ޢިބްރަތްތެރި ވާހަކަ: އަނބިން ޒިންމާ އުފުލަންޖެހޭ ގޮތަށް ފިރިންނާ ޙަވާލުކޮށްގެން ވިޔަފާރިކުރުމަކީ އަނބިންނަށް ބޮޑު ނުރައްކަލަކަށްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޢިބްރަތްތެރި ވާހަކަ: އަނބިން ޒިންމާ އުފުލަންޖެހޭ ގޮތަށް ފިރިންނާ ޙަވާލުކޮށްގެން ވިޔަފާރިކުރުމަކީ އަނބިންނަށް ބޮޑު ނުރައްކަލަކަށްވެއްޖެ!

ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ދެމަފިރިން ގުޅިގެން އާމްދަނީ ހޯދަން މަސައްކަތްކުރުމަކީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. މިގޮތުން ފަށާ ވިޔަފާރިތަކާއި މަސައްކަތްތައް ކުރިއަރާފައިވާކަން ދުނިޔޭގެ ކަންކޮޅުތަކުން ފެންނަން އެހުރީއެވެ. މައްސަލައަކަށްވަނީ މަދު ބައަކު ނަމަވެސް ވަކިހިސާބަކުން ގޯޅިއަޅައިގެންދާތީއެވެ. މިއީ ތިމާގެ އެކަނި މަސައްކަތެއް ކަމަށްބަލައި އަނެކާއާއިމެދު ވިސްނައިނުލާތީއެވެ. އެއިގެ އިތުރުން މަސައްކަތް ފެށުނު ގޮތާއި ކުރިއެރުން ލިބުނު ގޮތާއިމެދުވެސް ވިސްނައި ނުލާތީއެވެ. އަދި ޒަވާޖީ ޙަޔާތާއިމެދުގައިވެސް ވިސްނައިނުލާތީއެވެ. 

މިއީ ޚާއްޞަކޮށް ކަނބަލުން ހޭލުންތެރިވާންޖެހިފައިވާ އޮތް ކަމެއްކަން ތިރީގައިވާ 2 ޙާދިސާއިންވެސް ވިސްނިލައްވާނެއެވެ. އިން ޝާ ﷲ 

ކައިވެނިކުރުމަށްފަހު އަޅުގަނޑުމެން 2 މީހުން ކުރި މަސައްކަތުން ފައިސާކޮޅެއް ޖަމާކުރެވުނެވެ. ގިނައިން ލިބެނީ އަޅުގަނޑަށް ކަމަށްވުމުން 70 އިންސައްތައަކީ އަޅުގަނޑުގެ ފައސާއެވެ. އެއިގެ އިތުރުން އަޅުގަނޑުގެ ގެ މޯގޭޖްކޮށްފައި ލޯނެއްވެސް ނަގައިގެން ވިޔަފާރިއެއް ފެށީމެވެ. 

މަސައްކަތްކުރުމުގައި އިސްކޮށް ހުރީ ފިރިމީހާއެވެ. ފިރިމީހާއަށް އިތުބާރުކުރެވުނީތީ މާބޮޑަކަށް ކަންކަމަކާ ނުބެހެމެވެ. އެހެން ހުއްޓައި އޮފީހުގައި ގެންގުޅޭ މުވައްޒިފަކާއި ފިރިމީހާ ލޯބީގެ ގޮތުން ގުޅިއްޖެކަން އެނގުމުން ވިޔަފާރީގެ ތެރެއަށްވަދެ ކަންކަން ބަލައިލިއިރު އަހަރެއްހައި ދުވަސްތެރޭގައި އެކުއްޖާއަށް ވަނީ 2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ބޮޑަށް ބެލެވެނީ ފްލެޓެއް ގަނެދޭންވެގެން ކަމަށެވެ. 

އެހިސާބުން ކުންފުނީގެ ޙިއްޞާ ކަނޑައަޅާފައިވާ ގޮތަށް ބަހައިލީއެވެ. އޭނާ އެކުއްކާއަށް ކުރި ޚަރަދު އުފުލަން ޖެއްސުވުމުން އޭނާއަކަށް މާގިނަ ފައިސާތަކެއް ނުލިބުނެވެ. ކޮންމެއަކަސް އެހިސާބުން ދެމީހުން ވަކިވެ އެކަގައި ހުރި ގުޅުންތައް ނިންމައިލީއެވެ. 

އެއީ މީގެ 4 އަހަރުކުރިއެވެ. އަޅުގަނޑު މިވަނީ ދެވަނަ ކައިވެނިކޮށްފައެވެ. ފިރިމީހާ އަކީ ވަރަށް ރަނގަޅު މީހެކެވެ. ބުރަކޮށް މަސައްކަތްކުރެއެވެ. އަޅުގަނޑާއި އަޅައިލައެވެ. ކޮންމެއަކަސް އަޅުގަނޑުގެ ވިޔަފާރި އަންނަނީ ކުރިއަރަމުންނެވެ. ކުރީގެ ފިރިމީހާގެ ވިޔަފާރި ބަނގުރޫޓުވެއްޖެއެވެ. 

މިހާރު ވިއްދައިގެން އުޅެނީ އަޅުގަނޑާއި އަލުން ގުޅުމަށެވެ. އެކަން ނުވާނެ ކަމަށް ބުނުމުން އެއްޗެތި ގޮވަނީއެވެ. ދޮގުވާހަކަތައް ފަތުރައި ފަޟީޙަތްކުރަމުން ހިނގަނީއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާ ތިއަ ބަޔާންކުރި ޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް ތިރީގައިވާ ވާހަކައިން އެނގޭނެއެވެ. އިން ޝާ ﷲ  

އަޅުގަނޑުގެ ފިރިމީހާ ކުޑަ ފިހާރައެއް ހުޅުވިއެވެ. އަޅުގަނޑުގެ ނަންމަތީގައެވެ. އެ ވިޔަފާރި ކުރިއަރަމުން އައިސް ކުންފުންޏަކަށްވިއެވެ. މުދާ އެތެރެކޮށް ހޯލްސޭޭލްކޮށް ވިއްކައިގެން ލިބޭ ނަފާ އިތުރުވިއެވެ. 

ކުއްލިއަކަށް އެނގުނީ ފިރިމީހާ ކުންފުނީގެ މުވައްޒިފަކާ ހިތާވެގެން އުޅޭކަމެވެ. ވިސްނީ އަރާނެ ހިސާބަކަށް އަރަންދެން ބަލަން ހުންނާށެވެ! އެހެން ހުއްޓައި ލޯނުތައް ނުދައްކާތީ ބޭންކުން ގުޅަން ފަށައިފިއެވެ. މައި ހިއްޞާދާރަކީ އަޅުގަނޑުގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އޮތުމުންނެވެ. ފިރިމީހާ ބުނީ އެގޮތަށް އެކަންކުރީ އޭނާއަކީ ސަރުކާރުގެ އިސް ވަޒީފާއެއްގައިވެސް އުޅޭ މީހަކަށްވާތީ ކަމަށެވެ. 

އެންމެފަހުން ކެތް ނުކުރެވިގެން ކުންފުނި އޮޑިޓްކުރިއިރު 12 މިލިއަން ރުފިޔާގެ ބޮޑުދަރަންޏެއް އޮތެވެ. ކުންފުނި އޮޑިޓްކުރަން ފެށި ދުވަހުގެ ރޭ ބުނެވެސް ނުލައި ފިރިމީހާ ފުރައިފިއެވެ. ހަފްތާއެއްހައި ދުވަސްފަހުން ލިބުނީ އެކްސިޑެންޓެއްވެފައި މަރުވި ޚަބަރެވެ. 

އޮޑިޓަރުން ކުރި މަސައްކަތުން އެނގުނީ ގިނަ އަދަދެއްގެ ފައިސާ ފިރިމީހާގެ ލޯބިވެރިޔާއަށް ޚަރަދުކޮށްފައިވާ ކަމެވެ. އަދި ފުރައިގެން ދިއައީވެސް ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެންކަމެވެ. ނަމަވެސް އަޅައިލަން ކުރެވޭނެ ކަމެއް ވެސް ނެތެވެ. ފިރިމީހާ މަރުވުމުން ސުވާލެއްވެސް ނުކުރެވޭނެތީއެވެ. 

3 ދަރިން ބަލަމުން ކުންފުނީގެ މަސައްކަތް ބަލަހައްޓަންފެށީމެވެ. ފުރަތަމަކަމެއްގެ ގޮތުން ކަންކަން މެދުވެރިވިގޮތް ވަރަށް ސާފުކޮށް ބޭންކަށާއި ދަރާއޮތް ބޭރުގެ ކުންފުނިތަކަށް ކިޔައިދިނީމެވެ. ސަޕްލަޔަރުން ވަރަށް ރަނގަޅެވެ. 2 ކުންފުންޏަކުން ދަރަނި މާފުކުރިއެވެ. އަނެއް 2 ކުންފުނިން ދަރަނި އަދާކުރުން ލަސްކޮށްދިނެވެ. ނަތީޖާއެއްގެ ގޮތުން ބޭންކުގެ ދަރަނި ފިލުވައިލެވި އެކަމުން ސަލާމަތްވެވުނެވެ. 

ފިރިމީހާ މަރުވިތާ 2 ވަނަ އަހަރު އިތުރު ކައިވެންޏެއް ކުރީމެވެ. އެކައިވެނީގައި ލިބުނު ދަރިފުޅު ގޮވައިގެން ގޯތިތެރޭގައި ހުއްޓާ ފެނުނީ ކުރީގެ ފިރިމީހާއައިސް ވަންތަނެވެ. ލަގެޖެއްވެސް ހިފައިގެންނެވެ. ފެނުމުން ފުރަތަމަ ގަތީ ބިރެވެ. ހީކުރީ ޖިންނިއެއް ކަމަށެވެ. ބިރުން ހަޅޭލަވައިގަނެވުނުތަނާ ފިރިމީހާ ގޭތެރެއިން ނުކުތުމުން ހިތްހަމަޖެހުމެއް ލިބުނެވެ. 

ޙަޤީޤަތަކީ ގެންދިއަ ފައިސާ ހުސްވެ އެތައް ބައަކަށް އިންޑިއާގައިވެސް ދަރަނިވެރިވުމުން ނުހުރެވިގެން އެނބުރި އައީއެވެ. ބަހަނާތައް ދައްކަން ފުރުޞަތެއް ނުދެމެވެ. ގެއަކަށް ނުވައްދަމެވެ. ލޯބިވެރިޔާ ގާތަށްވިޔަސް ދާން ބޭނުން ތަނަކަށްދާން ބޭރުކޮށްލީއެވެ. 

ފަހުން ދުވަހަކު އައިސް ބުނީ ކުންފުނީގައި އޭނާގެ ހިއްޞާ އޮންނާނެކަމަށެވެ. ޖަވާބުގައި ބުނީމެވެ. އެކުންފުނިން ތިބާގެ ލޯބިވެރިޔާއަށް ކުރި ޚަރަދުން ދަރަނިވެރިވެފައި އޮތުމުން އެދަރަނިވެސް އަދާކުރުމަށްފަހު އެކުންފުނި ވާނީ އުވާލާފައި ކަމަށެވެ. އޮޑިޓް ރިޕޯޓްތަކުން ތަފްޞީލް ލިބޭނެ ކަމަށެވެ. ވީމާ އެކުންފުނީގެ ފައިދާ ބަހަން ދަރަނި ހިފައިގެން އައުމަށެވެ. 

ވަރަށް ނުބައި ބަސްތައް ބުނެފައި ބަދަލުހިފާނެކަމަށް ބުނެފައި ނުކުމެގެން ދިއަ ގޮތަކަށް އަދި ލޮލަކުން ނުދެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން އޮތީ މިބާވަތުގެ ކަންކަން ކުރާ ފިރިން ވަރަށް ގިނައެވެ. ނަމަވެސް މިގޮތަށް މަރުވެފައި ދިރުނު ފިރިން ވަރަށް މަދުވާނެއެވެ. އަތަށް ފައިސާކޮޅެއް އަރާއިރަށް ޒުވާން ލޯބިވެރިން ގަނެލައިގެން ގެންގުޅޭ ފިރިންނަށް ހަމްދަރުދީވެގެން ތިބެވޭކަށް ނެތެވެ. ހޭލުންތެރިވާން އެބަ ޖެހެއެވެ.

 

- ޚަދީޖާ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން