ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 18: ޙައްޖުދަތުރުފުޅާއި ރޯދަފުޅު

ކިޔުމަށް ހޭދަވާނީ 4މ 29ސ
ފަށްކުރުމެއް!: އެނގުން މުހިންމު ބައިތަކާއެކު ނޫޙުގެފާނު ވާހަކަ 18: ޙައްޖުދަތުރުފުޅާއި ރޯދަފުޅު

ޢަލީ އިޙްޞާން ފިރާޤް

 

ޙައްޖުދަތުރުފުޅާއި ރޯދަފުޅު:  

نوح عليه السّلام ޙައްޖަށް ވަޑައިގެންނެވިކަން އެއްވެސް ޞައްޙަ ޙަދީޘަކުން ޘާބިތެއްނުވެއެވެ. ބައެއް ޟަޢީފު ރިވާޔަތްތަކުގައި އެކަލޭގެފާނު ޙައްޖަށް ވަޑައިގެންނެވި ވާހަކަ ބަޔާންކުރެވިފައިވެއެވެ.  

އިބްނުޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙައްޖަށް ވަޑައިގެންނެވި ދަތުރުފުޅުގައި ޣަތުފާން ވާދީއާ އަރާހަމަ ކުރެއްވުމަށްފަހު އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ.

[އޭ އަބޫބަކުރުގެފާނެވެ. މިއީ ކޮންވާދީއެއްކަން އެނގިވަޑައިގަންނަވާތޯއެވެ.] 

އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [މިއީ ޣަތުފާނޭ ކިޔުނު ވާދީ ނޫންތޯއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.  

[މިވާދީން ލާފައި ނޫޙޫގެފާނާއި ހޫދޫގެފާނާއި އިބްރާހީމުގެފާނު ބައިތުލް ޢަޤީޤަށް ޙައްޖަށް ވަޑައިގެންނެވިއެވެ. އެބޭކަލުން ސަވާރުވެވަޑައިގެން ތިއްބެވީ ރަތްކުލައިގެ އަންހެން ޖަމަލަށެވެ. އެބޭކަލުންގެ އަރިހުގައި ހިމާރުތަކެއްވިއެވެ. އޭގެ ލަގަންވަނީ ކަދުރުރުކުގެ ފަނުންނެވެ. އެބޭކަލުން ތުރުކުރެއްވީ ޢަބާ(ޢަބާޔާ)އެވެ.  ރިދާކޮޅު ހުންނަނީ ކެހެރިންނެވެ. ހުދާއިކަޅު ކުލައިގެ ރޮނގުދަމައިފައެވެ.]  {ابن حجر العسقلاني (ت ٨٥٢)، تحفة النبلاء ١٦٩ فيه زمعة بن صالح، وهو ضعيف } 

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން މިއީ ޟަޢީފު ރިވާޔަތެކެވެ. މި ރިވާޔަތުގެ ސަނަދުގައި زمعة بن صالح އޭ ކިޔުނު މީހެއް ހިމެނެއެވެ. އޭނާއަކީ ޟަޢީފު ރާވީއެކެވެ. 

نوح عليه السّلام ރޯދަ ހިއްޕެވުމާ ބެހޭ ގޮތުންވެސް ވާރިދުވެގެން އައިސްފައިވަނީ ޟަޢީފު ރިވާޔަތްތަކެކެވެ. އޭގެ ތެރެއިން އެއްރިވާޔަތެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. عبدالله بن عمرو ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"‏ صَامَ نُوحٌ الدَّهْرَ إِلاَّ يَوْمَ الْفِطْرِ وَيَوْمَ الأَضْحَى ‏" { سنن ابن ماجه، كتاب الصيام، باب مَا جَاءَ فِي صِيَامِ نُوحٍ عَلَيْهِ السَّلاَمُ، ޙަދީޘް ނަންބަރު 1714}

މާނައީ: [ސަލާމްލެއްވި ނޫޙުގެފާނު ފިޠުރު ޢީދު ދުވަހާއި، އަޟްޙާޢީދު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ރޯދަފުޅު ހިއްޕެވިކަމުގައިވިއެވެ.] 

عبدالله بن عمرو ގެ އަރިހުން ވާރިދުވެގެންވާ އެހެން ޙަދީޘް ބަސްފުޅެއްގައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

صامَ نوحٌ عليهِ السلامُ الدَّهرَ إلا يومَ الفطرِ والأضحى، وصامَ داودُ عليهِ السلامُ نصفَ الدَّهرِ، وصامَ إبراهيمُ عليهِ السلامُ ثلاثةَ أيامٍ من كلِّ شهرٍ، ....... { الألباني (ت ١٤٢٠)، السلسلة الضعيفة ٦٧٥١ضعيف أخرجه ابن ماجه (١٧١٤)}

މާނައީ: [ސަލާމްލެއްވި ނޫޙުގެފާނު ފިޠުރު ޢީދު ދުވަހާއި، އަޟްޙާޢީދު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ރޯދަފުޅު ހިއްޕެވިކަމުގައިވިއެވެ. ދާއޫދުގެފާނު ދެދުވަހުން އެއްދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އިބްރާހީމުގެފާނު ކޮންމެމަހަކު ތިންދުވަހު ރޯދަފުޅު ހިއްޕެވިއެވެ.] މިއީވެސް ޟަޢީފު ރިވާޔަތެކެވެ.

 

 

މިއަދު އޮންލައިން