މާޔޫސްވަނީ ކީއްވެ؟: ތައުބާވުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފި މީހަކު މާޔޫސްވާން ނުޖެހޭނެކަން މިޙަދީޘްފުޅުން ޘާބިތު!

ކިޔުމަށް ހޭދަވާނީ 2މ 46ސ
މާޔޫސްވަނީ ކީއްވެ؟: ތައުބާވުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފި މީހަކު މާޔޫސްވާން ނުޖެހޭނެކަން މިޙަދީޘްފުޅުން ޘާބިތު!

ޢަލީ އިޙްޞާން ފިރާޤް

 

އަބޫސަޢީދުލް ޚުދުރީގެ އަރިހުން އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މާތްނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.

ތިޔަބައިމީހުންގެ ކުރީގެ އުންމަތެއްގެ މީހުންގެތެރޭގައި ނުވަދިހަ ނުވަ މީހުން ޤަތުލުކުރި މީހަކު އުޅުނެވެ. އެއަށްފަހު އޭނާ ތައުބާވުމުގެ ބޭނުމުގައި ދުނިޔޭގައި ހުންނެވި އެންމެ ބޮޑު ދަންނަބޭކަލަކީ ކާކުތޯ އޭނާ މީހުންގެ ގާތުން އަހައި އޮޅުން ފިލުވިއެވެ. އެވެނި ރަށެއްގައި ރާހިބަކު ހުންނަވާ ކަމަށް އޭނާގެ ގާތުގައި މީސްތަކުން ބުންޏެވެ. އެ މީހާ، ރާހިބު އަރިހަށް އައިސް ދެންނެވިއެވެ. [އަޅުގަނޑު ނުވަދިހަ ނުވަ މީހުން މަރައިފީމެވެ. އަޅުގަނޑަށް ތައުބާ ވެވިދާނެތޯއެވެ؟]  

އެ ރާހިބު ބުންޏެވެ. [ނޫނެކެވެ. ތައުބާއެއް ނުވެވޭނެއެވެ.] އެ ހިނދު އޭނާވެސް ޤަތުލުކޮށްލައިފިއެވެ. އޭނާއާއެކު ސަތޭކަމީހުން ހަމަކޮށްފިއެވެ. އެއަށްފަހު އަނެއްކާވެސް ދުނިޔޭގައި ހުންނެވި އެންމެ ބޮޑު ޢިލްމުވެރިއަކީ ކޮބައިތޯ މީސްތަކުންގެ ކިބައިން އޭނާ އޮޅުންފިލުވިއެވެ. ދީނުގެ ޢިލްމު ލިބިގެންވާ ދަންނަބޭކަލެއްގެ މަޢުލޫމާތު މީސްތަކުން އޭނާއަށް ބުނެދިނެވެ.   

އޭނާ އެ ކަލޭގެފާނާ ބައްދަލުކޮށް ދެންނެވިއެވެ. [ހަމަކަށަވަރުން، އަޅުގަނޑު ސަތޭކަ މީހުން މަރައިފީމެވެ. ވީމާ އަޅުގަނޑަށް ތައުބާ ވެވިދާނެތޯއެވެ؟] އެ ކަލޭގެފާނު ވިދާޅުވިއެވެ. [އާނކެވެ. ތައުބާ ވެވިދާނެއެވެ. ތައުބާވުމަށް އެދޭ މީހާއާ ތައުބާވުމާ ދެމެދަށް ހުރަސް އެޅޭނީ ކާކަށްހެއްޔެވެ؟ ތިބާ އެވެނި ރަކަށްދާށެވެ! އެ ރަށުގައި اللهُ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރާ ހެޔޮލަފާ ބަޔަކު ދިރިއުޅޭނެއެވެ. އެބައިމީހުންނާއެކު ތިބާވެސް اللهُ އަށް އަޅުކަންކުރުމުގައި ދެމިހުންނާށެވެ. އަދި ތިބާގެ ރަށަށް އެނބުރި ނުދާށެވެ. އެހެނީ އެއީ ނުބައިނުލަފާ ފާޖިރު މީސްތަކުން ދިރިއުޅޭ ނުބައި ރަށެކެވެ.] 

ކޮންމެއަކަސް އެ ކަލޭގެފާނު ވިދާޅުވި ރަށަށް ދިޔުމަށް އޭނާ ދަތުރުފެށިއެވެ. އޭނާއަށް އެ ދަތުރުގެ މެދަކާ ހަމައަށް ދެވުނުތަނާ މަރު އޭނާއާ ބައްދަލުކޮށްފިއެވެ. ރަޙްމަތުގެ މަލާއިކަތުންނާއި، ޢަޛާބުގެ މަލާއިކަތުން އޭނާއާމެދު ދެބަސްވެވަޑައިގަތެވެ. (އޭނާ މަރުގަންނަވާނީ ރަޙުމަތުގެ މަލާއިކަތުންނާއި ޢަޛާބުގެ މަލާއިކަތުންކުރެ ކޮންބައެއްތޯ ދެބަސްވަޑައިގެންނެވިއެވެ.) ރަޙްމަތުގެ މަލާއިކަތުން ވިދާޅުވިއެވެ. އޭނާ އެ އައީ، اللهُ ގެ ޙަޟުރަތަށް ކުރިމަތިލައި، ކުރެވުނު ކުށަށް ދެރަވެ ތައުބާ ވެގެންނެވެ. ޢަޛާބުގެ މަލާއިކަތުން ވިދާޅުވިއެވެ. [ހަމަކަށަވަރުން، އޭނާ އެންމެ ހެޔޮކަމެއްވެސް ކޮށްފައެއް ނުވެއެވެ.] 

އެ ވަގުތު އިންސާނެއްގެ ސިފާގައި އެ ބޭކަލުންގެ އަރިހަށް މަލާއިތަކު ވަޑައިގެންނެވިއެވެ. އެ ބޭކަލުން އެ ކަލޭގެފާނާ ވާހަކަދެއްކެވިއެވެ. {އެ ކަލޭގެފާނު ވިދާޅުވިއެވެ. [ތިޔަބޭކަލުން އެ ދެރަށުގެ ދެމެދުގައިވާ (އެބަހީ: އެ ރަށުން އޭނާ ނުކުތް ރަށާއި، އެ ރަށަކަށް ދިޔުމަށް އޭނާ ޤަޞްދުކޮށްގެންއައި ރަށާ ދެމެދުގެ) ދުރުމިން ބައްލަވާށެވެ! އަދި އޭގެތެރެއިން އޭނާއާ ކައިރީ ކޮންރަށެއްތޯ އޮޅުންފިލުއްވަވާށެވެ! އެއަށްފަހު ކައިރި ރަށެއްގެ މައްޗަށް ބިނާކުރައްވައި އޭނާގެ މައްސަލަ ނިންމަވާނީއެވެ.] ދެން މަލާއިކަތުން މިންބެއްލެވުމުން އެނގިވަޑައިގަތީ ހެޔޮލަފާ މީހުންގެ ރަށްކަމެވެ. އެހެންވެ ރަޙްމަތުގެ މަލާއިކަތުން އޭނާ މަރުގެންނެވިއެވެ.

{ރިޔާޟުލްޞާލިޙީންގެ ދިވެހި ތަރުޖަމާ، ޙަދީޘް ނަންބަރު 20}

 

މިއަދު އޮންލައިން