އަހުރެން މިހެން ބުނުމުން ބައަކަށް ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އަދި އަޑުއަހަންވެސް އުނދަގޫވެދާނެއެވެ. ނަމަވެސް މިއަދުގެ ޙަޤީޤަތަކީ ގިނަބައަކު ދެފުށް ދެގޮތްކަމެވެ. އެހެންވެ މައިންބަފައިންނަށް އަޅާލައި ބެލެހެއްޓުމުގައިވެސް މިމައްސަލަ އެބައޮތެވެ. އެއީ ކުރާ ހިތުން ކުރާ ކަމަކަށް ނުހަދާތީއެވެ. އެއިރުން ގެއްލިގެން އެދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ލިބިގަނެވެން އޮތް ކިހާބޮޑު ފުރުޞަތެއް ކަމާއިމެދު ވިސްނައިލެވޭބާވައެވެ!
އަހުރެންގެ ވާހަކަ ފަށާނީ ތަންކޮޅެއް ގާތުންނެވެ. ކޮންމެ މީހަކުވެސް ބުނާނީ އެންމެ ބޮޑަށް އެދޭކަމަކީ ސުވަރުގެ ލިބުން ކަމަށެވެ. އެކަމަކުވެސް ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ އެންމެ ފަހި ފުރުޞަތު ދުނިޔޭގެ ދަހިވެތިކަމުގައި ގިނަބައަކު ނަގާލައެވެ. އެމީހާގެ އަމިއްލަ، ދުނިޔަވީ އުފާތައް ކުރިއަށް ނެރެގެން އުޅެން ހަދައިގެންނެވެ. އަމިއްލަ އެދުން ބޮޑުކަމުންނެވެ. ވީމާ ވިސްނައިލާށެވެ!
މިޘާލަކަށް މުސްކުޅިވާ ދުވަހު މައިންބަފައިންނަށް ހެޔޮކޮށް ހިތައި ޚިދުމަތްކުރުމަކީ ސުވަރުގެދިއުމަށް އޮތް އެންމެ ފަހި އެއް ފުރުޞަތެވެ. ނަމަވެސް މައިންބަފައިން މުސްކުޅިވުމުން މިއަދު ގިނަ ބައަކު ބޭނުންވަނީ އެމީހުން އަވަހަށް މަރުވުމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެމީހުން ދިރިއުޅޭ ތަނުގެ ދަހިވެތިކަމެވެ.
ހަމައެއާއިއެކު އެމީހުންނަށް ޚަރަދުކުރަންޖެހޭ ފައިސާއަކީ ބޭކާރު ގޮތުގައި ޚަރަދުކުރެވޭ އެއްޗެއް ކަމަށް އެބަ ބަލައެވެ. އެފައިސާ ތިމާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރެވޭނަމަ ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެކަމަށް އެބަ ދެކެއެވެ.
މިފަދަ ކޮންމެ ވިސްނުމަކީވެސް ވަރަށް ނުބައި ވިސްނުމެވެ. ގޭތެރޭގެ ތަނަވަސްކަން ކިތަންމެ ކުޑަނަމަވެސް އެންމެ ބޮޑުކޮޓަރި މައިންބަފައިންނަށް ދީގެން ނިކަން ގެންގުޅެބަލާށެވެ. އެންމެ އިސްކަންދީގެން ކުރާ ޚަރަދަކީ މައިންބަފައިންނަށް ކުރާ ޚަރަދުކަމުގައި ނިކަން ހަދައިބަލާށެވެ. އެންމެ ކުރާހިތުން ކުރާކަމަކީ މައިންބަފައިންނަށް ޚިދުމަތްކުރުން ކަމުގައި ނިކަން ހަދައިބަލާށެވެ!
ޔަޤީންކަމާއިއެކު ބުނަމެވެ. އެމީހަކަށް ނުވަތަ އެޢާއިލާއަކަށް މިދުނިޔޭގައިވެސް ﷲ ތަޢާލާ ރަޙްމަތް އޮއްސަވާނެތެވެ! މިއީ ދުނިޔެއިން ފެންނަމުންދާ ކަމެކެވެ. އެނގިސާބިތުވާ ކަމެކެވެ. އަދި ޢާޚިރަތް ދުވަހު އެކަމުގެ ފައިދާ އިންތިހާއަށް ބޮޑުކަން ފެނިގެންދާނެތެވެ. އަދި އެއީ ތިބާ ސުވަރުގެ ވައްދަވާ ސަބަބުކަމުގައިވެސް ވުމަކީ އެންމެ ގާތްކަމެކެވެ. އިން ޝާ ﷲ
ވީމާ މައިންބަފައިންނަށް ޚިދުމަތްކޮށް އެމީހުން ބެލެހެއްޓުމަކީ ބުރައެއް ކަމުގައި ނުދެކޭށެވެ! އެއީ ސުވަރުގެ ވަނުމަށް ލިބޭ އެންމެ ފަހި ފުރުޞަތުކަން ދެކޭށެވެ!
މައިންބަފައިންނަށް ޚިދުމަތްކުރުމަކީ ތިމާކުރާހިތުން ކުރާކަމަކަށް ހަދައިފިނަމަ އެކަން އެއްވެސް ތަކްލީފަކަށް ނުވާނެއެވެ. ތަކްލީފަކަށްވަނީ އެއީ ބުރަ، ބޭކާރުކަމެއްކަމަށް ޝައިޠޯނާ ބުނާ ބުނުން ޤަބޫލުކުރެވޭތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން