ހުރިހާ ދެމަފިރިންގެ މެދުގައި ކަންކަން ހުންނާނީ އެއްގޮތަކަށް ނޫނެވެ. ބައެއް ފަހަރު އަނބިމީހާ ދެކެ ޖެހިލުންވެދާނެއެވެ. އަނެއްބައި ފަހަރު ފިރިމީހާދެކެ ޖެހިލުންވެދާނެއެވެ. އެކަން ބިނާވެފައި އޮންނާނީ އެދެމީޙުންގެ މެދުގައި ކަންކަން ހުންނަ ގޮތެއްގެ މައްޗަށެވެ.
ބައެއްފަހަރު ކަންކަން މެދުވެރިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެކަކު ޖެހިލުންވާނަމަ އަނެކާއަށް ހީކުރެވެނީ އެއީ ތިމާގެ މޮޅުކަމުން ކަމަށެވެ. އަދި ތިމާއާއި ވަކިވާން އަނެކަކު ބޭނުން ނުވާތީ ކަމަށެވެ. ނުވަތަ އޭނާ އެހުރީ ތިމާގެ ދަށުވެގެންކަމަށެވެ.
ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އަނެކާ ޖެހިލުން އެވަނީ ބިރަކުން ނޫނެވެ. އަދި ވަކިވާން ނުކެރިގެނެއްވެސް ނޫނެވެ. ލޯބިން ކުރި ކައިވެނި ރޫޅައިލަން ބޭނުން ނުވާތީއެވެ. ރޫޅާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލަންވެގެންނެވެ. ދޫދީގެންވެސް މައްސަލަތައް ޙައްލުކުރެވޭތޯ ބަލަންވެގެންނެވެ.
ދެމަފިރިއަކު އެކުގައި ދިރިއުޅެމުން އަންނައިރު އަނެކާ ދެކެ ބިރުގަންނާކަށް ނުޖެހޭނެއެވެ. އެއްވެސް ޙާލެއްގައި އަނެކާދެކެ ބިރު ގަތުމެއް ނެތެވެ. ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރަންޖެހޭނެއެވެ. އަނެކާގެ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ.
ހަމައެއާއިއެކު ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތަކަށް މަޝްވަރާކޮށް ޙައްލު ހޯދަން މަސައްކަތްކުރަން ޖެހޭނެއެވެ. އެމަސައްކަތް ކާމިޔާބުކުރެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުންވެސް ކާމިޔާބު ނުކުރެވޭނެކަން ޔަޤީންކުރެވިއްޖެނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަން ކެރެން ޖެހޭނެއެވެ.
ކަންދިމާވާގޮތަކުން 2،3 ކައިވެނިވެސް ރޫޅިދާނެއެވެ. އެހިސާބުން ކޮޓަރިއަށްވަދެ ދޮރުތަޅުލައިގެން ކުޑަދޮރުން ބޭރުބަލަން އިނުމެއް ނެތެވެ. ހިތްވަރުކޮށްލާފައި އަނެއްކާވެސް ކައިވެނިކުރާށެވެ. ބައިވެރިޔާއަށް ވަފާތެރިވާށެވެ. ﷲ އަށް ބިރުވެތިވާށެވެ.
ތަކުރާރުކޮށްވެސް ބުނަން އޮތީ ﷲ ނޫން ފަރާތަކަށް ބިރުވެތިނުވާށެވެ! އެހެން ފަރާތަކުން ވާގިވެސް ނުއެދޭށެވެ. އެގޮތުގައި ޘާބިތުވެއްޖެ ކޮންމެ މީހަކަށްވެސް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.
- އަލަފް / މިއަދުނޫސް