ޟުޙާ ނަމާދުގެ މުހިންމުކަމުގެ ވާހަކަތައް ވަރަށް ގިނައިން ކިޔައިދެވެއެވެ. އެހެންކަމާއިއެކުވެސް މީސްތަކުން ކަންނެތްވެ ދީނުގެ ކަންކަމަށް ޣާފިލުވަމުން ގޮސް މިއަދު އެންމެ ބޮޑަށް އިހްމާލްވާ އެއްކަމަކީ ޟުޙާނަމާދުކުރުމެވެ. އެކަމުން ލިބޭ ބޮޑުދެރައާއިމެދުވިސްނައިވެސް ނުލެވެއެވެ.
ޟުޙާ ނަމާދަށް ރައްކާތެރި ވުމަކީ ފާފަތައް ފޮހެވޭ ކަމެކެވެ. އަދި އެއީ ހަށިގަނޑުގައިވާ ހުޅުތަކަށް ކޮށްދެވޭ ޞަދަގާތެކެވެ. އަދި އެނަމާދަކީ ރިޒްޤް ތަނަވަސްވުމާއިވެސް ގުޅިފައިވާ ނަމާދެއްކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. އެންމެ 2 ރަކްޢަތުން ނަމަވެސް އަވަހަށް ޟުޙާނަމާދު ކުރަން ފަށަމާހެއްޔެވެ؟
ނިކަން ވިސްނައިލަބަލާށެވެ! ލޮންސިއެއްގެ ބޮޑުމިނަށް އިރުއެރީންސުރެ ޟުޙާނަމާދުކުރެވޭނެއެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި މެންދުރުނަމާދަށް ބަންގިގޮވަން ދާދި ގާތްވަންދެން ޟުޙާނަމާދުގެ ވަޤުތު ދެމިގެންދެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މެންދުރު ނަމާދުގެ ވަޤުތުޖެހެންދެން ޞުޙާނަމާދުގެ ވަޤުތު ދެމިގެންދެއެވެ.
ވީމާ ހެނދުނު މަސައްކަތަށް ދިއުމުގެ ކުރިން ނުވަތަ މަސައްކަތް ފެށުމުގެ ކުރިން ޟުޙާނަމާދުކުރެވޭނެއެވެ. ކޮފީބްރޭކްގެ ވަޤުތުގައިވެސް ކުރެވޭނެއެވެ. އަދި މެންދުރުނަމާދަށް ގޮވުމުގެ ކުޑައިރުކޮޅެއްކުރިންވެސް ކުރެވޭނެއެވެ. ވީމާ ތަންކޮޅެއް ކުރިއަށް މެންދުރުނަމާދަށް ތައްޔާރުވެލައި ޟުޙާ ނަމާދުކޮށްލައި ބަންގިގޮވުމާއިދެމެދު 10 ވަރަކަށް އާޔަތްނަމަވެސް ކިޔަވާލަން އާދަކުރުން ކީއްހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން