ތަނަވަސްކަން ލިބުމުން ނިކަމެތިންނާ ގުޅުން ކަނޑާމީހުން ދަސްކުރަންޖެހޭ ފިލާވަޅެއް!: އޭނާގެ އާޚިރަތް ސަލާމަތްކޮށްދިނީ އެރި ވަރުގަދަ ޠޫފާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ތަނަވަސްކަން ލިބުމުން ނިކަމެތިންނާ ގުޅުން ކަނޑާމީހުން ދަސްކުރަންޖެހޭ ފިލާވަޅެއް!: އޭނާގެ އާޚިރަތް ސަލާމަތްކޮށްދިނީ އެރި ވަރުގަދަ ޠޫފާން!

އަޅުގަނޑުމެން 3 އެކުވެރިންނަކީ ކުޑައިރުންސުރެ ވަރަށް ގާތް އެކުވެރިންގެ ގޮތުގައި އުޅެމުން އައިބައެކެވެ. 3 މީހުންނަކީވެސް ފަޤީރުންނެވެ. 2 މީހުން ކައިވެނިކުރީ އެއްފެންވަރުގެ ފަޤީރުންނާއިއެވެ. 3 ވަނަ އެކުވެރިޔާއަށް ތަންވަސް އަންތބަކު ލިބުނެވެ. އެނިޢުމަތް ލިބުމުން އަޅުގަނޑުމެން ދެއެކުވެރިން އޭނާއަށްޓަކާ ހެޔޮދުޢާކުރީމެވެ. އަދި މިހާރުވެސް ކުރަމެވެ.  

ހިތާމައަކީ މިއަދު އޭނާއަށް އަޅުގަނޑުމެން ނުވެސް ފެންނަކަމެވެ. ގުޅިޔަސް ފޯނުވެސް ނުނަގާ ކަމެވެ. އޭނާއަށް ތަނަވަސް އަންތބަކު ލިބި ތަނަވަސްކަން ލިބުމުން ވެގެންމިދިއައީ އެކުވެރިކަން ނިމުނު ސަބަބަކަށެވެ. އެހެންވެ ވަރަށް ދެރަވަމެވެ.  

މިއީ ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެކެވެ. މިފަދަ ކަންކަންވެސް ހިނގައެވެ. ހިނގަންވެސް ހިނގާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ނަމަވެސް އެންމެން އެއްގޮތެއްވެސް ނުވާނެއެވެ. ތަނަވަސްކަން ލިބުމުން އެކުވެރިންނާއި ބޮޑަށް ގުޅުން ބަދަހިކޮށް އެމީހުންނަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރާ މީހުންވެސް އުޅެއެވެ. އެފަދަ މީހުން މަދީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ތަނަވަސްކަން ލިބުމުން ބޮޑާވާ މީހުންނަށް ފިލާވަޅަކަށް ފުދޭނެއެވެ. އިން ޝާ ﷲ   

އޭނާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ފައިސާ ނޫން އެއްވެސް އެއްޗެއްގައި އެއްވެސް މުހިންމު ކަމެއް ނުއޮވެއެވެ. މައިންބަފައިންނާއި ގާތް ތިމާގެ މީހުން ހިމެނޭހެން  އެއްވެސް މީހަކީ އޭނާއަށް މުހިންމު މީހެއް ނޫނެވެ. ފަޤީރަކު ކުރިމަތީގައި ހުރެ އާދޭސްކުރިނަމަވެސް އެހީއެއް ނުވާތަނުގައި ދުލުން ބުނަނީ އޭނާގެ ހިތުގައި ޖެހޭފަދަ ނުބައި ބަސްތަކެވެ. މީގެ އިތުރުން ދުވަހަކުވެސް އަވަށްޓެރިއަކަށް ބަލައިވެސް ނުލައެވެ. އަތުން ޚަރަދުކުރަންޖެހޭނެތީ ކައިވެންޏެއްވެސް ނުކުރެއެވެ.  

އެފަދަ ގޮތަކަށް ދިރިއުޅެމުންދަނިކޮށް ރަށަށް އެރި ޠޫފާނެއްގައި އޭނާގެ ގެދޮރާއި ވިޔަފާރިތައް ނެތިގެން ގޮސް ޙާލުގައި ޖެހުނެވެ. ބޭންކަށް އިތުބާރު ނުކުރާތީ ބޭންކަށް ފައިސާ ޖަމާނުކުރާތީ ބޭންކުގައިވެސް އެއްވެސް ފައިސާއެއް ނެތެވެ.  

އޭނާއަށް އެންމެ އަސަރުކުރީ އަވަށްޓެރިން ގުޅިގެން ބޯހިޔާވަހިކަން ހޯދަން މަސައްކަތްކުރިއިރު އޭނާއަށް އެއްވެސް މީހަކު އެހީތެރިނުވުމުންނެވެ. އެއީ އޭނާއަކީ އަވަށްޓެރިއެއް ނަމަވެސް އެމީހުންނާއި ވަރަށް ބީރައްޓެހި މީހަކަށްވުމުންނެވެ.  

ނަޞީބު ދިމާކުރި ގޮތުން އަހަރެއްހައި ދުވަސްފަހުން އޭނާއަށް އިންޝުއަރަންސުން ބަދަލު ލިބުނެވެ. އެހައިތަނަށް ދިރިއުޅެން ޖެހުނީ ޓެންޓް ގަނޑެއް ޖަހައިގެން ވަރަށް ނިކަމެތި ޙާލުގައެވެ.  

އޭނާއަށް ބަދަލުލިބުމުން އޭނާ ބަދަލުވީ ދީލަތި މީހަކަށެވެ. އެހެން މީހުންނަށް ހިތްހެޔޮ އަޅައިލާ މީހަކަށެވެ. ފަޤީރުންނަށާއި އަވަށްޓެރިންނަށް އެހީތެރިވާ މީހަކަށެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ކުރިއެރުން ލިބި ތަނަވަސްކަން އިތުރުވާންފެށިއެވެ.  

އެކުވެރިންނޭވެ! މިއީ މިއާމީގައި ހިނގިކަމެކެވެ. މިހިރީ ވިސްނައިލަން ޖެހޭނެ ކަންކަމެވެ. ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ އެކަން އެމީހަކާއި ކޮންމެވެސް ސިފައެއްގައި އައިސް އަރައިހަމަކުރާނެއެވެ.  

އަޅުގަނޑަކީ ދިނީ ޢިލްމުވެރިއަކަށްނުވާތީ ދީނީ ގޮތުން ކަންކަން ކިޔައިދޭކަށް ނުއެނގެއެވެ. ނަމަވެސް ނަޞޭޙަތަކީ ތަނަވަސްކަން ހުރިނަމަ ދީލަތިވުމެވެ. ތަނަވަސްކަން ނެތްނަމަވެސް މީސްތަކުންނާއި ގުޅުން ބާއްވައި ކޮށްދެވެން ހުންނަ ކަންކަން ކޮށްދިނުމެވެ. ތިމާ ޙާލެއްގައި ޖެހޭ ދުވަހު އެކަމުގެ ފައަިދާކުރާނެތީއެވެ.  

މިހާދިސާގައި އެބުނާ މީހާއަށް އެ ޠޫފާންވީ އޭނާއަށް ބަދަލު އައިސް ނަރަކައިން ސަލާމަތްވުމަށް ލިބުނު ފުރުޞަތަކަށެވެ. ވީމާ މިހުންނަނީ ވަރަށް ޢިބްރަތްތެރި ޙާދިސާތަކެވެ.

 

- ތުއްތުކަލޯ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން