ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އަންނަ ފާރމަސީތައް، ސަރުކާރުގެ އައު ބޭސް ކުންފުނި ކަމަށްވާ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ދަށަށް ބަދަލުކުރުމަށް ނިންމައި އެ މަސައްކަތް ފަށައިފިއެވެ. މި އައު ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން، އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހުރިހާ ފާރމަސީތަކެއް އައު ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަސައްކަތުގެ ދަށުން އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ 190 އަށްވުރެ ގިނަ ފާރމަސީ ބަދަލުކުރެވޭނެއެވެ.
މި ބަދަލުތަކުގެ ތަފްސީލު ހިއްސާކުރަމުން އެސްޓީއޯއިން ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ހުރި ފާރމަސީތައް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ހުރި ފާރމަސީތައް ބަދަލުކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ މައުލޫމާތު ލިބެއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.