މައިން ބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިމެދު ހަސަދަލައި ވާހަކަ ނުދައްކައި އުޅުމުން އެމީހުން ކުރާ ހިތާމަތަކަށް ޤިޔާމަތް ދުވަހުން އަގު ދައްކަން ތިބާއަށް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މައިން ބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިމެދު ހަސަދަލައި ވާހަކަ ނުދައްކައި އުޅުމުން އެމީހުން ކުރާ ހިތާމަތަކަށް ޤިޔާމަތް ދުވަހުން އަގު ދައްކަން ތިބާއަށް ޖެހޭނެ!

މައިން ބަފައިންނާއި އަދި ޢާއިލާގެ މީހުންނާއިމެދު ހަސަދަލައި ވާހަކަ ނުދައްކައި އުޅުމުން އެމީހުން ކުރާ ހިތާމަތަކަށް ޤިޔާމަތް ދުވަހުން އަގު ދައްކަން ތިބާއަށް ޖެހޭނެއެވެ. އެކަމުން ލިބޭނެ ތަކްލީފްގެ ބޮޑުކަމާއިމެދު މިއަދު ނުވިސްނައިފިނަމަ އެދުވަހު އުޅެން ޖެހޭނީ މާނިކަމެތި ހާލުގައިކަން ހަނދާނުގައި ބަހައްޓާށެވެ!

އިސްލާމް ދީނަކީ ހިތް ހެޔޮ ކުރުމުގެ ދީނެވެ. މީސްތަކުންނަށް މަޢާފް ކުރުމުގެ ދީނެވެ. މީސްތަކުންނަށް ހިތް ހެޔޮ ކުރުމަކީ ދިރިހުއްޓައި ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވާ ސަބަބެއްކަން ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުން ސާބިތުވާން އޮތުމުން އެކަމުގެ މަތިވެރިކަން އެއޮތީ އެނގޭށެވެ.  

މިއީ ހަމަ އެންމެންވެސް ދަންނަ ހަދީޘްފުޅެކެވެ. "ދެން މިސްކިތަށް ވަންނާނީ ސުވަރުގެ ވަންތަވެރިއެއް" ކަމަށް 3 ދުވަހު ބަޔާން ކުރެވެވުމުން މިސްކިތަށް ވަނީ އެކަކު ކަމާއި އެބޭކަލެއްގެ ކިބައިގައި ހުރި ހަމައެކަނި ޚާއްޞަ ސިފައަކީ ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ހުރިހާ އެންމެންނަށް މަޢާފް ކުރައްވަވައި ހިތްހެޔޮ ކުރެއްވެވުންކަން އެއީ އެނގެން އޮތް ކަމެކެވެ. ދިގުކުރަން އެ ވާހަކަ ނުދައްކައި މަޢްޟޫއާއިގެން ކުރިއަށް ދާނަމެވެ.  

މީސްތަކުންގެ މައްޗަށް ހިތް ހެޔޮ ކުރުމަކީ އަދި މަޢާފް ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތަ އިރުވެސް ކޮންމެވެސް މައްސަލައެއްގައި ހިތް ހަމަ ނުޖެހޭއިރަށް އަހަރެމެން އަހަރެމެންގެ މައިން ބަފައިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އެއްބަނޑު އެއްބަފާ މީހުންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަނިބިން ފިރިންނާއި އަދި ފިރިން އަނބިންނާއި ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ. އަދި ބައެއް ހާލަތްތަކުގައި ދަރިންނާއިވެސް ވާހަކަ ނުދައްކައި އެބަ ތިބެމުއެވެ.

ގިނަ ފަހަރަށް މައްސަލަތައް މެދުވެރިވެފައި ހުންނަނީ މުދަލުގެ މައްސަލައިގައެވެ. ނޫން ނަމަ ފައިސާގެ މައްސަލައިގައެވެ. ނިކަން ވިސްނައިލަބަލާށެވެ! މުދަލަކީވެސް ފައިސާ އަކީވެސް މުހިންމު އެއްޗެކެވެ. އެހެނަސް މުހިންމީ މުދަލާއި ފައިސާ ހެއްޔެވެ؟ އާޚިރަތް ލިބުން ހެއްޔެވެ؟ ތިބާއަށް ހައްޤު އެއްޗެއް ޙައްޤު މިންވަރަށް މިދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހުން ލިބޭނެކަން ޔަޤީންނުވަނީ ހެއްޔެވެ؟

ބަލަ އެގޮތް މާ ރަނގަޅު ނޫންހެއްޔެވެ؟ މިދުނިޔޭގައި މުދަލާއި ފައިސަ ލިބުމުން ޚަރަދުކުރެވި ހުސްކޮށްލެވޭނީއެވެ. ގިނަ ފަހަރަށް އޮންނާނީ ޞަދަޤާތެއްވެސް ނުކުރެވިފައެވެ. ކުރެވުނު ނަމަވެސް ކުރެވޭނީ ވަރަށް މަދު މިންވަރެކެވެ. އާޚިރަތް ދުވަހު ތިބާއަށް އެ މުދަލާއި ފައިސާ ލިބޭނީ އެއިގެ އެންމެ ފުރިހަމަ ގޮތުގައެވެ. ހެޔޮކަމާއި ސަވާބުގެ ގޮތުގައެވެ.  

އެދުވަހަކީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ހެޔޮކަންތައްތައް މަދުވެގެން ތެޅި ފޮޅޭނެ ދުވަހެވެ. ވީއިރު މިދުނިޔޭގައި މުދަލާއި ފައިސާ ނުލިބިގެން ބައަކާއި ހަސަދަ ލައި ޢަދާވާތްތެރިވެ އާޚިރަތް ނަގައިލުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟  

ވީމާ ރަނގަޅަށް ވިސްނައިލާށެވެ. އެއްވެސް މީހަކާއިމެދު، ޚާއްޞަކޮށް ރަޙިމުގެ ގުޅުން އޮތް މީހުންނާއިމެދު، ޢާއިލާގެ މީހުންނާއިމެދު ހިތުގައި ހަސަދަލައިގެން އުޅޭއިރު މިކަންކަމަށް ވިސްނައިލާށެވެ. ވާހަކަ ނުދައްކައި ހުންނައިރު މިކުރެވެނީ ކޮންކަމެއް ކަމާއިމެދު ވިސްނައިލާށެވެ! އަހަރެންގެ އާދޭހަކީ ހަމަ ކޮންމެ މީހަކުވެސް މިކަންކަމަށް ވިސްނައި ތިމާގެ އާޚިރަތަށް ގެއްލުންހުރި މިފަދަ އެއްވެސް ކަމެއް ނުކުރުމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން