ދާދިފަހުން ހިނގައިދިއަ ކަމެކެވެ. އެކުވެރިއަކު ބޭރު ޤައުމަކަށްދާންވެގެން އަނެއް އެކުވެރިޔާގެ ކިބައިން ދަތުރުގައި ގެންގޮސްލާނެ ފޮށްޓަކަށް އެދުމުން ފޮށްޓެއް ދިނެވެ. ހަނދާން ނެތުމުގެ ސަބަބުން ފޮށީގެ ޖީބުގައި ބެހެއްޓިފައި ހުރި 300 ޑޮލަރާއިވެސް އެކުގައެވެ. އެކަން ހަނދާންވެގެން ގޮސް ސުވާލުކުރުމުން ހެދީ ދޮގެވެ. ބުނީ އެއިގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ.
މިއަޑުއަހަން ހުރެގައި އެކުވެރިޔާގެ މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ﷲ އަށް ބިރުވެތިވާށެވެ! އެފައިސާ ދަރިފުޅުއަތުގައި އެބަހުރިކަން މަންމައަށް އެނގެއެވެ. ދަތުރުދާން ފައިސާ ކިތަންމެ ބޭނުމަސް ވައްކަން ނުކުރާށެވެ! ތިއަކުރެވެނީ ހަމަ ވައްކަމެކެވެ."
ކަންކަން މިފަދައިން ހުރިއިރު ތެދުވެރިވުމަށް ސަމާލުކަންދޭންޖެހޭ މިންވަރާއި ތެދުވެރިވުމަށް މީހުން މަސައްކަތްކޮށްފައި ހުރި ވަރަށް ވިސްނައިލަމާ ހިނގާށެވެ. ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ!
އަލްއިމާމުލް ބުޚާރީ ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިކަމަށް އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ދަނޑު ބިމެއް ގަތެވެ. އޭނާއަށް ދަނޑުބިމުގެ ތެރެއިން ރަންއަޅާފައިވާ ކަންވާރެއް ފެނުނެވެ. ދެން އޭނާ ކަންވާރު ހިފައިގެން ގޮސް ވިއްކި ފަރާތަށް ދައްކައިފައި ބުންޏެވެ. [ތިބާގެ ރަންތައް ތިބާ ގެންދާށެވެ. އެހެނީ އަހަރެން ތިބާގެ އަތުން ގަތީ ހަމައެކަނި ބިމެވެ. ރަންތަކެއް ނުގަންނަމެވެ.] ވިއްކިފަރާތުން ބުންޏެވެ. [ތިމަން އެ ބިން ވިއްކީ އޭގެ ތެރޭގައިވާ ހުރިހާ އެއްޗަކާވެސް އެކުގައެވެ.]
ދެން އޭގެ ދެމީހުން އެ މައްސަލަ ޙައްލުކުރުމަށްޓަކައި މީހެއްގެ ގާތަށް ދިޔައެވެ. އޭނާ އެދެމީހުންނާ ސުވާލުކުރިއެވެ. [ދަރީން އެބަތިބި ހެއްޔެވެ؟] އެތަނުން އެކަކު ޖަވާބު ދިނެވެ. [ތިމަންގެ އަންހެން ކުއްޖަކު ހުރެއެވެ.] އަނެކަކު ބުންޏެވެ. [ތިމަންގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.] އެމީހާ ބުންޏެވެ. [އެހެންވިއްޔާ އެދެކުދީންގެ ކާވެނި ކުރުވާށެވެ. އެ ފައިސާ އެދެކުދީންގެ މައްޗަށް ހޭދަކުރާށެވެ. ދެން ހުރިބައި ޞަދަޤާތް ކުރާށެވެ.]
{ البخاري (ت ٢٥٦)، صحيح البخاري ٣٤٧٢ • [صحيح] • أخرجه البخاري (٣٤٧٢)}
- ޢަލީ އިޙްޞާން ފިރާޤް