ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހޭނެ މީހުން ނަރަކައަށް ނުލައްވަވައި ބައިތިއްބަވާއިރުވެސް އެމީހުންނަށް ކެތެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 14ސ
ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހޭނެ މީހުން ނަރަކައަށް ނުލައްވަވައި ބައިތިއްބަވާއިރުވެސް އެމީހުންނަށް ކެތެއް ނުކުރެވޭނެ!

ޤިޔާމަތް ދުވަހެވެ. ބުނާ އަޑުއިވިއްޖެނަމަ އެއްބައަކަށް ހީވަނީ އެއީ ހަފްތާގެ ދުވަސްތައް ފަދަ ދުވަހެއް ކަމަށެވެ. ނޫނީ ހުކުރު ދުވަހާއި ޢިދު ދުވަސް ފަދަ ދުވަހެއް ކަމަށެވެ. މީސްތަކުންނޭވެ! ތިއަ ވިސްނެނީ މުޅިން ގޯސްކޮށެވެ. ރަނގަޅު ވިސްނުން ގެނެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.   

ޤިޔާމަތް ދުވަހު ދައްކަވާނީ މިދުނިޔެމަތިން މިފެންނަ ފަދަ ކަންކަމެއް ނޫނެވެ. އިންސާނުންގެ ޚިޔާލަށްވެސް ނުގެނެވޭނެ ފަދަ ވިސްނުންތަކެވެ. ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހޭނެ މީހުންނަށް ނަރަކައިގެ ޢަޛާބް ނުދެއްވަވައި ނުވަތަ ނަރަކައަށް ނުލައްވަވައި ބައިތިއްބަވާއިރުވެސް އެމީހުންނަށް ކެތެއް ނުކުރެވެއެވެ. ތެޅިފޮޅެއެވެ. ޤިޔާމަތް ދުވަސް (ޙިސާބު ބައްލަވަން ނުފަށްޓަވައި ނުފަށްޓަވައިގެން) ވެސް ކަންބޮޑުވެ ތެޅިފޮޅޭނެއެވެ. 

މީސްތަކުންނޭވެ! ބިރުވެރިކަމުން ފުރިގެންވާ އެދުވަހު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރެއްވެވުމުގެ ގޮތުން ސަޖިދައަށްވަޑައިގެން ސަޖިދައިގައި އޮންނަވައިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް ދަންނަވަން ކެރިވަޑައިގަންނަވާނީ ހަމައެކަނި އަހުރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. އެހެން އެއްވެސް ނަބީބޭކަލަކަށް އަދި ރަސޫލްބޭކަލަށްވެސް ކެރިވަޑައެއް ނުގަންނަވާނެއެވެ. އެއީ ކޮންމެ ބޭކަލަކަށްވެސް ކުރެއްވެވިފައިވާ ކޮންމެވެސް ކުށެއްގެ ސަބަބުންނެވެ.  

އެހެންކަމަށްވާއިރު އެފަދަ ދުވަހަކު އަހުރެމެންނަށް ތިބެންޖެހޭނެ ޙާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ! އަހުރެމެމެންނަކީ ފާފަތައް ފުނިފުންޏަށް ކުރެވެމުން އަންނަ ބައެކެވެ. އެބޭކަލުން ކުރެއްވެވި މިންވަރާއި ޤާތަކަށްވެސް އަޅުކަންވެސް ކުރެވުނު ބައެއް ނޫނެވެ.  

މިހިރަ މިހިރަ ކަންކަން ހިތްމައްޗަށް ގެނެސް ތައުބާވުން އަވަސްކޮށް ތަޤްވާވެރިއަކަށްވާން ގަދައަޅައި މަސައްކަތްފަށާށެވެ. އެންމެ ހިނދުކޮޅެއްވެސް ނަގައިނުލާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން- 

މަތީގައިވާ ވާހަކަކޮޅާއި ގުޅޭގޮތުން ތިރީގައިވާ ލިޔުމުން މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ    

ބަޔެއްމީހުންގެ ބޮލާއިދިމާއަށް ހިޔައުހުންނާނެއެވެ. އެއީ އެމީހުންގެ ރަގަޅު صَدَقَات ގެ ހިޔަލެވެ. މިގޮތްމަތީގައި ހާސްއަހަރުވަންދެން خلق ތަކުން ފިލައި ނުދާނެއެވެ. މިހެންތިއްބައި نَاقُورُ ޖެހޭއަޑު އެއުރެނަށް އިވޭންފަށައިފާނެއެވެ. މި نَاقُورُ ގެ ސިފަ އަހަރެމެން اِحْياء ގައި ބަޔާންކޮށްފައިވާނެއެވެ. އެއީވެސް قرآن ގެ ސިއްރު ތަކުގެ ތެރެއިން ބައެއް ސިއްރެކެވެ. ފަހެ އެއަޑަށް ހިތްތައް ސިހި ލޯތައް ބިރުވެތިވެދާނެއެވެ. އެއީ އެއަޑުގެ ގަދަކަމުންނެވެ. مؤمن ންނާއި ކާފިރުން ކަރުދަމަދަމާފައި އުޅޭހުއްޓެވެ. އެންމެން ހީކުރާހުށީ މިއީވެސް މިތަނަށް އަލުން އިތުރުވާ عَذَاب އެއްކަމުގައެވެ. 

އެހައިރުން عَرْش އުފުއްލަވައިގެން ވަޑައިގަންނަވާ އަށް މަލާއިކަތުން ފެންނާނެއެވެ. އެއިން މަލާއިކަތަކުގެ ފިޔަވަޅުފުޅުގައި ވިހިހާސް އަހަރުގެ ރާސްތާއެވެ. ދެން މަލާއިކަތުންގެ فوج ތަކާއި ވަންނި ވަންނީގެ ވިލާތައް އަންނަތަން ފެނިދާނެއެވެ. އެބެއިކަލުންގެ تَسْبِيحގެ އަޑު ގަދަކަން ބުއްދިތަކުން ބަޔާންކުޅައުމަށް ނުކުޅަދާނައެވެ. ދެންފަހެ عرش އައިސް މިހުދުބިންމަތީގައި قرار ވެދާހުށި، އެބިމަކީ މިކަމަށްޓަކައި މާތްރަސްކަލާނގެ ހައްދަވާފައިވާ ބިމެކެވެ.  

ދެންފަހެ އެންމެން އިސްދަށަށްޖެހި ނޭވާތައްބަންދުވެ عَالَم ތައް ބިރުވެތިވެ، ނަބީބޭކަލުން رحمة އަށް އެދުންވެރިވެ علم ވެރީން، ބިރުވެތިވެ، وَلِى ވެރީން ބިރުގެން شهيد ން ބިރުގެން ކަންތައްބޮޑުވެދާ ހުއްޓެވެ. އެއީ މާތްރަސްކަލާނގެ ކޯފާއާއި عذاب އަށް ބިރުބޮޑުވެގެންގޮހެވެ. މިގޮތުގައި އެންމެން ތިއްބައި އަދި އިހުނަށްވުރެ މާގަދަވެގެންވާ نور އެއް މިތަނަށް އަތުވެދާހުއްޓެވެ.  

މިދުވަސްތަކުގައި މިއުރެންގެ މައްޗަކަށް އެއްވެސް سؤال އެއް جواب އެއް ނާންނަހުއްޓެވެ. އެގޮތުގައިތިބެ ހަމަޖެހުމެއް އައިސްގެން މީސްތަކުންގެ ތެރެއިން ޢިލްމުވެރީން ވާހަކަ ދައްކަވައި މިގޮތުން ކުރުވެ حساب ބައްލަވައި ނިޔާކަނޑައަޅުއްވައި އެބަޔަކު ލައްވާނޭތާކަށް އެބަޔަކު ލެއްވުމަށް މާތްރަސްކަލާނގެ ކިބައަށް شَفَاعة ތެރިވެ ދެއްވަތްތޯ ދެންނެވުމަށް سلام ލެއްވި آدم ގެފާނު އަރިހަށް ހިނގުމަށް ޤަޞްދު ކޮށްފައިހުއްޓެވެ.  

އެއިރު ކާފިރުން دُعَاء ކުރާހުށީ، ހައްދަވައި ބޮޑުކުރެއްވި ކަލާކޯއެވެ. އަޅަމެން ނަރަކައަށް ލެއްވުމުންނަމަވެސް رَحْمَة ލައްވާދޭވެއެވެ. ދެން އެއެންމެން آدم ގެފާނު އަރިހަށްގޮސް ދަންނަވާނެތޭ އޭ آدم ގެފާނުއެވެ. ކަލޭގެފާނަކީ މާތްރަސްކަލާނގެ يَدْقُدْرَة ފުޅުން ހައްދަވައި މަލާއިކަތުން ގަންނަވައި سَجِدَة ކުރައްވައި އެކަލާނގެ ފުރާނަފުޅު ފުންމަވައި މާތްކުރެއްވި އަޅުގަނޑުމެން އެންމެންގެ ބަފައިކަލުންނީމުއެވެ. އަޅުގަޑުމެނަށް ކަންތައް ބޮޑުވެއްޖެއެވެ. އަޅުގަޑުމެނާއިމެދުގައި ނިޔާކުރައްވައި އެމީހަކު ލައްވާނޭތަނަކަށް ލައްވަތްތޯ شفاعة ތެރިވެދެއްވާށެވެ. آدم ގެފާނު ވިދާޅުވާނެޔޭ. އަހުރެންނަށްވަނީ ކަލާނގެކިބައަށް އުރެދެވިފައެވެ. ކެއިން نَهِى ކުރެއްވި ގަހަކުން ކެވި ކުށްވެރިވެފައެވެ. އަހުރެންނަށް އަދު އެކަލާނގެ حضرة ގައި ބަހެއް ދަންނަވާން ނުކުޅަދާނައެވެ. ތިޔަބައިމީހުން سَلاَم ލެއްވި نوح ގެފާނުންގެ އަރިހަށްދާށެވެ. ދެން އަނެއްކާ އެއްހާސްއަހަރުފަހުން نوح ގެފާނު އަރިހަށްހިގައިދާހުއްޓެވެ. ގޮސްދަންނަވާނެތޭ. އޭ سيّدنا نوح ގެފާނުއެވެ. ކަލޭގެފާނީ رَسُولُ ބެއިކަލުންކުރެ ކުރިޔަށް ހުންނެވިބޭކަލަކީމުއެވެ. އަޅުގަޑުމެންނާއި މެދުގައި حِسَاب ބައްލަވައި ނިޔާކަނޑައަޅުއްވައި އެމީހަކުލައްވާނޭ ތަނަކަށް އެމީހަކުލައްވައި ކުރުކުރައްވަތްތޯ شَفَاعَة ތެރިވެދެއްވާށެވެ. އެކަލޭގެފާނުވިދާޅުވާނެޔޭ. އަހުރެން މާތްރަސްކަލާނގެ ކިބައަށް دُعاء އެއްކޮށްގެން އެކަލާނގެވަނީ ބިމުގެ أهل ވެރީން غرق ކުރައްވައި ކޯފާލައްވައި ހަލާކުކުރައްވައިފައެވެ. އަހުރެން އެމީސްތަކުންނާއިމެދުގައި އަދައި ދެންނެވުމަށް ލަދުވެތިވެގެންވަމެވެ. ތިޔަބައިމީހުން إبراهيم ގެފާނުންގެ އަރިހަށް ދާށެވެ. އެކަލޭގެފާނީ މާތްރަސްކަލާނގެ މިތުރު ކަމުގެ ދަރަޖަދެއްވައި މާތްކުރައްވައިފައިވާ رَسُول އާއެވެ. ތިޔަބައިމީހުންނަށް مسلم ންނޭ ނަންދެއްވީ އެކަލޭގެފާނެވެ. އެކަލޭގެފާނުން ތިޔަބައިމީހުންނާއި މެދުގައި شفاعة ތެރިވެދެއްވަތްތޯ އެދިދަންނަވާށެވެ.  

ދެންއަނެއްކާ އެއްހާސްއަހަރުފަހުން سَيّدنا إِبرَاهِيم ގެފާނުންގެ އަރިހަށް ހިގައިދާހުށްޓެވެ. ގޮސްދަންނަވާނެތޭ އޭ، سَيِّدنا إبرَاهيم ގެފާނެވެ. އޭ އެންމެހައި مسلم ންގެ ބަފައިކަލުންނޭވެ. ކަލޭގެފާނީ މާތްރަސްކަލާނގެ މިތުރާކަމުގައިލެއްވި ކަލޭގެފާނެވެ. އަޅުގަނޑުމެންގެ حال އާއިމެދުގައި شَفَاعة ތެރިވެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވާނެތޭ. އަހުރެން إسلام دين ގައި ހުރެގެންމެ ތިންދޮގު ހެދީމެވެ. އެއީ މާތްރަސްކަލާނގެ ދީނާއި މެދުގައި حجّة قائم ކުޅައުމަށް ބުނިބުނިބަސްބަސް ވެއެވެ. އެކަމަކު އަހުރެން މާތްރަސްކަލާނގެ ކިބައަށް ލަދުވެތިވެގެންވަނީ މިއަދުކަމަކަށް ދަންނަވާން ކުޅަދާނަނުވާވަރަށެވެ. ތިޔަބައިމީހުން مُوسَى ގެފާނުންގެ އަރިހަށްދާށެވެ. އެކަލޭގެފާނީ، މާތްރަސްކަލާނގެ حضرة ގައި ބަސްދަންނަވާ ސާހިބާއެވެ. އެކަލޭގެފާނުން ތިޔަބައިމީހުންނަށް شفاعة ތެރިވެ ދެއްވަތްތޯ ދަންނަވާށެވެ.  

އެއިރުގެ حال ދާނީ ހައްތާ ބޮޑުވަމުންނެވެ. ميدان ގެ ދަތިކަން ހައްތާވެސްދާނީ އިތުރުވަމުންނެވެ. ދެން އަނެއްކާ އެއްހާސްއަހަރުފަހުން سَيّدنَا مُوسَى ގެފާނުންގެ އަރިހަށް ހިގައިދާހުށްޓެވެ. ގޮސްދަންނަވާނެތޭ. އޭ عمران ގެ ދަރިކަލުންނޭވެ. ކަލޭގެފާނަކީ، މާތްރަސްކަލާނގެ حضرة ގައި ބަސްދަންނަވާ ކަލީމުއެވެ. އެކަލާނގެ تَورَاة ކަލޭގެފާނުންގެ މައްޗަށް ބާވައިލެއްވިއެވެ. އަޅަމެނާއިމެދުގައި ނިޔާތައް ކަނޑައަޅުއްވައި ލުއިކުރަތްވަތްތޯ شَفَاعَة ތެރިވެދެއްވާށެވެ. مُوْسَى ގެފާނުން ވިދާޅުވާނެޔޭ. ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު فرعون ގެ قوم ހަލާކުކުރެއްވުމަށް دعاء ކުޅައީމެވެ. މިހެންވީމާ މިއަދު شَفَاعة އެދިދެންނެވުމަށް ލަދުވެތިވެގެންވަމެވެ. އަދިވެސް އެކަލާނގެ ކިބައަށް مُنَاجَا ދަންނަވައި އުޅުނު އުޅުމުގައި ހަލާކުގެކައިރިއަށް ހުށަހޮޅިގަނެވޭ އެތައްގޮތްތަކެއްވަނީ ހިގައިފައެވެ. އަދަކީ އެކަލާނގެ އަޅުތަކުން ކޮށްފައިވާ عَمَل ތަކަށް ފުރިހަމައަށް ޖަޒާދެއްވުމަށް ވޮޑިގެންވާދުވަހެވެ. އަހުރެނާމެދު ކަންތައް ހުރިގޮތެއްވެސް ނުއެގެއެވެ. އެކަމަކު އެކަލާނގެއީ ތަނަވަސްވެގެންވާ رَحْمَة ގެ ވެރި އަދި ފާފަފުއްސަވާ ކަލާނގެއެވެ. މިހެންވީމާ ތިޔަބައިމީހުން سَيِّدنا عِيسى ގެފާނުންގެ އަރިހަށްގޮސްބަލާށެވެ. އެކަލޭގެފާނީ رَسُول ބޭކަލުންކުރެ يقين ކަންބޮޑު معرفة ވެރިކަން އިތުރުވެގެންވާ زَاهِد ކަންގަދަ حِكمَة ތެރިކަން ފުރިހަމަބެއިކަލެކެވެ.  

ދެން އަނެއްކާ އެއްހާސްއަހަރުފަހުން سَيِّدنا عِيسَى ގެފާނުންގެ އަރިހަށް ހިގައިދާހުއްޓެވެ. ގޮސްދަންނަވާނެތޭ. ކަލޭގެފާނީ روح الله އެވެ. ކަލޭގެފާނަށް ދުނިޔެއާއި آخرة ގައި ކުރިމަތިވެގެންވާ ބެއިކަލަކުކަމުގައި ވުމުގެމާތް ނަންފުޅު ދެއްވާފައިވެއެވެ. އަޅަމެނާއިމެދުގައި ނިޔާތައް ކަނޑައެޅުއްވުމާމެދު شفاعة ތެރިވެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވާހުއްޓެވެ. އަހަރެމެންގެ قوم ގެ މީހުން އަހަރެމެނާއި އަހަރެންގެ މައިކަމަނާ އާއި މާތްރަސްކަލާނގެ ރަސްކަންފުޅު ފިޔަވައި އަޅުކަންކުރެވޭ ދެ إله ންކަމުގައި ހަދައިފޫއެވެ. އެކަލާނގެ ރަސްކަންފުޅާ އެކުގައި شريك ވެވުނު އަޅަކު އެކަލާނގެ حضرة ގައި شفاعة ތެރިވުމަށް ބޯއުފުލާނީ ކޮންފަދައަކުންހެއްޔެވެ. އަދި އަހުރެންނީ އެކަލާނގެ ދަރިކަލަކުކަމުގައި އެކަލާނގެއީ ބަފައިކަލުންކަމުގައި އެއުރެންވަނީ ވާހަކަދައްކާފައެވެ. އެކަންތަކުގެ عدل إنصاف ގެ އިންތިޒާރީގައި ބިރުވެތިވެގެންހުރީމެވެ. 

ތިޔަބައިމީހުން رَسُول ބެއިކަލުންގެ ސާހިބާ އަދި نبى ބެއިކަލުން ختم ކުރެއްވި عربى ންގެ أخ އާގެ އަރިހަށް ދާށެވެ. އެކަލޭގެފާނުންހުންނެވީ އެކަލޭގެފާނުންގެ دعاء ފުޅާއި شَفَاعَة މިއަދަށް ފަސްކުރައްވައި ގެންނެވެ. كافر ން އެކަލޭގެފާނަށް އެކުޅަހައި އުނދަގުލާއި ހާނީއްކައިގައި  އެއުރެންގެ މައްޗަކަށް ނުބައި دعاء ފުޅެއް ނުކުރައްވަތެވެ. އުދަގޫކުޅައީ ކުޑައެއްކޮށެއްނޫނެވެ. އެމީހުން އެކަލޭގެފާނުންގެ ނިތްކުރިފުޅު ފަޅައިލައި ހަތަރުދަތްޕުޅު ވައްޓައިލައިވެސް ހެދޫއެވެ. އެކަލޭގެފާނަކީ ޖިންނި މަޖްނޫނެކޭވެސް ކިޔޫއެވެ. އެކަލޭގެފާނަކީ އެންމެހައި މީސްތަކުންކުރެ އެންމެ خلق ފުޅުހެޔޮ ސާހިބާއެވެ. شرف އެންމެ ބޮޑުވެގެންވާ رَسُول އާމެއެވެ. އެކަލޭގެފާނަށް نصر ލިބިވަޑައިގެން އެމީހުނަށް ހިތްޕުޅަށް އެރިގޮތެއް ހައްދަވާން ދުނިޔޭގައި އާދައިގެ ގޮތްމަތިން ލިބިވަޑައިގަތް ދުވަހުގައިވެސް ވިދާޅުވީ يُوسُف الصِّدِّيق އެކަލޭގެފާނުންގެ إخوة ންނާ ދިމާއަށް ވިދާޅުވި ބަސްފުޅެވެ. لاَتَثْرِيْبَ عَلَيْكُمُ الْيَومَ يَغْفِرُ الله لَكًمْ وَهُوَ اَرْحَمُ الرَّاحِمِينَ މިފަދައިންނެވެ.  

މިހެން މިހެން އިތުރު رَسُولُ الله ގެފާނުންގެ މާތްސިފަފުޅުތަކާއި خُلق ފުޅު ހެޔޮކަމުގެ ބަޔާންތައް ވަރަށްގިނައިން އިއްވަވާހުއްޓެވެ. އެއުރެންގެ ހިތްތައްވެސް އިތުރުއެކަލޭގެފާނުންގެ އަރިހަށް ދެވޭތޯ ހިގައިގަތުމަށް ދަހިވެތިވެއްޖައުމަށްދާދެން ވާހަކަފުޅުތައް ދައްކަވައިފައި ވިދާޅުވާނެޔޭ. ތިޔަބައިމީހުން އެމާތް رَسُول އާގެ އަރިހަށް ދާށެވެ.

 

- ފަޟީމަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ " اللَّمْعَةُ الظَّاهِرَة- ޤިޔާމަތުގެ ވާހަކަ" ފޮތުން-

 

މިއަދު އޮންލައިން