ރަނގަޅު ބައިވެރިއަކު ނުފެނިގެން ކައިވެނިނުކޮށް ތިބުމަކީ މޮޔަކަމެއް! ވިސްނަންވީ ދީނުގައިވާ މަގުން ހެޔޮލަފާ ބައިވެރިއަކު ހޯދުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރަނގަޅު ބައިވެރިއަކު ނުފެނިގެން ކައިވެނިނުކޮށް ތިބުމަކީ މޮޔަކަމެއް! ވިސްނަންވީ ދީނުގައިވާ މަގުން ހެޔޮލަފާ ބައިވެރިއަކު ހޯދުމަށް!

ތަނަވަސްކަން ހުންނަ މީހުން އެމީހުންނަށްވުރެ 40، 50 އަހަރު ހަގު ކުދިންނާއި ކައިވެނިކޮށްފާނެއެވެ. 4،5 އަހަރު ވާއިރު އެކުއްޖާ ބޭނުންވާވަރަށް ހުންނަނީ ފައިސާ ލިބިފައެވެ. ދެން ވަރިވެގެންގޮސް އެކުއްޖާ ބޭނުންވާ އެކުއްޖާގެ ޢުމުރުގެ މީހަކާ ކައިވެނިކުރީމާ ކުށްވެރިކުރަންވީ އެކުއްޖާ ހެއްޔެވެ؟ 

ދެންވެސް އޮތީ ހަމަ އެފަދަ މައްސަލައެކެވެ. ބައެއް މީހުން ކައިވެނިނުކޮށް ޢުމުރުގެ ބޮޑުބައެއް އެބަހޭދަކޮށްލައެވެ. އެއީ އޭނާއާއިއެކު ޢުމުރަށް ދިރިއުޅޭނެ ބައިވެރިއަކާއި ބައްދަލުނުވެގެން ކަމަށް ބުނެއެވެ.  

މިއީވެސް ކޮން ގޮތަކުން ދެކޮޅުޖެހޭނެ ކަމެއް ހެއްޔެވެ؟ ފަހުން ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ނޫންހެއްޔެވެ؟ ހަމައެކަނި ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެއް އަހުރެމެންނަށް އެނގޭނެ ކަމަށް ބަލައިގެން ކައިވެނިނުކޮށް ހުންނަންވެއްޖެ ނަމަ ޖެހޭނީ މުޅި ޢުމުރުގައިވެސް ކައިވެނިނުކޮށް ހުންނަން ނޫންހެއްޔެވެ؟  

އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ދުވަހަކުވެސް ތިމާއާއި ވަކިނުވާނެ ބައިވެރިއަކު ހޯދަން ވިސްނޭނަމަ ދުވަހަކުވެސް އެކަމެއް ނުކުރެވޭނެއެވެ. ވީމާ ﷲ ތަޢާލާއަށް އެކަނި ލިބިވޮޑިގެންވާކަމެއް (ފަހުން ކަންކަން ވާނެގޮތް އެނގުން) ތިމާއަށް ލިބޭނެ ކަމަށް ބަލައިގެން ކައިވެނިނުކޮށް ތިބެނީ މޮޔައިންނެވެ. 

އެއިގެ ބަދަލުގައި ވިސްނަންވީ ދީނުގައިވާ މަގުން ހެޔޮލަފާ ބައިވެރިއަކު ހޯދުމަށެވެ. ދެން ވިސްނަންވީ ކައިވެނިކުރުމަށްފަހު ދީނުގައިވާ މަގުން ދިރިއުޅުމަށެވެ. އެއިރުން އެމީހަކު އަދާކުރަންޖެހޭ ދައުރު އެއޮތީ އަދާކުރެވިފައެވެ. އެމީހަކަށް ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން