އުންމު ނަވާރު
ބަލިވުމުގެ ކުރިން ބަލިން ރައްކާތެރި ވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކެނޑިނޭޅި ދަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަމުންނެވެ. އެގޮތުން އެންމެ މުހިއްމުކަމެއްގައި ވިދާޅުވަނީ ހަށިގަނޑަށް ފައިދާ ލިއްބައިދޭ ކާނާ ކެއުމަށް ސަމާލުކަން ދިނުމަށެވެ. ހަށިގަނޑަށް ފައިދާ ލިއްބައިދޭ ކާނާ ކެއުމުން، ތަފާތު އެކި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދެއެވެ. މޭވާ އާއި ތަރުކާރީއަކީ ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ދެ ބާވަތެވެ. ތަރުކާރީގެ ތެރެއިން ބްރޮކޮލީގައި ތަފާތު ގިނަ ގުނަ ނިއުޓްރިއެންޓްސް ހިމެނެއެވެ. އޭގެ ތެރޭގައި ފައިބަރ، ވިޓަމިން ( އޭ، ސީ، ކޭ )، މިނަރެލްސް ( ކެލްޝިއަމް، ޕޮޓޭޝިއަމް، އަޔަން ) އަދި އެންޓިއޮކްސިޑެންޓް ހިމެނެއެވެ.
އިންސާނާގެ ހަށިގަނޑަށް އަނިޔާއެއް ވުމުން ނުވަތަ ހަށިގަނޑުގައި އިންފެކްޝަންއެއް އުފެދުމުން ނުވަތަ މިނޫންވެސް ހަށިގަނޑަށް ގެއްލުން ހުރި ސްޓިމިއުލާއެއް ދިމާވުމުން، އިންސާނާގެ ހަށިގަނޑު ސަލާމަތްކުރުމަށް ދިފާއީ ނިޒާމު ގުދުރަތީ ގޮތުން އިންފްލެމޭޝަން ( ދުޅަވުން ) އުފައްދައެވެ. މިގޮތަށް މާ ބޮޑަށް ހަށިގަނޑުގައި އިންފްލެމޭޝަން އުފެދޭނަމަ، ހަށިގަނޑު ނުރައްކާތެރި ބަލިތަކަށް ހުށައެޅިގެންދެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލި، އާތްރައިޓްސް އަދި ބައެއް ވައްތަރުގެ ކެންސަރު ބަލި ފާހަގަކޮށްލެވެއެވެ. އިންސާނާގެ ހަށިގަނޑުގައި އިންފްލެމޭޝަން ދިގު މުއްދަތަކަށް ހުރެއްޖެނަމަ ކެންސަރުގެ ސެލްތައް އުފެދި ދެމިއޮތުމަށް މަގުފަހިކޮށްދޭ މާހައުލެއް އިންސާނާގެ ހަށިގަނޑުގައި އުފެދިދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބްރޮކޮލީގައި ހިމެނޭ ސަލްފޯރާފޭން އަކީ ހަށިގަނޑުގައި އިންފްލެމޭޝަން އުފައްދައިދޭ ބައެއް އެންޒައިމްތަކުގެ ހަރަކާތަށް ހުރަސް އަޅައި އިންފްލެމޭޝަން ދަށްކޮށްދޭ އެއްޗެކެވެ.
ބްރޯކޮލީ އަކީ ޓައިޕް 2 ހަކުރު ބަލި މީހުން ކެއުމުގައި ހިމަނާލަން މުހިއްމު ތަރުކާރީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބްރޮކޮލީ ކެއުމުން ޓައިޕް 2 ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ދަންކޮށްދެއެވެ. މިހެން މިވަނީ ބްރޮކޮލީގައި ހިމެނޭ ވިޓަމިން ސީ ފަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭތީ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފައިބަރއަކީ ލޭގައި ހަކުރު ހުންނަ މިންވަރު މެނޭޖްކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ބްރޮކޮލީއަކީވެސް ފައިބަރއިން މުއްސަނދި ތަރުކާރީއެކެވެ
ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލި މީހުން އެކި ކަހަލަ އިންފެކްޝަންތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ރަނގަޅު ކުރުމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. ބްރޮކޮލީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީގެ އެންޓިއޮކްސިޑެންޓް އަސަރުގެ ސަބަބުން ގިނަ ބަލިތަލުގެ އަސްލު ކަމުގައިވާ ފްރީ ރޭޑިކަލްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. އަޅުގަނޑުމެން ކެއުމުގައި އަބަދުމެ ބޭނުންކުރާ މޭވާ އޮރެންޖަށް ވުރެން ގިނައިން ބްރޮކޮލީގައި ވިޓަމިން ސީ އެކުލެވެއެވެ.
ލިޔުނީ: އުންމު ނަވާރު
މައުލޫމާތު ނެގީ:
Cleveland Clinic (2023) 5 Ways Broccoli is a health superstar, Cleveland Clinic. Available at: https://health.clevelandclinic.org/broccoli-benefits (Accessed: 06 January 2024).
Smith, J. (no date) 15 healthiest vegetables: Nutrition and health benefits, Medical News Today. Available at: https://www.medicalnewstoday.com/articles/323319?utm_source=Sailthru+Email&utm_medium=Email&utm_campaign=MNT+Daily+News&utm_content=2023-12-28&apid=&rvid=0fd5ee1d2ccdb3c4ae3b240640859aad28959b8cb677f8d1db2a87d2076c4bec#broccoli (Accessed: 06 January 2024).
Syed RU, Moni SS, Break MKB, Khojali WMA, Jafar M, Alshammari MD, Abdelsalam K, Taymour S, Alreshidi KSM, Elhassan Taha MM, et al. Broccoli: A Multi-Faceted Vegetable for Health: An In-Depth Review of Its Nutritional Attributes, Antimicrobial Abilities, and Anti-inflammatory Properties. Antibiotics. 2023; 12(7):1157. https://doi.org/10.3390/antibiotics12071157
.