ކޮންމެ ކަމެއް ކުރިމަތިވިޔަސް ރޭއަޅުކަންކުރަން އަވަސްވެގަންން ޖެހޭ ސަބަބު އެނގޭނަމަ އެކަމަށް ފަރުވާތެރިވެ އަވަސްވެނުގަނެ އެކަކުވެސް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކޮންމެ ކަމެއް ކުރިމަތިވިޔަސް ރޭއަޅުކަންކުރަން އަވަސްވެގަންން ޖެހޭ ސަބަބު އެނގޭނަމަ އެކަމަށް ފަރުވާތެރިވެ އަވަސްވެނުގަނެ އެކަކުވެސް ނުހުންނާނެ!

އަތުން ފައިސާ ހުސްވެއްޖެނަމަ ފައިސާ ހޯދަން މަސައްކަތްނުކޮށް ނުހުންނާނެއެވެ. ބަލިވެއްޖެނަމަ ބޭސްނުކޮށެއްވެސް ނުހުންނާނެއެވެ. މާނައަކީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން އަރައިގަންނަން މަސައްކަތްކުރާނެއެވެ. ނުކުރާނަމަ އެމީހަކީ އެކަމަށް ކަންބޮޑުވާ މީހަކަށް ނުވާނެއެވެ. ދެން މިބުނަނީ މިދެއްކި ވާހަކައާއި ރޭއަޅުކަންކުރުމާއި ހުރި ގުޅުމެވެ.  

ފުރަތަމަ މިކުރަނީ ސުވާލެކެވެ. އެސުވާލަކީ ކުރިމަތިވެގެން ތިއައުޅޭ މައްސަލަ ކުރިމަތިވުމުން ކިތައްރޭ އެހެން މީހުން ނިދުމުން ތިބާ ހޭލައި ދަމުނަމާދުކޮށް، ޛިކުރުކޮށް އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކޮށްފިން ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ ތިބާއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ކަންބޮޑުވުން އިތުރަށް ބޮޑުވެ އުފުލަންޖެހޭ ތަކްލީފްތަކާއި ވޭން ބޮޑުވެގެން ދިއުމަކީވެސް ގާތްކަމެކެވެ.

އެއީ ކީއްވެގެންތޯ ސުވާލުކުރާ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއީ ތިބާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. ވީމާ އެކަން އެގޮތަށް މެދުވެރިކުރައްވަވަނީ ތިބާއަކީ ދަމުނަމާދުކުރާ މީހަކަށްވެ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ﷲ ތަޢާލާ އެދިވޮޑިގަންނަވާ މީހަކަށްވާތީކަން ޤަބޫލުކުރާށެވެ. ހިތްދަތިކަމާއި ތަކްލީފްތައް ބޮޑުކުރައްވަވަނީ އެހެންވެގެންކަމަށް ޔަޤީންކުރާށެވެ.  

މީސްތަކުންނޭވެ! ހިތްދަތިކަމުންވެސް އަދި ތަކްލީފްތަކުންވެސް އަރައިގަތުމަށް އޮތް މަގަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. އެކަމަށް އޮތް އެންމެ ފަހި މަގަކީ ރޭއަޅުކަމެވެ. ރޭއަޅުކަންކޮށް ދުޢާނުކުރާނަމަ އެބުނެވެނީ ތިމާ މިހުރީ ހުރިހާ ކަމަކުން ފުދިގެންކަމެވެ.    

ހުރިހާ ކަމަކުން ފުދިގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެކަމަކު ރަނގަޅަށް ބަލައިފިނަމަ ރޭއަޅުކަންކޮށް ދުޢާކުރަނީ ސަތޭކައަކުން އެންމެ މީހަކު ކަމުގައިވުން އޮންނާނީ ދާދި ގާތުގައެވެ. އެކަމަކުވެސް މިބުނަނީ ތިމާއަށް މިވަނީ ހިތްދަތިކަން ލިބިފައި ކަމަށެވެ. ތަކްލީފްތައް އުފުލަންޖެހިފައިކަމަށެވެ. މިއުޅެނީ ކުރިމަތިވެފައިވާ ދަތިޙާލުން އަރައިނުގަނެވިފައިކަމަށެވެ. މިވާހަކަތައް ދެކޮޅު ޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ.  

ވީމާ ފުރަތަމަ ކަމަކަށްވެސް ރޭއަޅުކަންކުރާނ މީހަކަށްވާށެވެ. ދަމުނަމާދުކުރުމަށްފަހު ދުޢާކޮށް ޛިކުރުކުރާ މީހަކަށްވާށެވެ. ރޮއި ކަރުނައަޅާ މީހަކަށްވާށެވެ. ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުވަމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން