ލޯބިވެގެންއުޅޭއިރު ވެފައިހުންނަ އަހުދުތައް ކައިވެނިކުރެވުމުން އުވާލުމަކީ ﷲ ލަޢްނަތް ލައްވަވާ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ލޯބިވެގެންއުޅޭއިރު ވެފައިހުންނަ އަހުދުތައް ކައިވެނިކުރެވުމުން އުވާލުމަކީ ﷲ ލަޢްނަތް ލައްވަވާ ބިރުހުރި ކަމެއް!

ދުނިޔޭގައި ހުންނައިރު އެމީހަކު ޢަމަލުކުރަން ބޭނުންވާ ގޮތަކަށް ޢަމަލުކުރުމަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެ މާނައަކީ އެމީހަކު ހިތަށް އެރިހައި ގޮތަކަށް ކަންކަން ކުރުން ހުއްދަވުމެއް ނޫނެވެ. ކޮންމެ އިޚްތިޔާރެއްވެސް ދެއްވަވަނީ ޢަމަލުކުރި ގޮތުގެ ޒިންމާ އުފުލަންޖެހޭނެ ގޮތަށެވެ. ރަނގަޅު ގޮތުގައި ކަންކަންކުރުމުން ޘަވާބު ދެއްވަވާނެތެވެ. ނޫންނަމަ ޢަޛާބު ދެއްވަވާނެތެވެ. އެކަމަކަށް އެއްވެސް ޝައްކެއް ނެތެވެ.  

"ދެން އެއުރެންގެ ކަށަވަރުވެގެންވާ ޢަހްދު އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް ލައްނަތް ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (ތައުރާތުގައިވާ) ކަލިމަ ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބައެއް (އެބަހީ: މުޙައްމަދު ގެފާނަށް ތަބަޢަ ވުމަށް ތައުރާތުގައިގައި ކުރައްވާފައިވާ އަމުރުތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބައެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން ޚިޔާނާތްތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، އިޙްސާން ތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އަލްމާއިދާ: 13)

ކައިވެނިކުރެވުމުން ދެމަފިރިންނަށްވެސް ބާރުތަކެއް ލިބިގެންދެއެވެ. ފިރިމީހާ ލިބޭ ބާރުތައް ބޮޑެތިވެދާނެއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާއަށްވެސް ބާރުތަކެއް ލިބިގެންދެއެވެ. ދެމީހުންނަށްވެސް އިޚްތިޔާރުތަކެއް ލިބިގެންދެއެވެ.  

މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް ﷲ ތައާލާ ބާރެއް ދެއްވެވުމުން ވެފައިވާ ވައުދުތަކާއި އަހުދުތައް އުވައިލައެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައި އެފަދައިން އަމަލުކުރާ މީހުންގެ ހިތްތައް ހަރުކަށި ކުރައްވަވަތެވެ.  

ވެރިކަން ލިބުމުން ވެރިކަމަށް އަންނަން މަސައްކަތްކުރި އިރު ވެފައިވާ ވައުދުތައް ހަނދާނެއް ނުހުރެއެވެ. ރައްޔިތުންގެ ފައިސާ އަތަށް އެރުމުން ތެދުވެރިވެ އަމާނާތްތެރިވާން ވީ ވަޢުދު ހަނދާނެއް ނުހުރެއެވެ. ދަރަންޏަށް ފައިސާ ނެގުމަށްފަހު ދަރަނި އަދާކުރަންވީ ވައުދު ހަނދާނެއް ނުހުރެއެވެ. 

ހަމައެފަދައިން ކައިވެނިކުރެވުމުން ކައިވެނިކުރުމުގެ ކުރިން އެކަކު އަނެކަކަށްވެފައިވާ ވަޢުދުތަކާއި އަހުދުތައް ހަނދާނެއް ނުކުރެއެވެ. ވެފައިވާ ވަޢުދުތައް ކަރުދާހުގައި ލިޔެ ސޮއިކޮށް ފިންގަރޕްރިންޓް ޖަހާފައި ނެތުމުން އެއީ ވެފައިވާ އެއްބަސްވުންތަކެއް ކަމަށްވެސް ޤަބޫލެއް ނުކުރެއެވެ.  

މިފަދަ މީހުންނަށް ކުރިމަތިވާނެ ހާލަތު މިބަޔާންކުރި އާޔަތުން މިއޮތީ ފެންނާށެވެ! މިއާޔަތުގައި އެވަނީ ވެރިކަމުގެ ބާރު ލިބުމުން ހިތަށް އެރިހައި ގޮތަކަށް ކަންކަން ކުރާ މީހުންގެ ވާހަކައެވެ. އެހެންނަމަވެސް ތިމާއަށް ބާރުލިބުމުން ތިމާ ވެފައިވާ ކޮންމެ ވައުދަކަށް ނަމަވެސް އިޙްތިރާމް ނުކޮށް އުވާލާ އެއްވެސް މީހަކީ މިއާޔަށް ނުފެތޭނެ މީހެއް ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން