ކުޑަކުޑަ ޢަމަލަކުން ކޮންފަދަ ބޮޑު ރަޙްމަތެއް!: މިހާ ފަސޭހައިން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެން އޮތްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކުޑަކުޑަ ޢަމަލަކުން ކޮންފަދަ ބޮޑު ރަޙްމަތެއް!: މިހާ ފަސޭހައިން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެން އޮތްކަން އެނގޭތަ؟

ޔަތީމްކުއްޖަކަށް އެހީތެރިވެދީ ބަލަހައްޓައިފި މީހާ ވާހުށީ ރަސޫލް އާއި އެންމެ އަރިއަހުގައިކަން ޙަދީޘފުޅުން އެނގެން އެބައޮތެވެ. މިމަތިވެރި ޝަރަފް ލިބުމަށްވުރެ ބޮޑު އުފަލެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. މިމަތިވެރި ނިޢުމަތް ވަރަށް ފަސޭހައިން ލިބިގަނެވެން އެބައޮތެވެ. 

ފުރަތަމަ މިބަލައިލަނީ ދުނިޔޭގެ ޙާލަތަށެވެ. 

މީގެ 2 އަހަރު ކުރިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އާބާދީގައި މިހާރުވެސް 200 މިލިއަނާ ގާތްކުރާ ޢަދަދަކަށް ޔަތީމްކުދިން ވަރަށް ނިކަމެތި ޙާލުގައި އެބަތިއްބެވެ. ދިރާސާތަކުން ދައްކާ ގޮތުން ދުވާލަކު 10،000 ކުދިން ޔަތީމްވެއެވެ. 

ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޔަތީމްކުދިންނަށް އެހީވެދެވޭނެ ގޮތްތައް ބައިވަރެވެ. އެކަމަށް މަސައްކަތްކުރާ ޖަމިއްޔާތައް ބައިވަރެވެ. މަހަކު އެންމެ 50 ޑޮލަރު (800 ވަރަކަށް ރުފިޔާ) ހޭދަކުރާނަމަ ކުއްޖަކު ސްޕޮންސަރ ކުރެވިދާނެ އެވެ. ތަފާތު އަގު ނަގާ ޖަމިއްޔާތައް އެބަހުއްޓެވެ. އިންޓަރނެޓުން މައުލޫމާތު ހޯއްދެވޭނެއެވެ. 

ބޭނުންފުޅު ނަމަ ރާއްޖޭގައި ތިބި ޔަތީމްކުދިންނަށް އެހީތެރިވެދެއްވައިގެންވައިގެން ވެސް  ހަދީޘްފުޅުގައިވާ މަތިވެރި ދަރަޖަ ޙާޞިލްކުރެއްވިދާނެއެވެ. 

މިދެއްކުނީ ބޭރު ޤައުމުތައި ނިކަމެތި ޙާލުގައި ތިބި ކުދިންގެ ވާހަކައެވެ. ރާއްޖޭގައިވެސް ނިކަމެތި ޙާލުގައި ތިބި ކުދިން ބައިވަރެވެ. ވަރަށް ދަތިޙާލުގައި ދަރިން ބަލަމުން ގެންދާ އެކަނިވެރިމައިން ބައިވަރެވެ. އެކަނބަލުންނަށް ލިބޭ ޢިނާޔަތުން އޮންނަނީ ދަރިންގެ އެންމެ އަސާސީ ބޭނުންތައް ފުއްދައިނުދެވިފައެވެ. އެހެންކަމަސްވާއިރު އެފަދަ ކުދިން ދެނެގަނެ ހަމަ މިބުނިވަރުގެ ކުޑަ މިންވަރަކުން ނަމަވެސް އެކުދިންނަށް އެހީތެރިވުން ކީއްތޯއެވެ؟ 

ރާއްޖެއަށް ބަލައިފިނަމަ ގިނަ ބައަކަށްވަނީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ލިބިފައެވެ. މިބުނަނީ ހުރިހާ ބޭނުންތަކެއް ފުދިގެން ތިބި ވާހަކައެއް ނޫނެވެ. ކައިގެންބޮއިގެން ދުނިޔޭގައި އުޅުމުގެ ފުރުޞަތު ލިބިފައިވާ ވާހަކައެވެ. ހަމައެއާއިއެކު އެކި މިންވަރަށް ބޭކާރު ޚަރަދުތައް ކުރާ މީހުންވެސް މަދެއް ނޫނެވެ. މިބުނަނީ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައްކުރާ ވާހަކައެވެ. 

އެފަދަ ޚަަރދުތައް ކުރުން ހުއްޓާލައި މިބުނިމަގުން ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބިގަންނަން މަސައްކަތްކުރަމާ ހިނގާށެވެ! ޙަދީޘްފުޅުގައި އޮތީ ޔަތީމްކުއްޖަކަށް އެހީތެރިވެދީ ބަލަހައްޓައިފި މީހާ ވާހުށީ ރަސޫލް އާއި އެންމެ އަރިއަހުގައިކަމަށެވެ. ރަސޫލް ވާހުށީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައެވެ. ވީމާ ރަސޫލް ގެ އެންމެ އަރިއަހުގައި ވެވިއްޖެނަމަ އެމީހަކަށް އެވަނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިފައެވެ.  އެއަށްވުރެ ބޮޑު އުފަލެއް އަދި ޝަރަފެއްވެސް ނެތެވެ!

 

- މިއަދުނޫސް

 

މިއަދު އޮންލައިން