ލޯތްބާއިމެދު ވިސްނާނަމަ އަހުރެމެން ކޮންމެ މީހަކު ދެކެވެސް ލޯބިވާންޖެހެއެވެ. ދުރުހިލޭ، ތިމާއާއި ޢާއިލީ ގުޅުމެއް ނެތް މީހުން ދެކެވެސް ލޯބިވާންޖެހެއެވެ. ޢާއިލާ ދެކެވެސް ލޯބިވާންޖެހެއެވެ. ނަމަވެސް މިއީ އެއްމިންވަރަކަށް، އެއްގޮތަކަށް، އެއްދރަޖައަކަށް ވާންޖެހޭ ލޯތްބެއް ނޫނެވެ.
އަހުރެމެން ކުރާ ކޮންމެ ކަމެއްގައިވެސް ހަމައާއި އިންޞާފަށް ލޯބިކުރަންވާނެއެވެ. ދީނުގައި އޮތްމަގުން ޢަމަލުކުރަންވާނެއެވެ. ލޯބިވުމާއި ލޯބިދިނުމުގައިވެސް އޮތީ ހަމައެގޮތެވެ. ބޭއިންޞާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
އެންމެ ބޮޑަށް ލޯބިވާންޖެހޭނީ މައިންބަފައިން ދެކެތޯ؟ ނޫނީ އަނބިމީހާ ދެކެ ތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ މައިންބަފައިން ދެކެވެސް އަނބިމީހާދެކެވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނެއެވެ. ނަމަވެސް އެއީ މުޅިން ތަފާތު ދެ ލޯތްބެކެވެ.
ފުރަތަމަ މައިންބަފައިންނަށް ބަލާލަމާ ހިނގާށެވެ! މައިންބަފައިން އަހަރެމެންނަށްޓަކައި ނުއުފުލާ ބުރައެއް ނެތެވެ. ނުވާ ޤުރްބާނީއެއް ނެތެވެ. ހޭދަކުރި މިންވަރުގެ ޢަދަދެއް ވެސް ނުއެނގެއެވެ. އެކަންކަން އެމީހުން ނުކުރިނަމަ މިއަދު އަހަރެމެން ތިބޭނީ ކޮން ގޮތަކަށް، ކޮން ސިފައެއްގައިކަން އެނގެނީވެސް ކިހިނަކުންހެއްޔެވެ؟ ދިރިއުލެންޖެހޭނީ ކޮން ފެންވަރެއްގައި ކޮން ޙާލެއްގައިކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.
ދެން އޮތީ އަނބިމީހާއެވެ. ހަނދާންކުރާށެވެ! މިދައްކަނީ ހެޔޮލަފާ ތަޤްވާވެރި އަނބިންގެ ވާހަކައެވެ.
ދިރިއުޅެން މިނިވަންކަމާއިއެކު މަސައްކަތްކުރެވެނީވެސް އަނބިމީހާގެ ސަބަބުންނެވެ. އަޅުކަންކުރުމުގައި ސާބިތުވެވެނީވެސް އަނބިމިހާގެ ސަބަބުންނެވެ. ނުބައިމަގުން ނުހިނގައި ސީދާމަގުން ކުރިއަށްދެވެނީވެސް އަނބިމީހާގެ ސަބަބުންނެވެ. ގިނަފަހަރަށް ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލެވެނީ ގަޑި ސޯނާވާންފެށުމުން ނިއްވާނުލައި އަހަރެމެން ހޭލަންދެން ގޮވައި ހޭލައްވައިދޭތީއެވެ. އަހަރެމެން މަސައްކަތްކުރިނަމަވެސް އާމްދަނީ ހޯދިނަމަވެސް ދަރިން ބަލަހައްޓައި ތަރުބިއްޔަތުކުރަން އަހަރެމެންނަސްވުރެ ބުރަކޮށް މަސައްކަތް ކުރަނީ އަނބިންނެވެ.
މިކަންކަމަށް ބެލުމުން އެނގެނީ އަހަރެމެންގެ ދިރިއުޅުން ފުރިހަމަކުރެވެނީ މައިންބަފައިންގެ މަސައްކަތުންނާއި އަނބިމީހާގެ މަސައްކަތުން ކަމެވެ. އަދި މިއީ މުޅިން ތަފާތު ދެ މަސައްކަތެއްކަމެވެ. ކޮށްދެނީ މުޅިން ތަފާތު ދެ ޚިދުމަތެއްކަމެވެ.
ދެން ނިކަން ބުނެބަލާށެވެ! ވަކި މީހަކަށް ލޯބިކުޑަކުރެވެން އެބައޮތްހެއްޔެވެ؟ ވަކިމީހެއްގެ ދަރަޖަ ތިރިކުރެވެން އެބައޮތްހެއްޔެވެ؟ ހަމައެކަނި ވިސްނަންވީ ވާންޖެހޭ ދެ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެއްކަމެވެ. ދޭންޖެހޭ ދަރަޖަ ނުވަތަ މަޤާމްވެސް ތަފާތުކަމެވެ.
މައިންބަފައިންނަށް ދޭންޖެހޭ ލޯބިދީ އެހީތެރިވާށެވެ! އަނބިންނަށް ދޭންޖެހޭ ލޯބިދީ ވަފާތެރިވާށެވެ! އެންމެ ކާމިޔާބު މީހަކަށްވެވޭނީ އެއިރުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން