ދެރަނުވޭ!: ތިބާ އެންމެ ފަޤީރު ޙާލުގައި ހުރެވެސް މާތް ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހަތަރު އަމަލުން ތިން ޢަމަލު ވަރަށް ފަސޭހައިން ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ދެރަނުވޭ!: ތިބާ އެންމެ ފަޤީރު ޙާލުގައި ހުރެވެސް މާތް ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހަތަރު އަމަލުން ތިން ޢަމަލު ވަރަށް ފަސޭހައިން ކުރެވޭނެ!

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ތަނަވަސްކަމަކީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތެއްކަން ހަނދާން ހުންނަނީ މަދުމީހެކެވެ. ވީމާ ތަނަވަސްކަން ލިބުމަކީ އެމީހަކަށް ސުަވރުގެ ލިބުން ފަސޭހަވެގެންދާ ކަމަކަށް އޮންނަނީ ނުވެފައެވެ.

މިހެން ބުނަން ޖެހެނީ ބައެއް މީހުންނަށް ވިސްނޭގޮތަކުންނެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ސުވަރުގެ ވަންނަން ފަސޭހަވާނީ ބޮޑަށް ތަނަވަސްކަން ލިބުނުވަރަކުން ކަމަށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތަނަވަސްކަން ދެއްވަވާ ގިނަ މީހުންނަށްވުރެ ފަސޭހައިން ސުވަރުގެ ވަދެވޭނީ ފަޤީރުންނަށްކަން އެނގެން އެބަ އޮތެވެ. ތަނަވަސްކަން ނެތް ނަމަވެސް ސުވަރުގެ ހޯދަން ކުރެވޭނެ އެތައް ބައިވަރު ކަންކަން އެބަހުއްޓެވެ.  

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. 

"މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި، އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި، އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުމާއި، އެމީހެއްގެ ދަރަންޏެއް އަދާކޮށްދިނުމަކީ الله ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތަކެވެ" 

الله ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައް ކަމުގައި މި ޙަދީޘްފުޅުގައިއެވަނީ:  

1  މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި،

2  އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި،

3  އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުމާއި،

4  އެމީހެއްގެ ދަރަންޏެއް އަދާކޮށްދިނުމެވެ.  

ވިސްނާލުން ކީއްތޯއެވެ؟  

މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމާއި،

އެމީހަކަށް ޖެހިފައިވާ ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދިނުމާއި،

އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުން  

މި 3 ކަންތަކަކީވެސް ފައިސާ އާއި ނުލައިވެސް ކުރެވިދާނެ ކަންކަމެވެ. ހިތްދަތިޙާލުގައި ހުންނަ މީހެއްގެ ހިތަށް އުފާވެރިކަން ވައްދައިދޭން ބޭނުންވާނީ އުފާވެރިބަސްތަކާއި އޯގާތެރިކަމާއި ލޯތްބާއި ކުލުނެވެ. އެކަކަށް ބޮޑު މުޞީބާތަކަށްވެފައިވާ ކަމެއް ފިލުވައިދޭން މެދުވެރިއެއްގެ ދައުރުވެސް އަދާކުރެވިދާނެއެވެ. އަވަށްޓެރިޔާގެ ގެއަށް ކަރަންޓުގެ މައްސަލައެއް ފަދަ ކަމެއް ދިމާވެފައިވާވަގުތެއްގައި އެކަން ޙައްލުކޮށްދިނުން، ގޭސް ހުސްވެގެން ނުކެއްކިފައި ހުރި ވަގުތެއްގައި ކާއެތިކޮޅު ރޯފިލުވާލަދިނުން ނުވަތަ އަތުގައި އިތުރު ގޭސްފުޅިއެއް ހުރިނަމަ ބޭނުންކޮށްލަން ދިނުންވެސް ވާނީ އެމީހަކު ކަންބޮޑުވާ އަދި އުނދަގޫވެފައިވާ ކަމެއް ފިލުވާލައި ދިނުން ކަމަށެވެ.  

ތަނަވަސްކަން ހުރިނަމަ މީހެއްގެ ދަރަނިފިލުވައިދިނުން ނުވަތަ ދަރަނި މާފުކުރުންވެސް ވެގެންދާނީ އޭނާގެ ދަރަނި އަދާކޮށްދިނުމަށެވެ.  

الله ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެއް ނުވަތަ ޢަމަލުތައް ކުރެވޭނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ލިބިގެންދާނެ ބޮޑު އުފާވެރިކަން ހިތްމައްޗަށް ގެންނާށެވެ! އެއަސްވުރެ ވަކިން ބޮޑު އުފަލަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

   

މިއަދު އޮންލައިން