ﷲ ތަޢާލާގެ މަތިން އަނަދުވެސް ހަނދާންކޮށްގެން ހުންނައިރުވެސް ކޮންމެ ކަމެއް ކުރާވާހަކަ ބުނެވޭއިރު އިން ޝާ ﷲ ކިޔަންޖެހޭނެތަ؟
ކިޔުންތެރިޔާ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އެކަން ސާފުވެލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ބައެއް މީހުން ކަންކަން ކުރާނެކަމަށް ބުނާއިރު "ﷲ އިރާދަކުރެއްވެވިއްޔާ" ނުލައި ބުނެއެވެ. އެފަދައިން ބުނާ މީހުންނަށް ވިސްނިފައި އޮންނަނީ ހިތުގައި އެބަސް ބޭއްވުމުން ފުދޭނެ ކަމެވެ. ނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އޮތީ މިފަދައިންނެވެ.
(وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾ (އަލްކަހްފި: 24)
މާނައަކީ: "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"
ވީމާ އެއްވެސް ކަމެއް ކުރާނެކަމަށް ނުވަތަ މީހަކަށް ކަމެއް ކޮށްދޭނެކަމަށް ބުނާއިރުގައިވެސް " ﷲ އިރާދަ ކުރެއްވެވިއްޔާ" ނުވަތަ "އިން ޝާ ﷲ" ނުލައި ބަސް ނުބުނާށެވެ. ތިމާގެ އަމިއްލަ އިޚްތިޔާރުގައި ކުރެވެން ހުންނަ ކަންކަންވެސް ކުރެވޭނީ އެކަމެއް ކުރުމަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން