ވަރިކުރަން ނުވަތަ ވަރިވާން ބޭނުންވުމުން ބައިވެރިޔާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރުން މިވަނީ ޢާންމުވެފައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ކައިވެނި ރޫޅާލަން ބޭނުންވެއްޖެނަމަ އެކަން ކުރުމަށްވުރެ އަނެކާއާއިމެދު ދޮގުވާހަކަތައް ފެތުރުމުގެ ނުބައިކަން މާބޮޑެވެ. އެކަންވާނީ އަނެކާއަށް ދެވޭ ބޮޑު އަނިޔާއަކަށް ކަމަށްވާތީއެވެ.
ޙަޤީޤަތަކީ ކޮންމެވެސް ދުވަހަކުން އެނގޭނެ އެއްޗެކެވެ. އަނިޔާ ލިބުނު މީހާއަށް ބަދަލުވެސް ލިބޭނެއެވެ. މާހެޔޮ ރަޙްމަތްވެސް ލަވަވަތެވެ. އެކަން ތިރީގައިވާ ޙާދިސާއިން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދައުވަތަކަށް އެއްރޭ އަހަރެން ކެއުމަކަށް ރެސްޓޯރަންޓަކަށް ދިއައިމެވެ. އެރޭ އެކުވެރިޔާ ބުނީ އޭނާގެ އަނބިމީހާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ނެތްކަމަށެވެ. ބަލާލަން ރީތި ނޫންތަނުގައި އެހައި ކަންނެތްކަމަށެވެ.
މީރުކޮށް ކައްކަންވެސް ނޭނގޭކަމަށެވެ. ލޯބިދިނުމަކީ އަދި ލޯބިވުމަކީ ކޮބައިކަންވެސް ނުއެނގޭ ކަމަށެވެ. މިހެންގޮސް އަނބިމީހާގެ ކިބައިގައި ހުރި އުނިސިފަތައް ކިޔައިދީ ނުމިނުއިރު އޭނާގެ ކިބައިގައި ރަނގަޅު އެއްވެސް ސިފައެއް ހުންނަކަމަކަށް ނުވިއެވެ.
އެރޭ ގެއަށްދަމުން ހިތަށް އެރިއެވެ. އެކުވެރިޔާގެ އަނބިމީހާއަކީ އަހަރެންނަށް އެނގޭ ގޮތުން ވަރަށް ގިނަ ރަނގަޅު ސިފަތައް ހުންނަ އަންހެނެކެވެ. އެކުވެރިޔާ އެބުނިފދަ އެއްވެސް ސިފައެއް އޭނާގެ ކިބައަކު ނުހުރެއެވެ. ކުއްލިއަކަށް އޭނާ ބަދަލުވީބާވައެވެ!
އަހަރެންނަކީ ކިތަންމެ ގާތް ނަމަވެސް އެކުވެރިންގެ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް ވަދެ ބަސްކިޔައި އުޅޭ މީހެއް ނޫނެވެ. އެހެންކަމުން އެވާހަކަތައް އެހިނދުން އެހިނދަށް ހަނދާންނައްތާލައިފީމެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހެވެ. އަހަރެންގެ ބޮސް އެއްދުވަހު އަހަރެން ގެންގޮސްފައި ބުނީ ހުކުރު ދުވަހުގެ ރޭ އޭނާގެ ގެއަށް ކާން ދިއުމަށެވެ. އަދި ކައިވެންޏެއް ކޮށްފިން ކަމަށާއި އަނބިމީހާއަކީ ލިބުނު ޖަވާހިރެއްފަދަ އަންތބެއް ކަމަށެވެ. ވަރަށް މީރުކޮށް ކައްކާ ކަމަށާއި ރައްޓެހިންނާއިއެކު ކާން ރެސްޓޯރަންޓްތަކަށް ނުގޮސް ގެއިން ކެއުމަށް ބާރުއަޅާ ކަމަށެވެ.
އިޤްޠިޞާދުކުރުމުގައި ވެސް ވަރަށް ފަރުވާތެރިކަމަށާއި މިހައިދުވަސްކޮށްފައި ކައިވެނި މިކުރެވުނީ މިޒަމާނުގައި ވަރަށް މަދުން ނޫނީ ނުލިބޭނެ ފަދަ އަންތބަކާއި ކަމަށެވެ.
ބޮސްގެ ދައުވަތަށް އެގެއަށް ދިއުމުން ބޮސް އާއިއެކު ބައްދަލުވީ ކުރިން ބުނި އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އެއިރުގެ އަނބިމީހާ އާއިއެވެ. ކަޅި ހުއްޓިފައި އެތައް އިރަކު ބަލަން ހުރެވުނެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ސުވާލެއް ނުކުރުމުން އޭނާ އިސްވެ ކަންކަން މެދުވެރިވި ގޮތް ކިޔައިދިނެވެ.
"އަހަރެންގެ ކުރީގެ ފިރިމީހާ، ތިބާގެ އެންމެ ގާތް އެކުވެރިޔާއަށް އަހަރެންގެ ކިބައިން އެއްވެސް ރަނގަޅު ސިފައެއް ނުފެނުމުން ކުށްވެރިކޮށްފައި ވަރިކޮށްލީއެވެ. އެއީ އޭނާ ދެކެ ލޯބިވާކަމަށްބުނާ ޅަ، ޒުވާން ރީތި ކުއްޖަކު ލިބުމުންނެވެ. މިކައިވެނިކުރެވެން ތަޤްދީރުގައި އޮތުމުން މިކައިވެނިކުރެވުނީއެވެ. ކައިވެނި ރޫޅުނުކަން މިވީ އަހަރެންނަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށެވެ.
އަހަރެންގެ މޫނުގެ ސިފަ ރީތިކުރަން ކުރެވޭނެ ކަމެއް ނެތެވެ! އެއީ އަހަރެން އުފެއްދެވި ސިފަކަމަށްވުމުންނެވެ. ހަމަ ޤައިމުވެސް އެތެރެފުށުގެ އެއްވެސް ކަމަކުން އޭނާއަށް އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އުންޏެއް ނުކުރަމެވެ. އަހަރެން ބާކީކޮށްލަން ބޭނުންވުމުން އަހަރެން ކޮށްދޭ އެއްވެސް ޚިދުމަތެއްގެ އަގު ވަޒަން ނުކުރީއެވެ. އަހަރެން ކަމުނުދިއައީއެވެ."
ބޮސް އަހަރެން އެގެއަށް ގެންދިއަ އިރަކު އޭނާގެ އަނބިމީހާ އަހަރެންނަށް އެގޭނެ ކަމެއް އޭނާއަކަށް ނުއެނގޭނެއެވެ. އެހެންވެ ބަސްހުއްޓި އަޑުއަހަން ބޮސް އިނީއެވެ.
މިއީ އަހަރެންގެ ރައްޓެއްސަކު އަހަރެންނާއި ހިއްޞާކުރިވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި މިވާހަކަ ޙިއްޞާމިކުރަނީ މިވާހައިން ލިބިދޭ ޢިބްރަތް ބޮޑުކަމުންނެވެ. ހަމަ އެއް އަންހެނެކެވެ. ކުރީގެ ފިރިމީހާއަށް އޭނާގެ ކިބައިން ހަމަ އެންމެ ރަނގަޅު ސިފައެއްވެސް ނުފެނުނީއެވެ. ނަމަވެސް ދެވަނަ ފިރިމީހާއަށް ފެނުނީ މުޅިންވެސް ރަނގަޅު ސިފަތަކެވެ.
އަނބިމީހާގެ ގޯސްވާހަކަތައް ދެއްކުމުން އެކުވެރިޔާއަށް ޤަބޫލުނުކުރެވުނު ސަބަބަކީ އަނބިމީހާއަކީ އެއިރުވެސް ވަރަށް ރަނގަޅު އަންތބެއްކަން އަނގައިދޭ ކަމެކެވެ.
ކޮންމެއަކަސް މިއީ މިއަދު އަހަރެމެން އަންހެނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޅަ، ރީތި، ދޮން ކުއްޖަކު ފެނުނީމަ ވަރިކޮށްފައި އެއްލާލަން ބޭނުންވީމާ ހަމަ އެންމެ ރަނގަޅު ސިފައެއްވެސް ނުފެންނާނެއެވެ. ކުށްވެރިކުރާނެ ކަމެއް ނުފެނުމުން މައިންބަފައިންނަށް ފޯނުކުރުންވެސް އެބަ ކުށްވެރިކުރެއެވެ.
- އިފާޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް