ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 14: ތޫފާން މައިތިރިވުމާ ނާކޮޅުގައި ތިބި މުއްދަތު-

ކިޔުމަށް ހޭދަވާނީ 7މ 22ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 14: ތޫފާން މައިތިރިވުމާ ނާކޮޅުގައި ތިބި މުއްދަތު-

ޢަލީ އިޙްޞާން ފިރާޤް

 

ތޫފާނަށްފަހު: 

ކޮންމެއަކަސް، ކާފިރުވި މީސްތަކުން ތޫފާނުގައި ނެތިފަނާވެ ހިނގައްޖެއެވެ. މާތް الله سبحانه وتعالى ފިޔަވައި އެހެން ތަކެއްޗަށް އަޅުކަންކޮށް އުޅުނު މީސްތަކުންގެ އަސަރު ބިމުން ފޮހެވިއްޖެއެވެ. މާތްالله ބިމަށް އެ ބިމުގެ ފެންގަނޑު ހިންދައިލުމަށް އަމުރުފުޅު ކުރެއްވިއެވެ. އުޑަށް އެ އުޑުން ވެހެމުންއައި ގަދަ ވާރޭ ހުއްޓައިލުމަށް އަމުރުފުޅު ކުރެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ. 

وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ ﴿٤٤﴾ 

މާނައީ: "އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ." 

ކީރިތި ޤުރްއާނުގެ ސޫރަތުލް ޢައުރާފުގެ 64 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ.

فَكَذَّبُوهُ فَأَنجَيْنَاهُ وَالَّذِينَ مَعَهُ فِي الْفُلْكِ وَأَغْرَقْنَا الَّذِينَ كَذَّبُوا بِآيَاتِنَا ۚ إِنَّهُمْ كَانُوا قَوْمًا عَمِينَ ﴿٦٤﴾ 

މާނައީ: "ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީހުން غرق ކުރެއްވީމެވެ. ހަމަކަށަވަރުން، އެމީހުންވީ (حق ގެ މަގު ނުފެންނަ) ކަނު ބަޔަކު ކަމުގައެވެ." 

نوح عليه السّلام ގެ ޤައުމުގެ ކާފިރުވި މީސްތަކުން ޣަރަޤު ކުރެއްވުމާއި އީމާންވި މީސްތަކުން ސަލާމަތް ކުރައްވާ ދުނިޔެ އާރާސްތު ކުރަން ލެއްވިކަމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. ކާފިރުންނަށްވާ އިންޒާރެކެވެ. ހަނދާންކޮށްދެއްވުމެކެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގެ ޤަމަރު ސޫރަތުގެ 15 ވަނަ އާޔަތުން 17 ވަނަ އާޔަތުގެ ނިޔަލަށް މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ﴿١٥﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ ﴿١٦﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿١٧

މާނައީ: "އަދި ހަމަކަށަވަރުން، އެކަންތައްއެއީ، ހެތްކެއްކަމުގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަނދުމަކުރާ މީހަކުވޭހެއްޔެވެ؟ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟"

ތޫފާނުގައި އުފެދުނު ފެންގަނޑު ބިންމަތިން ހިނދި ހިނގާބިނގާވެ އުޅެވޭވަރުވުމުން نوح عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މީސްތަކުން އެނާކޮޅުން ފޭބުމަށް މާތް الله سبحانه وتعالى އަމުރުކުރެއްވިއެވެ. އޭރު އެނާކޮޅު ވަނީ ވަރަށް އުސްފަރުބަދައަކަށް ބީހިފައެވެ. އެ ފަރުބަދައަކީ ޖޫދީ ފަރުބަދައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِّنَّا وَبَرَكَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ ﴿٤٨

މާނައީ: "އެންގެވިއެވެ. އޭ نوح ގެފާނެވެ! ތިމަންރަސްކަލާނގެ حضرة ން أمان ކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ أمّة ތަކަށް بركات އާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި أمّة ތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ أمّة ތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ވޭންދެނިވި عذاب އެއް އައިސްޖެހޭނެތެވެ."

نوح عليه السّلام އާއި އެކަލޭގެފާނަށް އީމާންވި މީސްތަކުން އެ ނާކޮޅުގައި ތިބި މުއްދަތާ ބެހޭ ގޮތުން ތާރީޚީ ރިވާޔަތްތަކެއް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ރިވާޔަތެއްގައިވެއެވެ. ޤަތާދާ ރަޙިމަހު ވިދާޅުވެފައިވެއެވެ. [نوح عليه السّلام ނާކޮޅަށް އަރައިވަޑައިގަތީ  ރަޖަބުމަހުން 10 ވަނަ ދުވަހުގައެވެ. އެއަށްފަހު އެނާކޮޅު އެބައިމީހުންނާއިގެން 150 ދުވަސް ދަތުރު ކުރިއެވެ. އެއަށްފަހު ޖޫދީ ފަރުބަދަ މައްޗަށް ބީހިފައި އެއްމަސްދުވަސް ހުއްޓެވެ. އެބޭކަލުން ނާކޮޅުން ފައިބައިވަޑައިގަތީ މުޙައްރަމު މަހެއްގެ 10 ވަނަ ދުވަހުއެވެ. އެއީ އާޝޫރާ ދުވަހެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}

 

 

މިއަދު އޮންލައިން