ނިކަމެތި ޙާލުގަ ތިބޭ އަންހެނުންނަށް މަކަރުހަދައި އޮޅުވާލައިގެން ބޭނުންތައް ފުއްދާ މީހުންނަށް އާޚިރަތުގެ އިތުރުން ދުނިޔޭގަވެސް ނިކަމެތިކަން ނުލިބި ނުދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ނިކަމެތި ޙާލުގަ ތިބޭ އަންހެނުންނަށް މަކަރުހަދައި އޮޅުވާލައިގެން ބޭނުންތައް ފުއްދާ މީހުންނަށް އާޚިރަތުގެ އިތުރުން ދުނިޔޭގަވެސް ނިކަމެތިކަން ނުލިބި ނުދާނެ!

ގިނައިން މީހުން ދައްކާނީ އެހެން މީހުން ކުރާ ނުބައި ކަންކަމުގެ ވާހަކައެވެ. ތިމާއަށް ކުރެވޭ ނުބައިކަމެއްގެ ވާހަކައެއް ނުދައްކާނެއެވެ. ހަވާނަފްސް ތިމާގެ ކިބައިން އެދޭ ކަންކަން ޙާޞިލުކުރަން އެހެން މީހުންނަށް މަކަރުހަދައިގެން ކުރުވި ފާފަތަކުގެ ވާހަކައެއް ނުދައްކާނެއެވެ. ދަތިޙާލުގައި ނުވަތަ ހިތްދަތިކަމުގައި ހުރި އަންހެނެއްގެ ގާތަށް ހެޔޮއެދޭ މާތް މީހަކަށް ހެދިގެން ގޮސް ކުރި ނުބައި ޢަމަލުތަކުގެ ވާހަކައެއްވެސް ނުދައްކާނެއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ﷲ ތަޢާލާގެ ޙަޟްރަތަށް ވަންހަނާވެގެނެއް ނުވެއެވެ. ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

ރަނގަޅަށް ވިސްނާށެވެ! ދައްކާ ވާހަކައަކުން ނަމަވެސް ކުރާ ޢަމަލަކުން ނަމަވެސް އެންމެ މީހަކު ނަމަވެސް ﷲ ތަޢާލާގެ މަގާއި ދުރަށް ޖައްސުވަން މަސައްކަތްކުރުމަކީ އެންމެ ބިރުހުރި އެއްކަންތަކެވެ. އެންމެ ނުރައްކައުތެރި އެއް ކަންތަކެވެ.  

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން ހިތްވަރުދީ އެފަދަ ކަންކަން ކުރުވުމަށްފަހު އޭނާ ދީނުން ބޭރުކުރަން ތިމާ އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ކިތަންމެ ކުޑަ ނަމަވެސް ބޮޑުނަމަވެސް ފާފައެއް ކުރަން ހިތްވަރުދިނުމަކީ އެމީހަކު ދީނުން ބޭރުކުރަން މަސައްކަތްކުރުމެވެ. 

ލޮބުވެތިއެކުވެރިންނޭވެ! ދެ ލޯބިވެރިންގެ މެދުގައި މައްސަލަޖެހުމުންވެސް ދެމަފިރިންގެ މެދުގައި މައްސަލަޖެހުމުންވެސް އަދި ކައިވެނިރޫޅުމުންވެސް މާޔޫސްކަން ލިބޭ މީހާއަށް އުފާވެރިކަން ހޯދައިދިނުމުގެ ނަމުގައިވެސް އެމީހަކު ލައްވައި ފާފައެއް ކުރުވަން ހިތްވަރުދިނުމަކީ އެމީހަކު ދީނުން ބޭރުކުރަން މަސައްކަތްކުރުން ފަދަ ކަމެކެވެ. އެހެނީ އޭނާއަށް ފާފަކުރެވެން ފެށުމުން ދީނާއި ދުރުހެލިވެވި ދީންދޫކުރެވުން އޮންނާނީ ދާދި ގާތުގައެވެ.  

"ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އަޅުން ކާފިރުވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެކަލާނގެ އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި ފާފަވެރި އެއްވެސް ނަފްސެއް އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫޢަވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އައްޒުމަރު: 7) 

ދުނިޔެ އެކަންޏެއް ނޫނެވެ! މިއީ މުޅި ކާއިނާތު (ޔުނިވާސް) އުފެއްދެވި އަދި ދުނިޔޭގައި މީސްތަކުން ލެއްވެވި ﷲ ތަޢާލާގެ ވަޙީ ބަސްފުޅެވެ. މިއާޔަތުގައިވާ ފުރަތަމަ ދެ ބަސްފުޅަށް ބަލައިލާށެވެ.  

1 " ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲއީ، ތިޔަބައިމީހުންގެ ކިބައިންދުރުވެ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ..." 

2 " އަދި އެކަލާނގެ އަޅުން ކާފިރުވުމަކަށް އެކަލާނގެ ނުރުއްސަވަތެވެ..." 

އަޅުގަނޑުމެންނަކީ ﷲ ތަޢާލާއަށް އީމާންވެ ރަސޫލް ގެ ރަސޫލްކަން ޤަބޫލުކޮށް ކީރިތި ޤުރްއާން ޤަބޫލުކޮށްގެން ތިބި ބައަކީމުއެވެ. މުސްލިމުންނެވެ. ﷲ ތަޢާލާ އަހަރެމެންނާއި ދުރުވެވޮޑިގެންފިނަމަ ދުނިޔެއާއި އާޚިރަތް ގެއްލެނިވެގެން ދިއައީ ކަމަށްވެސް މިތިބީ ޤަބޫލުކޮށްގެންނެވެ.  

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް މިފަދައިން ހުރިއިރު މިއާޔަތަށްވެސް ވިސްނައިލާށެވެ!  

"ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، ކާފިރުވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، ޝައިޠޯނުންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ ޝައިޠޯނުން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ." (އަލްބަޤަރާ: 256)  

މީސްތަކުންނޭވެ! މިކުރެވެނީ ކުޑަކުޑަކަމެއް ކަމަށް ބަލައި އެއްވެސް މީހަކު ލައްވައި ފާފައެއް ކުރުވަން މަސައްކަތްނުކުރާށެވެ! ފާފައެއްކުރަން ހިތްވަރުނުދޭށެވެ. އެއިރުން ތިބާއަށް އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. ޝައިޠޯނާގެ ބައިވެރިންނަށް ޤިޔާމަތް ދުވަހު ހުރި ކަންކަމުގެ ވާހަކަ އިސްވެ މިބަޔާންކުރީއެވެ.  

ހިތްދަތިޙާލުގައިވާ މީހުންނަށް ހިތްވަރުދޭންވީ ފާފަކުރާކަށް ނޫނެވެ. ވީހައިގިނަ އަޅުކަންކުރުމަށެވެ. ދަމުނަމާދުކޮށް ދުޢާކުރުމަށެވެ. އެފަދަ ހެޔޮ ނަޞޭޙަތްދިނުމަކީ އެންމެ މަތިވެރި އަޅުކަމެވެ. އެންމެ ގިނަ ޘަވާބު ދެއްވަވާނެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން