އަނބިންނަށް ވަޤުތު ދިނުމަކީ ކިހައި މުހިންމުކަމެއްކަން ދީނީ ނަޒަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަނބިންނަށް ވަޤުތު ދިނުމަކީ ކިހައި މުހިންމުކަމެއްކަން ދީނީ ނަޒަރަކުން!

އަޅުގަނޑުގެ ފިރިމީހާއަކީ ހެޔޮ މީހެކެވެ. ދަރިއަކު ކަމަކު ބުންޏަސް ލަސްވެގެން ޖެހިގެން އަންނަ ދުވަހު އެކަމެއް ކޮށްދެއެވެ. އެކަމަކު މައްސަލައަކީ 4 ދަރިންނާއި އަޅުގަނޑު ދޫކޮށްލާފައި އަބަދުހެން ބޭރުގައި އުޅޭކަމެވެ. އޮފީހުން އައިސް ނިދާލާފައި ތެދުވެ ފެންވަރާލައިގެން ބޭރަށްދާ މީހާ އެނބުރި އަންނާނީ ރޭގަނޑު 1، 2 ޖަހާ ފަހުންނެވެ. 

މަހަކު އެންމެ ރެއަކުވެސް ދަތިއަކުވެސް އަޅުގަނޑުވެސް ނިދަނީ ކޮންއިރަކުކަމެއް ނުއެނގޭނެއެވެ. އަޅުގަނޑުގެ އިތުރުން ދަރިންވެސް ނިދާގަނޑީގައި އެކުދިންގެ ބައްޕައަށް ބޭނުންވެ އެކަމުގެ ވާހަކަދައްކައެވެ. ފިރިމީހާ ބުނަނީ އިޞްލާޙްކުރާނެ ކަމަށެވެ. ނަމަވެސް ކައިވެންޏަށް 12 އަހަރުވީއިރުވެސް އެއްވެސް ބަދަލެއް ނައެވެ. 

ފިރިމީހާއަކީ އޭނާގެ ވަޤުތުތައް އެކުވެރިންނާއިއެކު ހޭފަކުރުން ފިޔަވައި އެހެން ކަންތައްތަކުގައި ރަނގަޅު މީހެކެވެ. އެހެންވީމާ ފިރިމީހާއަށް ވިސްނައިދޭން ކުރެވިދާނެކަމެއް ބުނެދެއްވަފާނަންތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަނބިންނަށް ވަޤުތު ދިނުމަކީ ކިހައި މުހިންމުކަމެއްކަން ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އަދި އެއީ ސުންނަތެއްކަންވެސް އެނގިލައްވާނެއެވެ. ވީމާ ފިރިމީހާއަށް ޙިއްޞާކޮށްލައި ވިސްނައިދޭން މަސައްކަތްކުރާށެވެ. 

ރަސޫލް ގެ ޙަޔާތްޕުޅަށް ބަލައިފިނަމަ އަނބިކަނބަލުން ޢާއިޝަތުގެފާނަށް ވަގުތު ދެއްވަވަންވެގެން އެވަގުތުކޮޅު ހުސްކޮށްލަދެއްވެވުން ޞަހާބީންގެ އަރިއަހުން އެދިވަޑައިގެންފައިވެއެވެ. އެއިގެ މާނައަކީ ޢާއިޝަތުގެފާނުގެ އަރިއަހުން އެނބުރިވަޑައިގަންނަވަންދެން ކަންކަމުގައި އިތުރު އެކަލޭގެފާނު ހޯއްދަވަން ނުއުޅުއްވަވައި މަޑުކޮށް ލެއްވެވުމެވެ. 

ނަމަވެސް މިއަދު އަހަރެމެންގެ ދިރިއުޅުމުގެ ކަންކަން މިހުރީ ކިހިނަކުން ހެއްޔެވެ؟ ފިރިމީހާއަށް އަނބިމީހާއަށް ވަގުތެއް ނުދެވެއެވެ. އަނބިމީހާއަށް ފިރިމީހާއަށް ވަގުތެއް ނުދެވެއެވެ. އެކުގައިތިބޭއިރުވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ ފޯނަށެވެ. 

މިކަންކަން އިޞްލާޙްކުރަން އެބަޖެހެއެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ނުދެވޭނަމަ ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ދެމަފިރިންގެ ގުޅުން ދާނީ ކެނޑެމުންނެވެ. ނުވެސް އެނގިތއްބާ ކުރިންވީ ލޯބި ފޫހިކަމަށް ބަދަލުވެ ވަރިފަށަށް އަރާނެއެވެ. އަރާނީއެއް ނޫނެވެ. ދަނީ އަރަމުންނެވެ. ކައިވެނިތައް ރޫޅެމުންނެވެ. 

މިކަމުގައި ވަކިމީހަކަށް ބުރަވާކަށް ނެތީމެވެ. ގިނަފަހަރު ވަގުތު ނުދެވެނީ ފިރިންނަށް ނަމަވެސް އަނބިންނަށް ވަގުތު ނުދެވުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން