އަނބިން ޤުރްއާނާއި ދީން އުނގެނެން މަސައްކަތްކުރާނަމަ އެކަމަށް ހިތްވަރުދީ އެހީތެރިވެދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެކަމަކީ އެކަމުގެ ސަބަބުން ޘަވާބު ލިބުމުގެ އިތުރުން ދަރިންނަށާއި ޚުދު ތިމާއަށްވެސް ދުނިޔޭގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ.
ނިކަން ހަނދާނަށް ގެނެސްބަލާށެވެ. އުންމު ސަލަމާ (ރޢ)ގެ ޙަޔާތްޕުޅަށެވެ. ފިރިކަލުން ދުނިޔެ ދޫކުރެއްވެވުމުން ހުރިހާ ހިތްވަރެއް ހޯއްދެވީ ފިރިކަލުން ދުނިޔޭގައި ހުންނަވައި ދަސްފުޅުކޮށް ދެއްވެވި ޙަދީޘްފުޅުތަކުންނެވެ. ކެތްތެރިކަން ހޯއްދެވީ "މުސްލިމުންނަށް ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވުމުން އެކަމަށް ޙައްގު ޖަޒާ ދެއްވަވާނެ ކަމަށާއި ނިޢްމަތެއް ބީވެގެންދާނީ އެއަށްވުރެ މާމަތިވެރި ނިޢްމަތެއް ދެއްވެވުމަށް" ކަމުގައި ފިރިކަލުން ދަސްފުޅުކޮށްދެއްވެވި ޙަދީޘްފުޅުތަކުންނެވެ.
ސުވާލަކީ މިއަދު އަހަރެމެންނަށް އެކަން އެބަކުރެވޭ ހެއްޔެވެ؟ އަނބިންނަށް އިސްލާމް ދީނުގެ ކަންކަން ދަސްކޮށްދެނީ ކިތައް ފިރިން ހެއްޔެވެ؟ އަނބިންނާއި ދަރިންނަކީ އިސްލާމް ދީނަށް އަމަލުކުރާ ބައަކަށް ހަދަން މަސައްކަތްކުރަނީ ކިތައް ފިރިން ހެއްޔެވެ؟
އަނބިންނަށް މިބުނި މަގުން ހިތްވަރުދޭ ފިރިން ތިބި ނަމަވެސް މިކަމުގައި މިއަދުގެ ބައެއް ފިރިން މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ވީމާ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނެ ދުވަހަށް ބިރުވެތިވާށެވެ!
މީސްތަކުންނޭވެ! އަނބިންނަށް އިސްލާމް ދީން ފުރިހަމައަށް އަނގައިދިނުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެކެވެ. އަނބިންނަކީވެސް ތަޤްވާވެރި އަޅުވެރިން ކަމުގައި ހަދަން މަސައްކަތްކުރާށެވެ. އެއިރުން ދެމަފިރިންގެ ޙަޔާތުގައި ކުރިމަތިލާން ޖެހޭ މައްސަލަތައް ޙައްލުކުރުމުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާނެއެވެ.
ގެއަށް ވަނުމަށްފަހު ފުރަތަމަ ކުރާ ސުވާލަކީވެސް ނަމާދުތައް ކުރިންތޯ؟ ކަމުގައި ހަދާށެވެ! އެގޮތަށް ފިރިން އެކަން ބަލާނަމަ ނަމާދުކުރަން އަނބިންދޭ ސަމާލުކަން އިތުރުވާނެއެވެ. އަނބިންނަށް ނަމާދު ނުކުރެވުނީ ގޭތެރޭގެ މަސައްކަތްތަކާއިހުރެ ކަމުގައިވާނަމަ އެ މައްސަލަތައް ޙައްލުކޮށްދިނުމަކީ ފިރިމީހާގެ ވާޖިބެކެވެ. ހަމަ އެއާއިއެކު ނަމާދުކުރުމާއި އިސްލާމް ދީނަށް އަމަލުކުރުމުގައި ފިރިން ވާން ޖެހޭނީ އަނބިންނަށާއި ދަރިންނަށް ނަމޫނާ ދައްކާ ބައަކަށެވެ.
އަނބިންނަށްވެސް ދަރިންނަށްވެސް އަދާކޮށްދޭންޖެހޭ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އެމީހުން ބޭނުންވާހައި ތަކެތި ހޯދައި ދިނުމެއް ނޫނެވެ! އެމީހުން ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ. "އަނބިންނާއި ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން" ﷲ ތައާލާ ވަނީ އަމުރުފުޅު ކުރައްވަވައި އެ މަސްއޫލިއްޔަތު ފިރިންނާއި ޙަވާލުކުރައްވަވައިފައެވެ.
ފިރިންނޭވެ! ތިމާ ނަމާދުކުރަމުން އަނބިން ނަމާދުކުރޭތޯ ބަލައި އަދި ނަމާދުކުރަން ނިކަން އެހީތެރިވެދީބަލާށެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. ކިރިޔާކަމެއް ޖެހޭއިރަށް ޒުވާބުކޮށް ވަރިފަށަށް އަރަން ޖެހުން ނިމުމަކަށް އަންނާނެއެވެ. އިން ޝާ ﷲ
- ޝައިޚް ޢަބްދުﷲ އޮދްރޯ ގެ ދަރުސަކުން