އަނބިމީހާގެ ތިބެންޖެހޭނީ ހަމައެކަނި އަންހެން އެކުވެރިންތަ؟ ފިރިމީހާގެ ތިބެންޖެހޭނީ ހަމައެކަނި ފިރިހެން އެކުވެރިންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އަނބިމީހާގެ ތިބެންޖެހޭނީ ހަމައެކަނި އަންހެން އެކުވެރިންތަ؟ ފިރިމީހާގެ ތިބެންޖެހޭނީ ހަމައެކަނި ފިރިހެން އެކުވެރިންތަ؟

ފުރަތަމަ މިބުނެދެނީ އަމިއްލަ ދަރިއެއްގެ ވާހަކައެކެވެ. އެއީ އަހުރެންގެ އެންމެ ދޮށީ ދަރިފުޅެވެ. އަންހެން ދަރިއެކެވެ. ސްކޫލް އިރުންސުރެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅެނީ 2 ފިރިހެންކުދިންނެވެ. ދަރިފުޅުވެސް އަދި އެދެއެކުވެރިންވެސް މިހާރުތިބީ ކައިވެނިކޮށްގެންނެވެ. ދަރިންވެސް ލިބިއްޖެއެވެ.  

މިހާރުވެސް "ގެޓްޓުގެދާ"ތައް ބާއްވައެވެ. ދަޢުވަތުދީގެން ގެއަށްވެސް ގެނެއެވެ. އެކަމަކު އައިސް އުޅެނީ އެކަންޏެއް ނޫނެވެ. އެކުއްޖެއްގެ ބައިވެރިޔާއާއި އަދި ދަރިންނާއިވެސް އެކުގައެވެ. އެހެންވެ 3 ކުދިންގެ އެކުވެރިކަން އެންމެ ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް އެބައޮތެވެ. ދެން އަޑުއަހާށެވެ.  

ބައެއް އަނބިންގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ފިރިހެނުން ތިބެއެވެ. ބައެއް ފިރިން އެކަމަށް ވަރަށް ނަފްރަތުކުރެއެވެ. އަދި މަނާވެސް ކުރެއެވެ. އެމީހުން ދެކެނީ އަނބިމީހާގެ އެކުވެރިންނަކީ އަނހެނުން ކަމަށްވެފައި އަންހެން އެކުވެރިންނާއިއެކު ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރިނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ.  

މިއީ ބަހުސްކުރަން ޖެހޭ ކަމެކެވެ. އަނބިމީހާގެ އެކުވެރިންނަކީ ފިރިހެނުން ކަމުގައިވީނަމަވެސް އެމީހުންނާއި އޮންނަ ގުޅުން ގާތުން ބެލެހެއްޓޭނަމަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދިއުން މަދުވާނެއެވެ. އަދި އެއީ ކޮންބައެއްކަން ފިރިމީހާއަށް އެނގޭނަމަ ކަންކަން ބަލަހައްޓަން ފަސޭހަވާނެއެވެ. މުހިންމު ކަމަކީ ފިރިހެން އެކުވެރިންނާއިއެކު އަނބިމީހާ ވަޤުތު ހޭދަކުރުމުގެ ފުރުޞަތު ނުދިނުމެވެ. އަނބިމީހާއަށް އޮތީ ހުއްދަ ނޫން ގޮތުގައި ބައްދަލުނުކުރުމާއި ގުޅުންތައް އިމުގެ ތެރެއިން ބޭއްވުމެވެ.  

އެއިގެ ބަދަލުގައި އަންހެން އެކުވެރިންނާއިއެކު ގިނަ ވަޤުތުތަކުގައި ގެއިން ބޭރުގައި އުޅޭނަމަ ގޮތް ނުއެނގޭ އެތައް ފިރިހެނުންގެ ސަމާލުކަން އަނބިމީހާއަށް އަމާޒުވާނެއެވެ. އެކަމުގެ ތެރެއިން ސިއްރު އެތައް ކަމެއް ހިނގުމުގެ ފުރުޞަތު އެތައްތަނަކުން ބޮޑުވެގެންދާނެއެވެ. އަދި އެކަންކަން ބެލޭނެ ގޮތެއްވެސް ނުއޮންނާނެއެވެ.  

ދިރާސާތަކުން ދައްކާ ގޮތުގައި މުހިންމީ އަނބިމީހާގެ އެކުވެރިންގެ ޖިންސެއް ނޫނެވެ. އެކުވެރިންނަކީ ރަނގަޅު، ދީންވެރި އަދި އަޚްލާޤް ރަނގަޅު ބައަކު ކަމުގައިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ ބައަކު ކަމުގައިވުމެވެ. އަދި ދީނުގައިވާ އިންތަކުގެ ތެރެއިން ގުޅުންތައް ބޭއްވުމެވެ.  

މިދެއްކި ވާހަކަތައް ޚާއްޞަކުރަންވީ އަނބިންނަށާއި ފިރިހެނުންނަށެވެ. ދެމަފިރިންނަށެވެ. ދެމަފިރިންނަށްވެސް މިކަންކަމުގައި ކުރިމަތިވާނީ ހަމަ އެއް ޒާތެއްގެ މައްސަލަތަކެވެ. ޙައްލަކީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.  

ދެމަފިރިންވެސް ވިސްނާށެވެ. ވަފާތެރިވާންވީ ބައިވެރިޔާއަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ވަފާތެރިނަމަ ބައިވެރިޔާއަށް ބޭވަފާތެރިއެއް ނުވެވޭނެއެވެ. މައްސަލަތައް އުފެދެނީ ﷲ ތަޢާލާއަށް ވަފާތެރިނުވެވޭތީއެވެ. ބިރުވެތި ނުވެވޭތީއެވެ. ސިއްރުގުޅުންތައް ހިންގައި ފާފަތައް ކުރެވެނީ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ވީމާ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން