އާޚިރަތް އެދޭ ކޮންމެ ދެމަފިރިއަކުވެސް ވިސްނަންޖެހޭ އެންމެ ބޮޑު ކަންތައް ކަމަށް ބުނެ މިރޭ ފާހަގަކުރަން މިއުޅެނީ އަޅުކަނަކުރުމުގެ ވާހަކައެއް ނޫނެވެ. ކުރެވޭ ބޮޑު ފާފައެއްގެ މައްސަލައެވެ. ބައިވެރިޔާއަށް ބޭވަފާތެރިވުމުގެ މައްސަލައެވެ.
އަހުރެމެންގެ ތެރެއިން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ އެމީހަކަށް ލިބިފައި އޮންނަ އިޚްތިޔާރެއް ކަމަށެވެ. ނަމަވެސް ބައިވެރިޔާއަށް ބޭވަފާތެރިވުން ހުއްދަކުރާ ދީނެއް ނެތެވެ. މާނައަކީ އެއީ އެއްވެސް ދީނެއްގައި ކުރުން ހުއްދަ ކަމެއް ނޫނެވެ.
ހުޅަނގުގެ މީހުންގެ ކުރިމަތީގައި ވަފާތެރިކަން އެއީ އޮންނަ ކަމެއް ނޫނެވެ. އެމީހަކަށް އުފާ ލިބޭ ކޮންމެ ކަމެއް ކުރުންވެސް ހުއްދައެވެ. ވަފާތެރިވުން ނެތް މުޖުތަމަޢުއެއްގައި ބޭވަފާތެރިވުމަކީ މައްސަލައަކަށް ނުވާނެ ނޫންހެއްޔެވެ؟ ނަމަވެސް އެއީ އެއްވެސް ދީނެއްގައި އެގޮތް ހުއްދަކުރާތީއެއް ނޫނެވެ. އަދި އެމީހުންގެ ތެރެއިން ގިނަބައަކީ އެއްވެސް ދީނެއް ޤަބޫލުކުރާ ބައެއް ނޫނެވެ. ވީމާ ލަދުޙަޔާތްނެތުމުން ހިތަށްއެރިހައި ގޮތަކަށް އުޅެނީއެވެ.
ދެން އޮތީ ބައިވެރިޔާ ބޭވަފާތެރިވާކަން އެނގުމެވެ. އެޙާލަތުގައި އޭނާ ދައްކާ ބަހަނާތައް ބަލައިނުގަންނާށެވެ! އިޞްލާޙްވުމަށް ނަޞޭޙަތްދޭށެވެ. ފުރުޞަތުވެސް ދޭށެވެ. އިޞްލާޙް ނުވިނަމަ ދެމީހުން ވަކިވާށެވެ. ބޭވަފާތެރިވާކަން ޚާއްޞަކޮށް ފާފަކުރާކަން އެނގިހުރެ އެކުގައި އުޅޭނަމަ އެކަންވާނީ ފާފަކުރަން ހިތްވަރުދިނުން ކަމަށެވެ. އެއިރުން އެކަންވާނީ ތިމާއަށް ކުރެވޭ ފާފައަކަށެވެ.
މުސްލިމުންނަށް އޮތީ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. ﷲ ތަޢާލާއަށް ތެދުވެރިވާ މީހަކު ފާފަތަކަށް އަރައެއް ނުގަނެ ހުންނަން މަސައްކަތްކުރާނެއެވެ. ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާނެއެވެ. އަދި އޭނާ ބިރުގަންނާނީ މަރުވެދާނެތީއެއް ނޫނެވެ. ފާފަކުރެވޭތީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވާންޖެހިދާނެ ކަމަށެވެ. އެއިރުން ދެއްވަވައިފާނެ ގަދަފަދަ ޢަޛާބަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން