ޢަލީ އިޙްޞާން ފިރާޤް
ޚުލުޤުފުޅު:
އަރަހުށި ހުސްޠާހިރު ވަންތަ މާތްﷲ އެކަލާނގެ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުންނަކީ އިންސާނުންގެ ޚުލުޤާއި ސުލޫކު ބައްޓަންކުރުމަށް ދިއްލައިލެވިފައިވާ ދަންމަރުތަކެއް ފަދަ ބައެކެވެ. އޭގެ ތެރެއިން ކޮންމެ ބޭކަލެއްގެ ޝަޚްޞިއްޔަތު އިތުރަށް އުއްތި ފުރިހަމަވެފައިވަނީ، އެބޭކަލުންގެ ޚުލުޤުފުގެ ރިވެތި މަކާރިމްތަކުންނެވެ.
އެގޮތުން نوح عليه السّلام އަކީވެސް އުޅުއްވުން ރީތިކަމާއި އަޚްލާޤުގެ ފުރިހަމަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. އިސްވެލިޔެވިފައިވާ ޞަފްޙާތަކުން އެނގިވަޑައިގަންނަވާނެ ފަދައިން، އެކަލޭގެފާނަކީ ނުހަނު ކެތްތެރި ބޭކަލެކެވެ. 950 އަހަރު ދުވަސްވަންދެން އެއްވެސް ފޫހިފުޅުކަމެއްނެތި އަރަހުށި މާތްﷲ ގެ ދީންނަށް ގޮވައިލައްވަމުން ގެންދެވީ ނުހަނު ކެތްތެރިކަމާއެކުގައެވެ. ދުޝްމިނުންގެ ބަހުގެ ޙަމަލާތަކާއި، ނުބައިރޭވުންތަކުގެ ކުރިމަތީގައި ދައްކަވައިފައިވަނީ، ހިލައިގެ ފަރުބަދައެއްފަދަ ސާބިތުކަމެވެ.
ކީރިތި ޤުރްއާނުގައި نوح عليه السّلام ސިފަކުރައްވައިފައިވަނީ ވަރަށް ގިނަގިނައިން ޝުކުރުވެރިވާ ބޭކަލެއްކަމުގައެވެ. އެކަލޭގެފާނުގެ މިދެންނެވި މާތް މަކާރިމަށް މާތްالله سبحانه وتعالى ވަނީ ތާރީފުގެ ބަސްފުޅު ވަޙީ ކުރައްވައިފައެވެ. ކީރިތި ޤުރުއާނުގެ އިސްރާ ސޫރަތުގެ 3 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވެއެވެ.
ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا ﴿٣﴾
މާނައީ: "ތިމަންރަސްކަލާނގެ نوح ގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، شكر ވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ."
ޤަތާދާ ރަޙިމަހުﷲ ވިދާޅުވެފައިވާކަމަށް އިމާމު ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. [نوح عليه السّلام ހެދުންކޮޅެއް ތުރުކުރެއްވާއިރު بسم الله ވިދާޅުވެއެވެ. ހެދުންކޮޅު ބަދަލުކުރައްވާއިރު الحمد لله ވިދާޅުވެއެވެ.] އިބްރާހީމް ވިދާޅުވެފައިވެއެވެ. [نوح عليه السّلام ޝުކުރުކުރައްވާ ގޮތަކީ އެކަލޭގެފާނު ފަރިއްކުޅުއްވާ ކޮންމެ ފަހަރަކު بسم الله އޭ ވިދާޅުވެއެވެ. ފަރިއްކުޅުއްވާ ނިމިވަޑައިގަތުމުން الحمد لله އޭ ވިދާޅުވެއެވެ.] { އަލްއިމާމުލް ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، އިސްރާ ސޫރަތުގެ ތިންވަނަ އާޔަތުގެ ތަފްސީރު}
ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައިފައިވާ ކަމެކެވެ. ޝުކުރުވެރިވުމަކީ ނިއުމަތް އިތުރުކޮށްދެއްވާކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾
މާނައީ: [އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.]
ކަންމިހެން ހުރުމާއެކުވެސް އަރަހުށި މާތްﷲ ގެ މަތީން ހަނދުމަކޮށް ޝުކުރުވެރިވަނީ ވަރަށް މަދުބަޔެކެވެ. އެކަންބަޔާން ކުރައްވައި ސަބާ ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾
މާނައީ:[އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.]
އަނަސު ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.
" إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا " { صحيح مسلم، كتاب الذكر والدعاء والتوبة والاستغفار، باب اسْتِحْبَابِ حَمْدِ اللَّهِ تَعَالَى بَعْدَ الأَكْلِ وَالشُّرْبِ ،ޙަދީޘް ނަންބަރު 2734}
މާނައީ: [ހަމަކަށަވަރުން ﷲ ތަޢާލާ އެކަލާނގެ އަޅާއަށް ރުހިވޮޑިގެންވެއެވެ. އެއީ އޭނާ އެއްޗެއް ކެއުމަށްފަހު، އެކަލާނގެއަށް ޙަމްދުކުރުމުންނާއި، ނުވަތަ އެއްޗެއް ބުއިމަށްފަހު އެކަލާނގެއަށް ޙަމްދުކުރުމުންނެވެ.] {ރިޔާޟުލްޞާލިހީން ދިވެރި ތަރުޖަމާ، ޞަފްޙާ ނަންބަރު 1155}