ފަތިސް ނަމާދަށް ނުހެލެވޭ އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ ބަނޑުފުރާ ކައިގެން ނިދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ފަތިސް ނަމާދަށް ނުހެލެވޭ އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ ބަނޑުފުރާ ކައިގެން ނިދުން!

އިސްލާމް ދީނުގައިވާ ރިވެތި އަދަބުތަކުގެ ތެރޭގައި ގިނައިން ނުކެއުން ހިމެނެއެވެ. އަދި ކާންވީ މިންވަރު ސުންނަތުން ފެންނަން އެބައޮތެވެ. ސައިންސްވެރިންވެސް މިއަދު އެސުންނަތަށް ތާއީދުކުރެއެވެ. ޑޮކްޓަރުން އެގޮތަށް ލަފާދެއެވެ.  

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ރޭގަނޑު ގިނައިންކާ މީހުންކަން ދިރާސާތަކުން ދައްކައެވެ. ނަމަވެސް އެއީ ޞިއްޙަތަށް ގެއްލުންހުރި ކަމެކެވެ. އެއިގެ އިތުރުން ފަތިސްނަމާދަށް ހޭލަން ގިނަބައަކަށް އުނދަގޫވާ ސަބަބެއްވެސް މެއެވެ.  

ބަނޑުފުރެންދެން ކެއުމަކީ ނަމާދުކުރުމަށް އުނދަގޫވާ ކަމެކެވެ. ވީއިރު ފަތިސް ނަމާދަށް ހޭލަން ހުރަސް އަޅާ، ނަމާދުކުރަން އުނދަގޫވާ، ޢާންމު ދިރިއުޅުމަށް ވެސް އުނދަގޫވާ، ފަލަވާ، އިތުރު ސަރުބީ ޖަހާ، މީހާ ކަންނެތްވެ ލޮޑުވާ ކަމެއް ނުކުރުމަށްވުރެ ރަނގަޅުގޮތެއް ނެތެއް ނޫންހެއްޔެވެ؟ 

ފަތިސް ނަމާދަށް ނުހެލެވޭ އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ އެއް ކަމަކީ ބަނޑުފުރާ ކައިގެން ނިދުމެވެ. ޚާއްޞަކޮށް ރޭގަނޑުގެ ކެއުމުގައި ބަނޑުފުރެންދެން ކެއުމެވެ.  ނަމަވެސް ގިނަ ބައަކަށް މިހާރު ނިދޭކަމަށްވަނީ ގެއިން ކައިބޮއި ހެދުމަށްފަހު ބޭރުންވެސް ކޮންމެވެސް ތަނަކުން ކޮންމެވެސް އެއްޗެއް ކައިގެންނެވެ. މިއީ ޞިއްޙަތަށްވެސް އެހައިމެ ގެއްލުން ބޮޑު ކަމެކެވެ.  

ކައު އިތުރު ރަސޫލާ މުޙައްމަދު ()ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އަބަދުވެސް ކާންޖެހެނީ ބަނޑުގެ ތިންބައިކުޅަ އެއްބައަށެވެ. އެނެއް ތިންބައިކުޅަ އެއްބައި ޚާއްޞަ ކުރަން ޖެހެނީ ބޯ ފެނަށެވެ. ބާކީ ހުރި ތިންބައިކުޅަ އެއްބައި ބަހައްޓަން ޖެހެނީ ހުސްކޮށެވެ. އެއީ ނޭވާލުމަށް ފަސޭހަކުރުމަށްޓަކައެވެ.  

މީގެ 1400 އަހަރުކުރިން، ސައިންސުގެ އެއްވެސް ހޯދުމެއް ނެތް ޒަމާނެއްގައި ކައު އިތުރު ރަސޫލާ މުޙައްމަދު () ޙަދީޘްފުޅު ކުރައްވަވާފައިވާ މިބަސްފުޅުގެ ތެދުކަން މިއަދުގެ ސައިންސްވެރިން ވަނީ ސާބިތުކޮށްފައެވެ. ޑޮކްޓަރުން ގެންދަނީ އެކަމަށް އަމަލުކުރުމަށް އިރުޝާދުދެމުންނެވެ 

މިއީ އިމާމް ޝާފިޢީގެފާނުގެ ބަސްފުޅެއްގައިވެއެވެ.  

"ގިނައިން ކެއުމަކީ ކަންނެތް ކަމާއި ސިކުނޑިން މަސައްކަތް ނުކުރެވުމާއި ގިނައިން (ކޮންމެހެން ބޭނުންވާ ވަރަށްވުރެ) ނިދުން ފަދަ ކަންކަން މެދުވެރިވާ ސަބަބަކަށްވާތީ އެކަންކަމުން ސަލާމަތް ވުމަށް ބަނޑުފުރާ ނުކައި ހުންނަތާ މިހާރު 16 އަހަރުވެއްޖެއެވެ."  

މިއީ އިސްލާމް ދީނުގެ އިމާމުން އަމަލުފުޅު ކުރެއްވެވި ގޮތެވެ.  ފަތިސް ނަމާދަށް ނުހޭލެވޭ މީހާއަށް އެވަނީ މުޅި ދުވަސްގެއްލިފައެވެ. ވީއިރު މިކަންކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟

 

 -އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން