ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން، މާލޭ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މި ޕްރޮގްރާމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި ޕްރޮގްރާމާ ގުޅޭ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ އިތުރުން، ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު ހިމެނެއެވެ. މި އުސޫލުތަކަކީ 17 ނޮވެންބަރު 2025 ގައި ގެޒެޓުކުރި އުސޫލުތަކަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލާފައިވާ އުސޫލުތަކެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އުސޫލުތަކަށް މި ބަދަލުތައް ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. އަދި ކުރިން އުސޫލުތައް ޝާއިޢުކުރުމުން ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ބަލައި، އުސޫލުތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދީފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.