުގައި ހުރީ ވަރަށް ވަރުގަދައަށް ހަރުލައިފައެވެ. ނަތީޖާއަށްވެގެން ދިއައީ ޙަޔާތްޕުޅުގެ ހުރިހާ ހިސާބެއްގައިވެސް މި ޙަދީޘްފުޅަށް ވަރަށް ފުރިހަމައަށް ޢަމަލުކުރެއްވެވުމެވެ. 

މިކަމުން ދޭން ބޭނުންވި މެސެޖަކީ ތިމާގެ ދަރިންކަމުގައިވީނަމަވެސް އަދި ދުރު މީހަކަށް ނަމަވެސް ނަޞޭޙަތެއް ދޭނަމަ އޯގާތެރިކަމާއި ގާތްކަން އިސްކުރަން ޖެހޭނެ ކަމެވެ. ދޭ ނަޞޭޙަތް އެމީހަކަށް ބަލައިގަންނަން ފަސޭހަވާނީ އެއިރުން ކަމެވެ. 

މިޙަދީޘްފުޅަށް ޢަބްދުﷲ ބުނު ޢުމަރު ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވަވައިފައެވެ. އަދި ބޮޑުފުޅުވެ މީހުންނަށް މި ޙަދީޘްފުޅު ވިދާޅުވެ ބަޔާންކޮށްދެއްވަވަމުން ވިދާޅުވެފައިވެއެވެ. "ހެނދުނު ހޭލެވުމުން އެދުވަހުގެ އިރު އޮއްސެންދެން ވެސް ދުނިޔޭގައި ހުރެވިދާނެ ކަމަށް އުންމީދު ނުކުރާށެވެ! އިރު އޮއްސެންދެން ދުނިޔޭގައި ހުރެއްޖެ ނަމަ އިރުއަރަންދެން ދުނިޔޭގައި ހުންނާނެ ކަމަށް އުންމީދު ނުކުރާށެވެ!" 

އަދިވެސް ވިދާޅުވެފައިވެއެވެ. "ސަލާމަތް ޞީއްހަތެއްގައި ހުންނައިރު، އެމީހެއްގެ ޒުވާންކަމުގެ ދުވަސްވަރު، އެކަމުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަންނާށެވެ! މުސްކުޅިވެ ގައިބާރު ދެރަވުމުން މާގިނަ އަޅުކަންކުރެވޭނެ ކަމަށް ޤަބޫލުކޮށްގެން ނުހުންނާށެވެ!" 

މާނައަކީ ޒުވާން އުމުރުގައި ވީހައި ގިނަ އަޅުކަންކުރާށެވެ! އުމުރުން ދުވަސްވުމުން އަޅުކަން ކުރުން ގިނަކުރަން މަޑުނުކުރާށެވެ! އެ އަޒުމުގައި މަސައްކަތްކޮށްފި މީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ! 

ހަމަ އެއާއިއެކު ސަމާލުކަން ދޭން ޖެހޭނެ އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް ކަންކަން ކުރުމަށް އިސްލާމް ދީނުގައި އެއްގޮތަށްވުރެ ގިނަ ގޮތްތައް ހުރުމުން ހުރިހާ ކަމެއް ކޮންމެ މީހަކު ކުރަން ޖެހޭނީ ހަމައެކަނި ތިމާކުރާ ގޮތަށް ކަމަށް ޤަބޫލުނުކުރާށެވެ! ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެންވާ ގޮތަށް ކުރާނަމަ ގަދަކަމުން އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތް ނުކުރާށެވެ! 

އަހުރެމެންނަށް ތެދުމަގު ލިބިގެންދާނެ ހުރިހާ ކަންކަމަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަހުރެމެންނަށް މަގުދައްކަވައިފައެވެ. އިރުޝާދު ދެއްވަވައިފައެވެ. ތެދުވަގުން އެއްކިބާވެވެނީ ވިސްނައި ޢަމަލުނުކުރެވުމުންނެވެ. 

 

 

- "މަރސިފުލް ސަރވަންޓް"ގެ ދަރުސަކުން

މިއަދު އޮންލައިން