ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، މިހާތަނަށް 71 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.
އެމްއޭސީއެލް އިން މިއަދު އާންމުކުރި މަސައްކަތުގެ އަދާހަމަ ރިޕޯޓުގައި ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ބިމުގެ ތެރެއިން 71 ހެކްޓަރު މިހާރު ވަނީ އެއްކޮށް ހިއްކައި ނިންމާފައެވެ. މިއާއެކު މުޅި މަޝްރޫޢުގެ 51.64 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި އެމްއޭސީއެލް އިން ދަނީ ދުނިޔޭގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އެގޮތުން، "ކްރިސްޓަބެލް ކޮލޯން" ގެ ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު މި މަސައްކަތުގައި ދަނީ ބޭނުންކުރަމުންނެވެ. މި ޑްރެޖަރުތަކަކީ 46,000 ކިއުބިކް މީޓަރުގެ ވެލި ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ އުޅަނދުތަކެކެވެ.
މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫޢަކީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ބިނާކުރާ ތަނެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގެ ހިއްކާ ބިމުން 15,000 ގޯތި ދޫކުރުމަށް އިއުލާންކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އުމުރުން 18 އަހަރުން މަތީގެ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ ރައްޔިތުންނަށް އާއިލީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.