"މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ."
"އެއުރެން (އެއަށް) ފުރައްސާރަކުރާ ޙާލުގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު އާޔަތެއް، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެއުރެންނާ ހަމަޔަކަށް ނާދެތެވެ."
"އެއުރެންގެ ހިތްތައް ޣާފިލު ވެގެންވާ ޙާލުގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ. (އެއުރެން ބުނޫއެވެ.) މިއީ (އެބަހީ: މުޙައްމަދުގެފާނީ) ހަމަތިޔަބައިމީހުންފަދަ އާދަމުގެދަރިޔަކު ކަމުގައިމެނުވީ ނުވެތެވެ. ފަހެ، ކަލޭމެން ދެކެދެނެތިބެ، ޖާދޫ ޤަބޫލު ކުރަނީ ހެއްޔެވެ؟"
(އަލް އަންބިޔާ: 1،2،3)
އެއްވެސް ޝައްކެއް ނެތެވެ. ޤިޔާމަތް ވުމުގެ ވަޤުތު ދާދިގާތްވެއްޖެއެވެ. އެދުވަހު މުޝްރިކުން ޣާފިލުވެގެން ތިބިފަދައިން މުސްލިމުންގެ ބައަކު ތިބީ ޣާފިލުކަންމަތީގައެވެ. ކީރިތި ޤުރްއާނުގައިވާ ކަންކަން ޤަބޫލެއް ނުކުރެވެއެވެ. ސީދާބަހުން ފުރައްސާރަ ނުކުރި ނަމަވެސް ޢަމަލުތަކުން އަންނަނީ ފުރަގަސްދެމުންނެވެ. ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ކަންކަމަށް އަންނަނީ ސުވާލު އުފައްދަމުންނެވެ. އެޙުކުމްފުޅުތައް ޤަބޫލުކުރެވެން ނެތްކަމަށް އަންނަނީ ބުނަމުންނެވެ. އަދި ޢަމަލުން އަންނަނީ އެކަން ދައްކަމުންނެވެ.
މިހިރީ ވަރަށް ބޮޑެތި މައްސަލަތަކެވެ. ޙައްޤުމަގުގައި ޘާބިތުވެ ތިބެން ބޭނުންވާނަމަ މީސްތަކުން ދައްކާ މިބާވަތުގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ. އަދި އެފަދަ ވާހަކަތައް ދައްކާ މީހުންނާއި ދުރުހެލިވާށެވެ.
ކީރިތި ޤުރްއާނުގައިވާ ކަންކަން ދޮގުކުރާ މީހުންގެ ގާތުގައި "ތިބާ ﷲ ތަޢާލާގެ ވަޙީ ދޮގުކުރަނީތޯ؟" ސުވާލުކޮށްފިނަމަ ދޮގުކުރާ ކަމަކަށް އެއްބަހެއް ނުވާނެއެވެ. އެފަދަ މީހުންނަށް ނުއެނގެނީ ޤުރްއާނުގައިވާ ކަންކަން ޤަބޫލުނުކުރުމުން އެއީ ﷲ ތަޢާލާގެ ވަޙީއަށް އިންކާރުކުރެވެނީ ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިންވެސް މިބަޔާންކުރިފަދައިން މިއީ އެންމެ ނުރައްކައުތެރި އެއްކަންތަކެވެ. އަމިއްލައަށް ނަރަކައަށް ވެއްޓިގަނެވުން ފަދަ ކަމެކެވެ. ވީއިރު އެއަށްވުރެ ބިރުހުރި ކަމަކީ ކޮބައިހެއްޔެވެ؟ ހޭލުންތެރިވެ އެމީހެއްގެ ސަލާމަތްކަން އެމީހަކު ހޯދާށެވެ! ޤުރްއާނާ ސުންނަތަށް ފުރިހަމައަށް ޤަބޫލުކޮށް ޢަމަލުކުރާ މީހަކަށްވާށެވެ. އެއިރުން އެމީހަކަށް ހުރެވޭނީ ޙައްޤުމަގުގައެވެ. އިން ޝާ ﷲ
- މަޢްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން