އެކުވެރިންގެ ގޮތުގަ ބައިވެރިޔާއަށް އަޅާނުލާ، ފަރުވާކުޑަކުރާ މީހުން ގެންގުޅުމަކީ ދިރިއުޅުން ފޭލްވެ ހިތާމަކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އެކުވެރިންގެ ގޮތުގަ ބައިވެރިޔާއަށް އަޅާނުލާ، ފަރުވާކުޑަކުރާ މީހުން ގެންގުޅުމަކީ ދިރިއުޅުން ފޭލްވެ ހިތާމަކުރަންޖެހޭ ކަމެއް!

އަހުރެން ފަށާނީ އެންމެންވެސް ވަރަށް ފަރިތަ ޙަދީޘްފުލަކުންނެވެ. އެއީ މީހެއްގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނަމަ އޭނާގެ އެކުވެރިންގެ ކަންކަމަށް ބެލުމަށް އޮތް ޙަދީޘްފުޅެވެ. މިޙަދީޘްފުޅު މުސްލިމުންގެ ގިނަބައަކަށް އެނގޭނެއެވެ. ނަމަވެސް ވިސްނައި ނުލެވެނީއެވެ. މިޙަދީޘްފުޅުން ލިބިގަންނަން ޖެހޭ ފިލާވަޅު ލިބި ނުގަންނަނީއެވެ. ވީމާ ބުނެދޭން މަސައްކަތްމިކުރަނީ މިޙަދީޘްފުޅަށް ޢަމަލުނުކުރާނަމަ އާޚިރަތުގެ އިތުރުން ދުނިޔޭގެ ދިރިއުޅުންވެސް ޚަރާބުވެގެންދާނެ ކަމެވެ.  

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބުމެވެ. އަދި އެންމެ ބޮޑަށް ހިތާމަކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ނުލިބިއްޖެއެވެ. ސަބަބަކީ ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.  

މިބަހުގެ މާނަ އޮޅުވައިނުލާށެވެ. އެމީހަކީ ﷲ ތަޢާލާ އެންގެވިގޮތުގައި ދުނިޔޭގެ ޙަޔާތްވޭތިކުރި މީހަކުނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގޮތުން ލިބޭނެއެވެ. އިން ޝާ ﷲ. އެކަމުގައި އެއްވެސް މީހަކަށް ބޭއިންޞާފެއް ނުކުރައްވަވާނެތެވެ. ވީމާ ވިސްނައިލަންޖެހޭނެ ކަމެއް އެބަ އޮތެވެ.

އެކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ އަޅަކަށްވުމަށް އެދޭނަމަ ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ޒުވާން ޢުމުރުން ފެށިގެން އަޚްލާޤީ ގޮތުން ރަނގަޅު ސިފަތައް ހުންނަ މީހުންނަކީ އެކުވެރިން ކަމުގައި ހެދުމެވެ. އަޚްލާޤީ ގޮތުން ރަނގަޅު ސިފަތައް ނުހުންނަ މީހުންނާއިއެކުގައި ނުވުމެވެ.  

ދުލުން ނުބައި ބަސްތައް ބުނާ މީހުންނާއި ދެބައުޑުވާ މީހުންނާއި ބޭކާރުވާހަކަދައްކާ މީހުންނާއި ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް މީހަކީ އެކުވެރިއެއް ކަމުގައި ޤަބޫލުނުކުރާށެވެ. އެހެނީ އޭނާއަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިއެކެވެ. ޝައިޠޯނާގެ ބައިވެރިއެކެވެ. ޝައިޠޯނާގެ ބައިވެރިންނާއިއެކުގައިވެގެން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަކުން ކުރިއަކަށް ނުދެވޭނެއެވެ. އެމީހަކަށް ޙައްޤުވާނީ ﷲ ތަޢާލާގެ ލަޢްނަތެވެ.  

"އޭނާ އެފާފަ ނުވަތަ ފާފަތައް ކުރިނަމަވެސް އެއީ އޭނާގެ މައްސަލައެއް" ކަމަށް ނުދެކޭށެވެ. އޭނާ ކުރާ ނުބައި ޢަމަލުތަކުގެ އަސަރު ތިބާއަށް ކުރާނެއެވެ. އެކަމުގެ އެންމެ ސާފު އެއް މިޘާލަކީ ނަމާދުނުކުރާ މީހުންނާއި އެކުގައި އުޅޭ މީޙުންނެވެ. ނަމާދުކުރަމުން އަންނަ މީހަކު ނަމަވެސް ނަމާދުނުކުރާ މީހުންނާއިއެކުވެރިވެ އެކުގައި އުޅޭނަމަ އެމީހުން ފަދައިން ބަދަލުވާނެއެވެ. ޖަމާއަތުގައި ނަމާދުކުރަން ފަރުވާކުޑަކުރާ މީހުންނާއިއެކުގައި އުޅޭނަމަ ތިމާވެސް އެގޮތަށް ބަދަލުވާނެއެވެ.  

ހަމައެފަދައިން ބައިވެރިޔާއަށް ބޭވަފާތެރިވާ، ފާޙިޝް ޢަމަލުތައްކުރާ، ބައިވެރިޔާއަށް އަޅާނުލައި ފަރުވާކުޑަކުރާ މީހުންނާއިއެކުގައި އުޅޭނަމަ ތިމާވެސް ހަމަ އެފަދައިން ބަދަލުވާނެއެވެ. ތިމާއަކީވެސް ހަމަ އެފަދަ ނުބައި ޢަމަލުތައްކުރާ މީހަކަށް ބަދަލުވެގެންދާނެއެވެ. މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމެވެ. އެންމެ ބޮޑު ދެރައެވެ.  

އެހެން ބުނަންޖެހޭ ސަބަބަކީ އެމީހެއްގެ ޒަވާޖީޙަޔާތަކީ އުފާވެރި ޙަޔާތަކަށް ނުވުމުގެ އިތުރުން އާޚިރަތްވެސް ގެއްލިގެންދާނެތީއެވެ. ބައިވެރިޔާ ގެއްލުމުގެ އިތުރުން ކުރެވޭ ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެތީއެވެ.  

މީހެއްގެ ގޮތް ބަލަން ބޭނުންވާނަމަ، ޙަޤީޤަތް ދެނެގަންނަން ބޭނުންވާނަމަ އޭނާގެ އެކުވެރިންނަކީ ކޮންބައެއްކަން ދެނެގަންނަން އޮތީ އެހެންވެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން