ޢާއިޝަތު ރަފާޙް ޢަލީ
ޝެއިޚް ފަހްދް!: "އަޅުގަނޑު ވަރަށް ބޮޑަށް ތަޢުރީފުކުރާ ފުޓްބޯޅަ ކުޅުންތެރިއެއް އެބަހުއްޓެވެ. އޭނާގެ ކުޅުމާއި، ޕަބްލިކް އިމޭޖާއި، އަދި އިޖްތިމާޢީ ހަރަކާތްތަކަށް އަޅުގަނޑު ވަރަށް ބޮޑު ސަމާލުކަމެއް ދެމެވެ. މިއީ އެއްވެސް ވަރަކަށް މުބާލަޣާކުރުމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އޭނާގެ ވާހަކަ ދެއްކެއެވެ. އަދި އޭނާގެ ވީޑިއޯ ކްލިޕްތައް އެހެން ފަރާތްތަކާ ހިއްސާކުރުމަކީ ވެސް އަޅުގަނޑުގެ އާދައެކެވެ. މި ފަދަ ޝައުޤުވެރިކަމެއް ބެހެއްޓުމަކީ އާންމު ކަމެއްތޯ ނުވަތަ މިއީ ހައްދުފަހަނައަޅާފައިވާ ޢަމަލެއްތޯ އަޅުގަނޑު ހިތަށްއަރައެވެ."
ޝައިޚުގެ ޖަވާބު:
މިދާދި ފަހުން އަޅުގަނޑަށް ވަރަށް ސަމާލުކަން ދެވުނު ކަމެއް ފާހަގަކުރެވިއްޖެއެވެ. ޙަޤީޤަތުގައި، ޒުވާނުންނާ ބައްދަލުވާ މަޖިލިސްތަކުގައި، އެ ޒުވާނުންގެ ހިތުގައި ބައެއް ފަންނާނުންނާއި ކުޅުންތެރިންނާ ބެހޭ މަޢުލޫމާތު ހުންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަޅުގަނޑު މިހެން މިބުނަނީ އެއްވެސް ފާޑުކިޔުމެއްގެ ގޮތަކުން ނޫނެވެ. އެހެނަސް، ވަކި ކުޅުންތެރިއަކާ ބެހޭ ގޮތުން ސުވާލުކޮށްފިނަމަ، އެ ކުޅުންތެރިއެއްގެ އުފަން ތާރީޚު، ކުޅުންތެރިޔާ ކްލަބަށް ބަދަލުވި ތާރީޚު، އަގު، އަދި އޭނާގެ ބައްޕަ ކްލަބުގައި ރަޖިސްޓްރީ ކުރި ތާރީޚު ފަދަ ހުރިހާ މަޢުލޫމާތެއް ތަފްޞީލުކޮށް ކިޔައިދޭނެއެވެ. މިއީ ޙަޤީޤަތުގައި ވެސް ވަރަށް އިންތިހާއަށް ގޮސްފައިވާ ލޯބިވުމެއްގެ ނިޝާނެކެވެ.
ޙަޤީޤަތުގައި، އަޅުގަނޑަށް މިފަދަ ހާދިސާއެއް އެއް ދިމާވެފައިވާ ޒުވާނަކާ ދިމާވިއެވެ. އޭނާ އެއް ކުޅުންތެރިއަކު ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެއް ދުވަހަކު އަޅުގަނޑު އޭނާއާއެކު ދަތުރެއްގައި އުޅެނިކޮށް އެ ކުޅުންތެރިޔާއާ ބައްދަލުވެއްޖެއެވެ. އޭނާ ކުރިމަތީގައި ކުޅުންތެރިޔާ ފެނުމާއެކު އުފަލުން އުދުހިގެން ދިޔައެވެ. އިށީނދެ ތިބޭކަށް ނުކެރުނެވެ. އޭނާ ގާތަށް ގޮސް ހަމައެކަނި ސަލާމްކޮށްލަން ބޭނުންވިއެވެ. އެކަމަކު އެ ކުޅުންތެރިޔާ އަޅުގަނޑުމެންނާ ދުރަށް ހިނގައިގަތެވެ. އެ ދުވަހުން ފެށިގެން އޭނާއަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެހާ ބޮޑަށް އަސަރުކުރީ އެ މީހާ އެ އިންސާނާދެކެ ކުރި ލޯބި ބަދަލުވެގެން ދިޔައީ ވަރަށް ގަދަ ނަފުރަތަކަށެވެ.
ޤުރްއާނުން އަޅުގަނޑުމެންނަށް އުނގަންނައިދެނީ، ތިބާ، ތިބާ ހެއްދެވި ފަރާތް، ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކޮށްފިނަމަ، އެކަލާނގެ ތިބާ ހަނދުމަކުރައްވާނެ ކަމެވެ. މިއީ އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ މުހިންމު ޙަޤީޤަތެކެވެ.
ﷲ ތަޢާލާ އަޙްޒާބް ސޫރަތުގެ 41 ވަނަ އާޔަތުން 43 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾ هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ ۚ وَكَانَ بِالْمُؤْمِنِينَ رَحِيمًا ﴿٤٣﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! (41) އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ! (42) އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. (43)"
އަދިވެސް ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
فَاذْكُرُونِي أَذْكُرْكُمْ
މާނައީ: ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ހެޔޮކަންތައްތަކުގައި އެހީތެރިވެދޭނެ ހެޔޮލަފާ އެކުވެރިން ދެއްވާނދޭވެ!