ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 36.6 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާ ހޯދުމަށް ސަރުކާރުން ފެށި ހާއްސަ މަސައްކަތުގެ ދަށުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް 783,267,800 (ހަތް ސަތޭކަ އަށްޑިހަ ތިން މިލިއަން ދެ ލައްކަ ފަސްދޮޅަސް ހަތް ހާސް އަށް ސަތޭކަ) ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 573,307,350 ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
2024 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 670,932,300 ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 16.9 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ލިބުނު އާމްދަނީއަށް ބަލާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު މިއީ 36.6 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68,000 ފަރާތެއް ރަޖިސްޓްރީވެފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ގަވައިދުން ފީތައް ދައްކަމުން ދަނީ 7,900 އެއްހާ ފަރާތުންނެވެ. ފީތައް ނުދައްކައިގެން 8,000 އަށްވުރެ ގިނަ ފަރާތް މިހާރު ވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށްފައެވެ.
ސަރުކާރުން ބިދޭސީންނާ ގުޅޭ ފީތައް ހޯދުމަށް ފެށި މަސައްކަތުގެ ދަށުން، ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. މި ފައިސާ ހޯދުމަށްޓަކައި ވުޒާރާއިން ވަނީ ފީތައް ދެއްކުމަށް އެއްބަސްވުމެއްގެ ދަށުން ލުއި ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ.