ޢަލީ އިޙްޞާން ފިރާޤް
ރިވާޔަތެއްގައިވެއެވެ. އެއްފަހަރަކު لقمان عليه السّلام ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. [ތިޔައީ بَنِي الْحِسْحَاس ގެ އަޅު لُقْمَانُ ހެއްޔެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އާނއެކެވެ.] އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ބަކަރި ގޮތްވެއް ނޫން ހެއްޔެވެ؟]
لقمان عليه السّلام ވިދާޅުވިއެވެ. [އާނއެކެވެ.] އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ ކަޅު ބޭކަލެއް ނޫންތޯއެވެ؟] لقمان عليه السّلام ވިދާޅުވިއެވެ. [އަޅުގަނޑުގެ ކަޅުކަމަކީ އެންމެނަށް އެނގި ފާޅުވެގެންވާ އެއްޗެކެވެ. ތިބާ މާ ޙައިރާންވެގެން ތިޔަ ސުވާލު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟]
އޭނާ ދެންނެވިއެވެ. [ކަލޭގެފާނަކީ މީސްތަކުން ގިނަގިނައިން ޒިޔާރާތް ކުރާ މީހަކަށް ވެއްޖެއެވެ. ކަލޭގެފާނުގެ ބަސްފުޅުތަކަކީ މީސްތަކުން މާ ރުހި ޤަބޫލުވާ އެއްޗަކަށް ވެއްޖެއެވެ.]
لقمان عليه السّلام ވިދާޅުވިއެވެ. [އޭ އަޚާއެވެ. އަޅުގަނޑު މިބުނާ ކަންތައްތައް ކޮށްފިނަމަ ތިބާއަށްވެސް މި މަޤާމަށް ވާސިލުވެވިދާނެއެވެ.] އޭނާ ދެންނެވިއެވެ. [އެއީ ކޮންކަންތައްތަކެއްތޯއެވެ؟]
لقمان عليه السّلام ވިދާޅުވިއެވެ. [1- ބެލުންތިރި ކުރުމާއި، 2- ދޫ ރައްކާތެރި ކުރުމާއި،
3- ޙަލާލު ތަކެތި ކެއުމާއި، 4- އިއްފަތްތެރިވުމާއި، 5- ތެދު ބުނުމާއި، 6- ޢަހުދަށް ރައްކާތެރިވުމާއި، 7- މެހެމާނުންނަށް ކަމޭހިތުމާއި، 8- އަވައްޓެރިންނަށް ހެޔޮކޮށް ހިތުމާއި، 9- ތިމާއާ ނުބެހޭ ކަންތައްތަކާ ނުބެހި ހުރުމެވެ. ތިބާއަށް މިފެންނަ މަޤާމަށް އަޅުގަނޑަށް ވާސިލުވެނުނީ މިދެންނެވި ކަންތައްތައް ކުރުމުންނެވެ.]
އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 7-8}
ދެން ކުރަން ގޮތްކަމަކީ މި ބަޔާންކުރި 9 ސިފައިގެ ތެރެއިން ތިބާގެ ކިބައިގައިހުރި ކޮންމެ ސިފައަކަށްވެސް 10 މާރކްސްދޭށެވެ! ނިމޭއިރު 90 ލިބިއްޖެނަމަ އަހުރެންގެފަރާތުން 10 މާރކްސް ހަދިޔާކޮށްފީމެވެ. އެއިރުން އޮންނާނީ ތިބާއަށް 100 މާރކްސް ހަމަވެފައެވެ.