އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވިސްނަނީ ހަމައެކަނި މިއަދާއިމެދުގައެވެ. އެހެންވެ އަޅުކަން ކުރެވެނީވެސް ވަރަށް މަދުންނެވެ. އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެވޭ ޙާލުގައެވެ. ގިނަފަހަރަށް ވިސްނިފައި އޮންނަނީ ޢުމުރުގައި އަދި ވަރަށް ގިނަ ދުވަސްތަކެއް ބާކީ އެބައޮތް ކަމަށެވެ.
އެގޮތަށް ވިސްނައިގެން އާޚިރަތް ޙާޞިލެއް ނުކުރެވޭނެއެވެ. ވީހާ ގިނައިން އަލުކަންކުރަން އެބަޖެހެއެވެ. ކުރާ ކޮންމެ ކަމަކީވެސް ހެޔޮ ޢަމަލަކަށް ހަދަން މަސައްކަތްކުރަން އެބްޖެހެއެވެ. ވީހާ ގިން ޘަވާބު ހިފައިގެން އާޚިރަތަށްދާން މަސައްކަތްކުރަން އެބަ ޖެހެއެވެ. ވީމާ މިނަޞޭޙަތްކޮޅަށް ވިސްނައިލާށެވެ.
ބައްދަލުވުމަކީ ހަމައެކަނި ބާއްވާ ބޮޑެތި ބައްދަލުވުންތަކެއް ނޫނެވެ. ޖަލްސާތަކާއި ފޯރަމްތަކެއްވެސް ނޫނެވެ. ގޭގެ ސިޓިންގ ރޫމްގައި ޢާއިލާގެ މީހުން އެއްވެ ތިބޭ ތިބުމަކީވެސް ހަމަ ބައްދަލުވުމެކެވެ. އެ ފަދަ ބައްދަލުވުންތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ޖެހޭނެކަން ޙަދީޘްފުޅުތަކުން އެނގެން އެބަ އޮތެވެ.
ގޭގެ ސިޓިންގ ރޫމްގައި މަރުވެފައި އޮތް ހިމާރެއް ބާއްވައިގެން އެއިގެ ވަށައިގެން ތިބެން ބޭނުންވާނެ އެއްވެސް މީހަކު ހުންނާނެ ހެއްޔެވެ؟ އެފަދަ މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެކަން ވަރަށް ގިނަ ގެތަކުގައި ދަނީ ކުރެވެމުންނެވެ. ނުއެނގި ތިބެ އެކަން ކުރެވޭނަމަ އަވަހަށް އެކަން ކުރުން ހުއްޓައިލާށެވެ!
މިކަން މިކުރެވެނީ ކިހިނަކުންކަން އެނގޭ ހެއްޔެވެ؟
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކީ ބާއްވާ ބައްދަލުވުންތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރި މީހުންނެވެ. ﷲ ތަޢާލާގެ ނަންފުޅު ނުގަނެ ބައްދަލުވުންތައް ބޭއްވި މީހުންނެވެ. ހަދީޘްފުޅުގައި އޮތީ އެފަދަ ބައްދަލުވުމެއްގައި މީސްތަކުން އެތިބީ މަރުވެފައި އޮތް ހިމާރެއްގެވަށައިގެން ކަމެވެ.
ބަލަންވީ ބާއްވާ ބޮޑެތި ޖަލްސާތަކާއި ބައްދަލުވުންތަކަށް އެކަންޏެއް ނޫނެވެ. އަމިއްލަ ގޭގައި ބާއްވާ ބައްދަލުވުންތަކަށްވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. ޢާއިލާގެ މީހުން އެއްވެ ބާއްވާ ބައްދަލުވުންތަކަކީވެސް ހަމަ ބައްދަލުވުންތަކެވެ. ވީމާ ޢާއިލާގެ މީހުން ބައްދަލުވެ މަޗްވަރާކުރި ނަމަވެސް އެ ބައްދަލުވުމެއްގައި ﷲ ތައާލާގެ ނަންފުޅު ގަނެވެންޖެހޭނެއެވެ. ﷲ ތަޢާލާ މަތިވެރިކުރަން ވާނެއެވެ.
ވިސްނަންވީ ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް މެއެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހާގެމަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުންތައް ދާނީ އިތުރަށް ބަދަހިވެ ކުރިއަރަމުންނެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން