ބައެއް މީހުން ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ގިނަވާތީ ބިޒީވެގެން ސުންނަތް ނަމާދެއްވެސް ނުކުރެވިގެން މިއަދު އެބަ އުޅެއެވެ. އެކަމަކު ފޯނުގައި ދުވާލަކު 3،4 ގަޑިއިރު އެބަ ހޭދަ ކުރެއެވެ. ނިކަން ބުނެބަލާށެވެ! މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކިދާނެ ބަހަނާއެއް ހެއްޔެވެ؟
އެފަދަ މީހުންގެ ގާތުގަ އަހާލަން އޮތީ ތިބާގެ ހިތުގައި އާޚިރަތް ދުވަހަށް ބިރުވެތިކަމެއްވޭ ހެއްޔެވެ؟ ރަވާތިބް ސުންނަތް ނުކުރިނަމަވެސް މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަކޮށްލެވޭނެކަން ޔަޤީންވަނީހެއްޔެވެ؟ ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރާ މީހަކަށްވުމުން ސުވަރުގެއިން ދެއްވަވާ ގަނޑުވަރު ބޭނުން ނުވަނީ ހެއްޔެވެ؟
ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ކުރުމުގެ މުހިންމުކަން އެންމެންނަށްވެސް އެނގެއެވެ. މިހާރުި ނުކުރާ މީހަކަށް ކުއްލިއަކަށް 12 ރަކްޢަތް ކުރަން ފަށަން އުނދަގޫވެދާނެއެވެ. ކަންބޮޑު ނުވާށެވެ! ފަތިސްނަމާދުގެ އިހުސުންނަތުގެ 2 ރަކްޢަތުން ފާށާށެވެ. އެހެނީ އެދެ ރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ލޮބުވެތިކަންބޮޑު 2 ރަކްޢަތެވެ.
އެއަށްފަހު މެންދުރު ނަމާދުގެ އިހުސުންނަތުގެ ތެރެއިން 2 ރަކްޢަތް ނަމަވެސް ކުރަން ފަށައި 4 ރަކްޢަތް ފުރިހަމަކުރަންފަށާށެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ސަމާލުކަން ދެއްވެވި ނަމާދެކެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ ވަޤުތަކަށްވުމުންނެވެ.
އެއަށްފަހު 12 ރަކްޢަތް ކުރުން ފުރިހަމަ ކުރާނެ ތާރީޚެއް ކަނޑައަޅައި އެ ތާރީޚަށް 12 ރަކްޢަތް ކުރަން ފެށުމަކީ ލަނޑުދަނޑިއަކަށް ހަދާށެވެ! އެމީހަކަށް އެއްވެސް ބުރައަކަށްނުވެ އެކަން ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ!
- މުފްތީ މެންކުގެ ދަރުސަކުން