ވަށައިގެން މިވަނީ ﷲ ތަޢާލާ ވޮޑިގެންވާކަމާއި ކުޅަދުންވަންތަކަމާއި ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޔަޤީންކުރެވޭނެ ހެކިތަކެވެ. މިރޮނގުން ސައިންސުން ހޯދޭ ކޮންމެ ކުރިއެރުމެއްވެސް މިބުނި ކަންކަމަށް އިތުރު ޔަޤީންކަން ފޯރުކޮށްދެއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ޝައިޠޯނާގެ ބާރުގަދަވީމާ ޤަބޫލުނުކުރެވެނީއެވެ.
ދުނިޔޭގެ ނިޞްބަތުން ބަލާއިރު އަހުރެމެން އަދި މިވަނީ ވަރަށް ބޮޑު ރަޙްމަތެއްގައެވެ. އެއީ އުންމަތުގެ ތެރެއިން ގިނަމީހުންނަކީ ވިސްނައި ފިކުރުކުރާ ބައަކު ކަމުގައިވާތީއެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުން އުޅޭނެތީ އަހުރެމެންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. އެކަން އެހައި ބޮޑު ކަމަކަށް ހަދާކަށްވެސް ނެތީމެވެ.
ނިކަން ވިސްނާލަބާޅާށެވެ! ޢިލްމުގެ ތެރެއިން ކުޑަކުޑަ މިންވަރެއް ލިބުމުން ހުރިހާ ކަމެއް އެންމެ މޮޅަށް އެނގެނީ ތިމާއަށް ކަމަށް ޤަބޫލުކުރެވެން ފަށައިފިއެވެ. މީސްތަކުންގެ ވިސްނުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއް ބައަކު އެއްވެސް ބިރެއްނެތި އެދަނީ ޝަރީކު ކުރަމުންނެވެ. އެމީހާ ހެއްދެވި ފަރާތެއްވާކަމަށްވެސް ޤަބޫލެއް ނުކުރެވެއެވެ.
އެމީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ އެމީހުން އުފެއްދެވީ ﷲ ތަޢާލާކަން ޤަބޫލު ނުކުރާ ކަމަށް ބުނުމެވެ. އެކަމުގެ އެއްވެސް ހެއްކެއް ނުދެއްކެއެވެ. އެންމެ ކުޑަމިނުން އެމީހުން އުފެދުނު ގޮތްވެސް ބުނެއެއް ނުދެވެއެވެ.
ވަރަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ! އެމީހާ ދުނިޔެއަށް އުފަން ކުރެއްވެވީ ﷲ ތަޢާލާ ނޫން ކަމަށް ބުނާ މީހުންނަށް ދަރިން ނުލިބިގެން އެބަ ބޭސްކުރެއެވެ. އެކަމަށް އެތައް ބައިވަރު ފައިސާއެއް އެބަ ހޭދަކުރެއެވެ. އެފަދަ މީހުން ނިކަން ބުނެބަލާށެވެ! "އިންސާނާ އުފެއްދެވީ ﷲ ތަޢާލާ ނޫން ނަމަ، އެއީ އެއްވެސް ދެވަނަ ފަރާތަކުން ކުރާ ކަމެއް ނަމަ އެފަރާތަކާއި ބައްދަލުކޮށް އެފަރާތުގައި އެދިގެން ދަރިއަކު ނުހޯދައި ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ބޭނުން ވަރަކަށް ހޯދަންވީ ނޫން ހެއްޔެވެ؟ އެހައި ފަސޭހައިން ވާން އޮތް ކަމެއް ނުކުރެވިގެން މާޔޫސްވެ ކޮޅުކޮޅަށް ތިއަ ދުވަނީ ކީއްވެގެން ހެއްޔެވެ؟"
ހަމަ އެއާއިއެކު ނިކަން ބުނެބަލާށެވެ! "ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲ ދުނިޔެއަށް އިންސާނުން ފޮނުއްވަވަނީ ނޭވާގެ އަދަދު ކަނޑައަޅުއްވަވާފައި ކަމަށެވެ. އަދި އެއްވެސް މީހަކު މަރުވާނެ ވަގުތު އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށެވެ. އެންމެ ކުޑަމިނުން މަރުވާނީ ކޮން ތަނެއްގައި ހުއްޓައިކަންވެސް ނުއެނގޭނެ ކަމަށެވެ. ﷲ ތާޢާލާގެ މި އެންގެވުންތައް ޤަބޫލުނުކުރާނަމަ ތިމާއަށް ދުނިޔެއަށް އާދެވިފައި މިވަނީ އެހެން ފަރާތެއްގެ ސަބަބުންކަން ޘާބިތުކޮށްދޭން މިކަންކަން ދޮގުކޮށް ނިކަން ޘާބިތުކޮށްދީބަލާށެވެ! އެފަރާތެއްގައި އަހާލައިގެން މަރުވާނެ ވަގުތާއި ތަން އޮޅުން ފިލުވައި ނިކަން ހާމަކޮށް ބަލާށެވެ!"
"އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާ އާއި، މިއަޅާގެ މައިންބަފައިންނާއި، އީމާން ވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!” . (ނޫހް: 28)
ނޫޙްގެފާނު ކުރެއްވެވި މި ދުޢާ ﷲ ތައާލާ އިޖާބަ ކުރެއްވެވިއެވެ. ﷲ ތަޢާލާގެ އެންގެވުންތައް ބަލައި ނުގަނެ ކާފިރުވީ އެންމެން ޣަރަޤް ކުރެއްވެވިއެވެ. ދެން ނިކަން ބުނެބަލާށެވެ! ކަލޭމެން ދުނިޔެއަށް ފޮނުވި ކަމަށް ކަލޭމެން ތިއަ ޤަބޫލުކުރާ ފަރާތަށް ކުރެވިފައި އޮތް މިފަދަ އެއްވެސް ކަމެއް ނިކަން ދައްކައިބަލާށެވެ! އަދި މިއަށްވުރެ ކުޑަ ކަމެއްވެސް ނިކަން ދައްކައިބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން