ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 13: ނޫޙުގެފާނުގެ ދަރިކަލުންނާ އަނބިކަނބަލުން ޣަރަޤްކުރެއްވެވުން

ކިޔުމަށް ހޭދަވާނީ 9މ 7ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 13: ނޫޙުގެފާނުގެ ދަރިކަލުންނާ އަނބިކަނބަލުން ޣަރަޤްކުރެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

 

ނޫޙުގެފާނުގެ ދަރިކަލުން:

نوح عليه السّلام އާއި އެކަލޭގެފާނުގެ އަހުލުވެރިން ނާކޮޅުގައި ވަޑައިގެންވަނިކޮށް، އެކަލޭގެފާނަށް އެކަލޭގެފާނުގެ ލޯބިވާ ދަރިކަލުން ފެނިވަޑައިގެންނެވިއެވެ. ކާފިރުންނާއެކު ތޫފާނުގެ ފެންގަނޑު ތެރޭގައިވަނިކޮށެވެ. ދެން އެދެބޭކަލުންގެ ދެމެދުގައި ހިނގި ކަންތައްތަކުގެ ވާހަކަ ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ ހޫދު ސޫރަތުގެ 42 ވަނަ އާޔަތާއި 43 ވަނަ އާޔަތުގައި މާތް الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. 

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ ﴿٤٢﴾ قَالَ سَآوِي إِلَىٰ جَبَلٍ يَعْصِمُنِي مِنَ الْمَاءِ ۚ قَالَ لَا عَاصِمَ الْيَوْمَ مِنْ أَمْرِ اللَّـهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ ﴿٤٣

މާނައީ: "އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ !އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذاب ން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ."

މިދެންނެވުނު އާޔަތުގައިވާ އީމާންނުވި ދަރިކަލަކީ ޔާމްއެވެ. އެއީ ސާމްއާއި ހާމްއާއި ޔާފިޘްގެ އަޚެކެވެ. ބައެއް ޢިލްމުވެރިން އެދަރިކަލުންގެ ނަންފުޅަކީ ކަންޢާން ކަމުގައި ވިދާޅުވެފައިވެއެވެ. ނަބީބޭކަލެއްގެ ދަރިކަލެއްކަމުގައި ވުމާއެކުވެސް ޔާމް ނުވަތަ ކަންއާން ޚިޔާރު ކުރީ އީމާންކަމުގެ ބަދަލުގައި ކާފިރުކަމެވެ. ނަތީޖާއަކީ މާތް الله سبحانه وتعالى ގެ ޢަޛާބު އޭނާގެ މައްޗަށް ޙައްޤުވުމެވެ. ތޫފާނުގައި ޣަރަޤުވީ  މީސްތަކުންގެ ތެރޭގައި އޭނާވުމެވެ.{އިބްނު ކަޘީރު،އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 262}

ހަމައެހެންމެ، ޣަރަޤުވި މީސްތަކުންގެ ތެރޭގައި نوح عليه السّلام ގެ އަނބިކަނބަލުން ހިމެނިގެންވިއެވެ. އެކަމަނާއަކީ ނޫޙުގެފާނުގެ ދަރިދަރިކަލުންގެ މައިކަނބަލުންނެވެ. ނަމަވެސް އެކަމަނާވީ ކާފިރުވި މީސްތަކުންގެ ތެރޭގައެވެ. ނަރަކަވަންތަވެރިންގެ ތެރޭގައެވެ. نوح عليه السّلام އާއި لوط عليه السّلام ގެ އަނބިކަނބަލުންގެ ވާހަކަ ބަޔާން ކުރައްވައި، ކީރިތި ޤުރްއާނުގެ ތަޙްރީމު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

ضَرَبَ اللَّـهُ مَثَلًا لِّلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّـهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ ﴿١٠

މާނައީ: "نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!"

މި ދެންނެވި އާޔަތުގައިވާ ޚިޔާނާތޭ އޮތް ބަސްފުޅާމެދު ތަފްސީރު ޢިލްމުވެރިން ވާހަކަފުޅު ދައްކަވައިފައިވެއެވެ. ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވާކަމަށް އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [نوح عليه السّلام ގެ އަނބިކަނބަލުންނާއި لوط عليه السّلام ގެ އަނބިކަނބަލުން ޚިޔާނާތްތެރިވީ އެދެބޭކަލުންގެ ދަޢުވަތަށް ފުރަގަސްދިނުމުންނެވެ. ރިސާލަތަށް އިންކާރު ކުރުމުންނެވެ. نوح عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނަކީ މޮޔަފުޅުވެފައި ހުންނެވި ބޭކަލޭކޭ ބުނެ ރަށުތެރޭގައި އަޑުއެރުވިއެވެ. އަދި نوح عليه السّلام ގެ ރިސާލަތަށް އީމާންވި މީސްތަކުންގެ މަޢުލޫމާތު އެޤައުމުގެ ކާފިރުންނަށް ބަޔާންކޮށްދިނެވެ. لوط عليه السّلام ގެ އަނބިކަނބަލުން އެކަލޭގެފާނުގެ އަރިހަށް މަލާއިކަތް ބޭކަލުން ރީތި ޒުވާން ފިރިހެން ބޭފުޅުންގެ ސިފައިގައި ވަޑައިގަތުމުން އެކަމުގެ ޚަބަރު ރަށުގެ މީސްތަކުންނަށްދިނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދުގެ 73 ވަނަ ޞަފްޙާ} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަ ޢަންހާ ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. 

اسمُ امرأةِ نوحٍ واغِلةُ واسمُ امرأةِ لوطٍ واهِلةُ { الزيلعي (ت ٧٦٢)، تخريج الكشاف ٤‏/٦٧ غريب}

މާނައީ: [ސަލާމްލެއްވި ނޫޙުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ واغِلةُ އެވެ. ސަލާމްލެއްވި ލޫޠުގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ واهِلةُ އެވެ.]

މިދެންނެވި ރިވާޔަތް އިމާމު ޤުރްތުބީ އެކަލޭގެފާނުގެ ތަފްސީރުގައިވެސް ބަޔާން ކުރައްވައިފައިވެއެވެ. ނަމަވެސް މި ރިވާޔަތަކީ ޣަރީބު ރިވާޔަތެކެވެ. 

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވާކަމަށް އައްޟައްޙާކު ރިވާކުރައްވައިފައިވެއެވެ. [އެއްވެސް ނަބީބޭކަލެއްގެ އަނބިކަނބަލު ޒިނޭފަދަ އެއްވެސް ބަދުއަޚުލާޤީ ޢަމަލެއް ކުރައްވައިފައެއްނުވެއެވެ. އެބޭކަނބަލުން ޚިޔާނާތްތެރިވާނަމަ، ޚިޔާނާތްތެރިވެފައިވަނީ، އެބޭކަލުންގެ ރިސާލަތަށް އިންކާރު ކުރުމުންނެވެ. އެބޭކަލުން ގެންނެވި މާތް ދީނަށް ޢަމަލުކުރުމަށް އިންކާރު ކުރުމުންނެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދިހަވަނަ ޖިލްދުގެ 74 ވަނަ ޞަފްޙާ} 

މިދެންނެވި ޙާދިޘާއިން ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބެއެވެ. އެއީ ނަބީބޭކަލެއްގެ އަނބިކަނބަލަކަސް ނުވަތަ ދަރިކަލަކަށްވެސް، އީމާންނުވާނަމަ، އެބޭކަލުންގެ ފަރާތްޕުޅުންވެސް އެއްވެސް މަންފާއެއް ނުކުރާނެކަމެވެ. އީމާންކަމުގެ މަންފާ ކުރާނީ ޚުދު ތިމާ އަމިއްލައަށް އަރަހުށި މާތްالله سبحانه وتعالى އަށް އީމާންވެގެންކަމެވެ.

 

 

މިއަދު އޮންލައިން