މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާއިރު، އެ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްެޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ފުޅާކޮށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޝީޓް ޕައިލް ކުރުމުގެ 48 މީޓަރުގެ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. މީގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތްތައް ވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާއިރު، ހިނގާ މީހުންނަށް ޚާއްޞަ ސަރަޙައްދުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި، މިހާރު އޮތް މަގު އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢަށް ބަލާއިރު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢެކެވެ.
މި މުހިންމު މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކަކީ ޒަމާނީ، އަދި ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރަށް ފަސޭހަ މަގުތަކަކަށް ވެގެންދާނެއެވެ. މިއީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ.